އެސްޓީއޯގެ ހިންގުންތެރިކަން: ނަފާވެރިވުމުގެ ސިއްރު

13 ޕަސެންޓްގެ ކުރިއެރުމެއް ތިންވަނަ ކުއާޓަރގައި ލިބުނީ ހަމަ ހުރެފައެއް ނޫން.

އެސްޓީއޯގެ ހިންގުންތެރިކަން: ނަފާވެރިވުމުގެ ސިއްރު

އެސްޓީއޯގެ ކާމިޔާބީގެ ސިއްރަކީ ކުންފުނީގެ ހިންގުންތެރިކަމެވެ. މުޅި ދުނިޔެ އޮތީ އިގްތިސާދީ ދަތިކަމެއްގެ ތެރޭގައެވެ. އެކަމުގެ ގޮންޖެހުންތައް އެސްޓީއޯއަށް ވެސް ކުރިމަތިވާނެއެވެ. ދުނިޔެ ދެކޭ ލޮޅުން ތަކުން އަރައިގަނެ އެސްޓީއޯ ނަފާވެރިކަންމަތީ ދެމިއޮންނަކަން ކިތަންމެ ރަނގަޅަކަށްވެސް ސާބިތުވެއެވެ. އެކަން ސާބިތުވަނީ އެއް ކުއާޓަރ އިން އަނެއް ކުއާޓަރއަށް ނަފާވެރި ކުންފުންޏެއް ގޮތުގައި ކުރިއަށް ދާތީއެވެ.  އާދަޔާހިލާފަށް ރަނގަޅަށް މެނޭޖުކޮށްގެން ކުރިއަށް ގެންދެވޭތީއެވެ. މި އަހަރުގެ 3 ވަނަ ކުއާޓަރގެ ރިޕޯޓުން އެކަނިވެސް އެކަން އެނގެއެވެ.

މިކަހަލަ ދަނޑިވަޅެއްގައި އެސްޓީއޯއިން ކުރަމުން ގެންދާ ވިޔަފާރީތައް ރަނގަޅަށް އިންތިޒާމުކޮށް އިސްރާފު ކުޑަކޮށް މެނޭޖުކުރުމަކީ ކުޑަކަމެއް ނޫނެވެ. މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރު މަކީ އަމްދުން އެންމެ އުދަގޫ އެއްކަމެވެ. އެހެން ނަމަވެސް ވިސްނުންތެރިކަމާ ރޭވުން ތެރިކަމާއެކު އެސްޓީއޯއިން އަންނަނީ އެކަންކަން ކުރަމުންނެވެ. އެކަމުގެ ހެއްކަކީ މިއަހަރުގެ ދެވަނަ ކުއާޓަރއަށް ވުރެ ތިންވަނަ ކުއަރޓަރގެ ހިންގުމުގައި 18 ޕަސެންޓްގެ ފައިދާއެއް ހޯދުމެވެ. 217 މިލިއަން ހިންގުމުގެ ފައިދާގެ ގޮތުގައި 2 ވަނަ ކުއާޓަރގައި ލިބިފައި އޮތް އޮތުން 3 ވަނަ ކުއާޓަރގައި 255 މިލިޔަން ރުފިޔާއަށް ބަދަލު ކޮށްލެވެނީ ލައްކަ ހުޝިޔާރު ވެގެންނެވެ.


ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވެ ފައިސާ ހޭދަކުރުން އިތުރު ވެފައިވާ ވަގުތެއްގައި ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ހަރަދު ބޮޑުތަނުން ކުޑަކުރެވުނީ ފިސާރި ހިންގުންތެރިވެގެންނެވެ.

ނަތީޖާއެއްގެ ގޮތުން މުޅި ކުންފުނީގެ ސާފު ފައިދާ އިތުރުވެގެން ދިޔައީއެވެ. ދެވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި އޮތީ 458 މިލިއަން ރުފިޔާއެވެ. 13 ޕަސެންޓްގެ ކުރިއެރުމެއް ތިންވަނަ ކުއާޓަރގައި ލިބުނީ ހަމަ ހުރެފައެއް ނޫނެވެ. ވަރުގަދަ މެނޭޖުމެންޓެއްގެ ގާބިލުކަމާ ދުރު ވިސްނުމާ ހިންގުންތެރިކަމުންނެވެ. 3 ވަނަ ކުއާޓަރގެ ޖުމްލަ ފައިދާ  515 މިލިއަން ރުފިޔާ އަށް ބަދަލު ވެގެން ދިޔުމުގެ ހަގީގަތަކީ އެއީއެވެ.