ކަރަންޓުން ކުރާވައްކަން ހުއްޓުވަން މުއިއްޒަށް ކެރޭނެތަ!
ކަރަންޓުން ވައްކަން ކުރުމަކީ މާލޭ އިންޖީނުގެއިން ކުރާކަމެއް
ރައީސް މައުމޫނު ވެރިކަމުއްސުރެ ކަރަންޓުން ވައްކަން ކުރުމަކީ މާލޭ އިންޖީނުގެއިން ކުރާކަމެކެވެ. އިލެކްޓްރިކް ސިޓީ ބޯޑް ކިޔަސް ސްޓެލްކޯ ކިޔަސް އެ ތަނަކީ ހަމަ އެއްތަނެކެވެ. ކިޔާ ނަން ތަފާތީއެވެ. ކުރަނީ ކަރަންޓުން ވައްކަމެވެ.
މާލޭ އިންޖީނުގެއިން ރައްޔިތުންގެ ޖީބުކަނޑަން ގެންގުޅޭ އެންމެ އާއްމު އުކުޅަކީ ޖެނެރޭޓަރ ތަކުން އާރުޕީއެމް ދަށްކުރުމެވެ. އާރުޕީއެމް ދަށްކުރުމުން ލިބެންވާ ވަރަށް ގޭގެޔަށް ކަރަންޓް ނުލިބުމުން އެމްޕިއަރ މައްޗަށް ގޮސް މީޓަރަށް ބާރުބޮޑުވެ އަތުފަތު ނުޖެހޭ ވަރަށް ގޭގޭގެ މީޓަރު ހިނގައިގަނެއެވެ. ކަރަންޓުގެ ވޯލްޓޭޖް ދަށްވީމާ އެމްޕިއަރ މައްޗަށް ދާނެކަން ކުޑަކުއްޖަކަށްވެސް މިޒަމާނުގައި އެނގޭނެއެވެ. ނޭނގޭކަށް އެއްޔަކީ ރޮކެޓް ސައިންސެއް ނޫން ވިއްޔާއެވެ.
ކުރިއްސުރެ ކަރަންޓުން ކުރަމުންއައި އެއް ވައްކަމަކީ މީޓަރ ޓެސްޓް ކުރުމެވެ. ގޭގޭގާ ހަރުކުރާ މީޓަރުތައް އިންޖީނުގެއަށް ގެންދަން މަޖުބޫރު ކުރުވައިގެން ގެންގޮސް 5 ވޮޓުގެ ބޮތްކެއް ދިއްލީމާ 15 މިނިޓް ތެރޭގައި ކަރަންޓު ޔުނިޓެއް ހިނގާގޮތަށް މީޓަރުތައް އެޖެސްޓު ކުރަނީއެވެ. މީޓަރ އެޖެސްޓު ކޮއްގެން ކުރަންފެށި ވައްކަން ދުވަސް ވީވީހެން އައީ ބޮޑުކޮށް ފުޅާ ކުރަމުންނެވެ. މިހާރު މިއޮތީ ހައްދުން ނައްޓާފައެވެ.
ކުރީގެ މެނުއަލް މީޓަރތަކުން ޑިޖިޓަލް މީޓަރަށް ހިޖުރަކުރުވީވެސް ކުރިއަށްވުރެ އިތުރަށް ފައިސާ ހޯދުމަށެވެ. މިހާރު އެންމެން ބޭނުން ކުރަމުންދާ ފައިވް މިލިއެމްޕިއަރގެ ފޯން ޗާރޖަރތައް ފަދަ އާލާތް ބޭނުން ކުރީމާ މެނުއަލް މީޓަރގެ ކަށިހަލާވެސް ނުލުމަކީ ކިހާބޮޑު ގެއްލުމެއް ހެއްޔެވެ. މިލިއެމްޕިއަރެއްގެ މިންވަރުވެސް ރައްޔިތަކަށް ހިލޭލިބިގެން ނުވާނެތާއެވެ. ކޮންމެ ކޮންޒިއުމަރަކީވެސް ޑިޖިޓަލް މީޓަރަކަށް ނުހަދައެއް ނުވާނެތާއެވެ.
މޮޅެތި ހަމައަޅައިގެން ޖީބުކެނޑުމަކީ ސްޓެލްކޯއިން އަބަދުމެ ކުރާކަމެކެވެ. ކަރަންޓް ބިލް ބޮޑުވަނީ އެހެން ވެގެންނޭ މިހެން ވެގެންނޭ ބުނެ ދައްކާ ހަމަތައް ބުއްދި ގަބޫލެއް ނުކުރެއެވެ. ވަކި އެއްހަމައެއްގައި އާއްމުކޮށް ކަރަންޓް ބިލްތައް ހިފެހެއްޓިފައި ހުންނަ ތަންތަނަށް އައި އިތުރު ބަދަލެއް ނެތި ކުއްލިޔަކަށް ދެގުނަ ތިން ގުނަޔަށް އަރައިގެން ދިޔައިމާ ވަގަށްވެސް ގޮވާނެއެވެ. ކުރިއްސުރެ ދުވަހަކު ފަންކާ ނިވާނުލާ 24 ގަޑިއިރު ހުންނަ އެޕާރޓްމަންޓެއްގައި އޭސީ ނެތި ޖައްވު ހޫނުވެގެން ކުއްލިޔަކަށް ކަރަންޓް ބިލް ދެ ގުނަ ތިން ގުނައަށް ބޮޑުވުމަކީ ޖާދޫއެކެވެ. އަރަތެކެވެ.
ކަރަންޓް ބިލާމެދު މައްސަލައެއް އޮތިއްޔާ ސްޓެލްކޯއަށް ހުށަހަޅައިގެން ހައްލުކުރާށޯލައެވެ. އަޖައިބެކެވެ. ބިލުގައި އޮންނާނީ ކޮން މައްސަލައެއް ހެއްޔެވެ. އެއްވެސް މައްސަލައެއް ބިލަކުން ނުފެންނާނެއެވެ. ބިލްކުރާނީ ދޫކުރާ ކަރަންޓް ދަށްކޮށްގެން އެމްޕިއަރ މައްޗަށް އަރުވާލައިގެން އެނބުރި ގަންނަ މީޓަރުން ދައްކާ ޔުނިޓަށެވެ. އެހެންވީމާ ބިލު އޮންނާނީ ރަނގަޅަށެވެ.
ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތަކީ ބޮޑުފައިދާ ހޯދަން ކުރާ ވިޔަފާރިއަކަށް ވުމުން ނުވެ ނުދާނެ ގޮތް މިހުރެ ވަނީއެވެ. މީހުންގެ ޖީބު ކަނޑައިގެންވެސް ބޮޑުފައިދާ ހޯދެނިކޮށް ނިމުނީތާއެވެ. ތަން ހިންަން ތިބޭ މީހުންގެ ބޮލުގައި އޮންނަނީ ކޮންމެ ގޮތެއް ހަދައިގެންވެސް މިލިޔަން މިލިޔަނުން ކޮންމެ މަހަކުވެސް ފައިދާ ހޯދުމެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެއްވަރުގެ މުސާރައެއް ލިބޭ އެމްޑީންގެ ހުންނާނީ އެހެން ކޮން ވިސްނުމެއް ހެއްޔެވެ.
ކަރަންޓް ކުރާ ވައްކަން ހުއްޓުވަން ޖިނާއީ ތަހުގީގެއް ނުހިންގާ މިހާރަކު ވާކަށްނެތެވެ. ހިތްވަރެއް ހުރެގެން ކަރަންޓުކުރާ ވައްކަން ބަލައި ފިޔަވަޅު އަޅަން ރައީސް މުއިއްޒަށް ކެރޭނެ ހެއްޔެވެ. ނުކެރޭނެއެވެ.