150ރަށުގާ ފެނަކަ ޔުޓިލިޓީ ހިދުމަތްދޭ- ދަރަނި އަދާކުރާނެ
މި ވެރިކަމުގައި ރަށްރަށަށުގާ ފެނަކައިން 530 ކެޕިޓަލް އިންވެސްޓްމަންޓް ގާއިމުކުރި
ރާއީސް ސާލިހުގެ ވެރިކަމުގައި ފެނަކައިން 530 ކެޕިޓަލް އިންވެސްޓްމަންޓް ރަށްރަށުގައި ގާއިމުކޮއްފިއެވެ. މީހުން ދިރިއުޅޭ 186 ރަށުގެ ތެރެއިން 150 ރަށުގައި ޔުޓިލިޓީގެ ހިދުމަތްތައް ދެމުން ދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ރާއްޖޭގެ އަބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުނަށް އަސާސީ ޔުޓިލިޓީ ހިދުމަތްތައް ކުރުމުއްދަތެއްގެ ތެރޭ ދިނުމަށް ކުރެވޭ މަސައްކަތުގައި 132 މިލިޔަން ރުފިޔާގެ ދަރަނި އިތުރު ވުމަކީ ސިއްސައިގެ ދާވަރުގެ ކަމެއް ނޫނެވެ.
އެތައް ޒަމާނެއް ވަންދެން ގާއިމުނުކޮށް އިހުމާލު ކޮއްލާފައި އޮތް އަސާސީ ހިދުމަތްތައް ގާއިމު ކުރުމަކީ ދަރައިގެން ވެސް ކުރަން ޖެހިފައި އޮތް ކަމެކެވެ.
އަސާސީ ޔުޓިލިޓީ ހިދުމަތްތައް ރަށްރަށުގައި ގާއިމުކޮށް ނުދީ ޔާމީނު ސަރުކާރުން ފެނަކަ 1.2 ބިލިއަނުން އޮތީ ދަރުވާލާފައެވެ. އެ ދަރަނި އޮތް ވާހަކަ ނުދައްކާ ފެނަކައިން މިހާތަނާ ޖެހެން ދެންވެސް އޮތީ އެ ދަރަނި ނެތިގެން ނޫނެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވެރި ކުރުވާފައި އޮތް ދަރަންޏަކަށް ވިޔަސް އެ ދަރަންޏާ ފެނަކައިން ޒިންމާ ވާތީއެވެ.
އެހެނަސް މިއަދު އެ ވާހަކަ ދައްކަން ޖެހެއެވެ. އެ ވާހަކަ ދައްކަން ޖެހެނީ ރައްޔިތުންނަށް ފެނަކައިން ދޭ ހިދުމަތްތައް ދިނުން ހުއްޓުވުމަށްޓަކައި ކުރިން ފެނަކަ ދަރަނިވެރި ކުރުވި މީހުން ރައްޔިތުން ބިރު ގަންނަވާތީއެވެ. ފެނައަކަށް ރައްޔިތުން ކުރާ އިތުބާރު ކަނޑުވާލުމަށް މަސައްކަތް ކުރާތީއެވެ. ހީވާގި ފެނަކަ ޓީމުގެ ބަދަހި ސަފު ރޫޅުވާލަން މަރުދޭތީއެވެ. ފެނަކަޓީމާ އަލަށް ގުޅޭ މީހުން މާޔޫސް ކުރުވާ ފެނަކަ މެނޭޖުމެންޓާއި މެދު ޝައްކު އުފައްދާތީއެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދަކީ ހަގީގަތާ ހިލާފަށް ފަތުރާ ދޮގު ވާހަަކަތަކާ ހުރެ ރައްޔިތުންނަށް ދޭ ހިދުމަތްތައް ފޯރުކޮށް ދެއްވުމުގައި އެންމެ ނަރެއް ވެސް ދޫކުރައްވާނެ ބޭފުޅެއް ނޫނެވެ. ދޮގު ތުހުމަތު ތަކުން ބަރީއަ ވެވަޑައިގަތުމަށް ވަޑައިގަންނަވަން ޖެހޭ ތަނަކަށް ވަޑައިގަތުމަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއްނޫނެވެ. ސައީދަކީ ފަތުރާ ފިތުނަ ވެރި ވާހަކަ ތަކަށް ބެއްލެވުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ލިބިވަޑައިގެން ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާ ބޭފުޅެކެވެ.
މިހާރު ރަށްރަށުގައި ކުރިއަށްދާ އުމްރާނީ މަސައްކަތްތައް ނިމުމުން އެ ހަރަދުތައް އެ ގޮތަށް އަލުން ކުރަން ނުޖެހި ދަރަނި ހަލާސް ކުރުމަށް ފައިސާ ހޯދޭނެ މަގުތައް ފަހިވެގެން ދާނޭކަން ފެނަކަ އެމްޑީ ދެނެ ވަޑައިގަންނަވައެވެ. ކެޕްޓަލް އިންވެސްޓްމެންޓްތައް ކުރުން ނިމި ދަރަނިތައް ހަލާސް ކުރެވި އަގުހެޔޮ ލުއިފަސޭހަ ޔުޓިލިޓީގެ ހިދުމަތް ތަކުގެ ނަފާ އަވަސް މުސްތަގުބަލެއްގައި ލިބޭނެހެން ފެނަކައިން އަމާޒު ހުރީ ހިފާފައެވެ. ގާއިމު ކުރެވޭ ހިދުމަތް ތަކުގެ އަދަދާ ފެންވަރަށް ބަލާއިރު ދަރނި އަދާ ނުކުރެވިގެން އުޅެން ނުޖެހޭނެކަން އެމްޑީ ސައީދަށާއި ފެނަކަ ބޯޑަށް އެނގެއެވެ.
ރައީސް ސާލިހުގެ ރިޔާސީ ވައުދު ތަކުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަސާސީ ޔިޓިލިޓީ ހިދުމަތްތައް ގާއިމު ކުރުމަށެވެ. އެމްޑީ ސައީދު އިސްވެ ހުންނަވާ އެ ކުރައްވަނީ އެ މަސައްކަތެވެ. ސައީދު ވިދާޅުވާހެން ރައީސް ސާލިހު އުޅުއްވަނީ ގަނޑުވަރުގައި ފައިސާ ގުނުއްވާކަށް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރައްވާށެވެ.