އިޒްރޭލް ޕާސްޕޯޓް ބޭންކުރަން ކެބިނެޓަކުން ނުނިންމާ!

ބޭނުމަކީ ކަމެއްކުރަން އުޅޭކަން ދައްކައިގެން ވަގުތު ދުއްވާލުން

އިޒްރޭލް ޕާސްޕޯޓް ބޭންކުރަން ކެބިނެޓަކުން ނުނިންމާ!

މުއިއްޒާއި އޭނާގެ ކެބިނެޓުން މިއުޅެނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ. އިޒްރޭލްގެ ޕާސްޕޯޓް ބޭންކުރަން ސަރުކާރުން ނިންމައިފިކަމަށް ބުނެ ނޫސްތަކުން ފަލަސުރުހީ ހައްދަން މޮޅެތި ޗައްކަރު ޖެއްސަސް އެކަކަށް އެކައްޗެއްވެސް ނޯޅެއެވެ. އިޒްރޭލް ޕާސްޕޯޓް ބޭނުކުރާކަށް ކެބިނެޓަކުން ނުނިންމައެވެ. ނުވެސް ނިންމާނެއެވެ. އެކަން އޮންނާނީ ވެވަށްވެއްޓުނު ގެރިއަށް ހަދާފައެވެ.

ކިހާ ފައްކާ ހެއްޔެވެ. ވަޒީރުންގެ މަޖިލީހުން މިއަދު ފަލަސްތީނާބެހޭ ނިންމުންތަކެއް ނިންމައިފިއެވެ. އެއްވެސް ނިންމުމެއް ނިންމީ އިޒްރޭލު ޕާސްޕޯޓް ބޭންކުރާކަށް ނޫނެވެ. ހުރިހާ ނިންމުގެ ނިޔަތަކީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ނުހުއްޓުވުމެވެ.

ނިންމުން ތަކުގެ ނިޔަތް:

  1. އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށް ކެބިނެޓުން ނިންމީމާ ޕާސްޕޯޓް ބޭން ކުރިކަމަށް ވާނެހެއްޔެވެ. އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުރަސްއަޅާ ގާނޫނެއް އަދި ގާނޫނީ ސަބަބެއް ބުނެއެއް ނުދެވެއެވެ. ބުނެދޭކަށް ބޭނުމެއްވެސް ނޫނެވެ. ބުނެވޭނީ އެކަން ނުކުރެވޭނެ ގާނޫނީ ސަބަބެއް އޮތްނަމަތާއެވެ. އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުރަސްއެޅޭ ސަބަބުތައް ދެނެގަތުމުގެ ނަމުގައި ވަޒީރުންގެ މަޖިލީހުން ކޮމެޓީއެއް ހަދައިގެން ގިރަން އެއުޅެނީ ރަނބައެވެ. ބޭނުމަކީ ކަމެއްކުރަން އުޅޭކަން ދައްކައިގެން ވަގުތު ދުއްވާލުމެވެ.
  2. މާއޯގާތެރި ބަޔަކަށް ހެދިގެން ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭކަންކަން ދެނެގަތުމަށް ރައީސް ސްޕެސަލް އެންވޯއިއެއް ކަނޑައަޅައިގެން އެ މީހަކަށް ދައުލަތުން މިލިއަން މިލިއަނުން ޑޮލަރު ތަޅާލުން ނުން ކަމެއް އެކަމަކުން ނުވާނެއެވެ. ފަލަސްތީނަށް އެހީގެ ގޮތުގައި ދޭއެއްޗަކަށްވުރެ ރައީސް ސްޕެސަލް އެންވޯއި އަށް ކުރާ ހަރަދު ބޮޑުވާނެއެވެ.
  3. ޔޫއެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަކީ ކޮށްފިއްޔާ ވަރަށްވެސް ރަގަޅުކަމެކެވެ. ގައުމީ ފެންވަރެއްގައި އެކަން ނުކޮށް ލަސްކޮށް ފަސްކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެކަމުގައިވެސް ފޮރުވެފައިވާ ސިއްރަކީ އެމެރިކާ ރުއްސުމެވެ.
  4. "ފަލަސްތީނާއިއެކު ދިވެހިން" ތިބިކަން ހަގީގީމާނާގައި އަންގާދޭ ހިނގާލުމެއް މުޅި ރާއްޖޭގައި ބާއްވާލެވޭވަރުގެ ހިތްވަރު ހުރިކަމާމެދު ޝައްކެވެ. އެމެރިކާއިން ހުއްދަ ނަގައިގެން ދައްކާލުމެއްގެ ގޮތުގައި ނޫނީ ތިޔަވަރުގެ އެއްވުމެއް ބާއްވާނެ ހިތްވަރެއް މުއިއްޒުގެ ނުހުންނާނެއެވެ. ހިއްވަރު ހުރިއްޔާ ތިޔަ ހިނގާލުމެއް ބޭއްވުމުގެ ކުރީން އިޒްރޭލު ޕާސްޕޯޓް ބޭންކޮށް އިޒްރޭލްގެ މަސްލަހަތު ހުރި ހުރިހާ ވިޔަފާރިއެއް ވަގުތީ ގޮތުން ނަމަވެސް ސަސްޕެންޑް ކޮށްލާށެވެ. ސަސްޕެންޑް ކުރާނީ ނައިބު ވަޒީރުން ސަސްޕެންޑް ކުރާހެނެއް ނޫނެވެ. 

ކޮންހާ ފޮނި ވާހަކައެއް ހެއްޔެވެ. ފަލަސްތީނުގެ މުސްލިމު މިތުރުންނަށް ބޭނުން ވަނީ ކޮންކަމެއް ކަންނޭގޭ އޮތީ ކޮން އިސްލާމީ ގައުމެއްހެއްޔެވެ. ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަޞްޠީނުގެ މައްސަލައިގައި ކުރެވޭނެ ކަމެއްނެތެވެ. ޖުއްބާއާއި ކޯޓުފަޓްލޫން ލައްވައިގެން ހުރިހާ ވެރިން އެއްވެގެން މަޝްވަރަކުރާކަށް ރާއްޖެއިން އުޅޭކަށް ނުޖެހެއެވެ. އެވަރުގެ ހަރަދު ބަރަދު ކުރެވޭވަރުގެ ގައުމަކަށް ރާއްޖެނުވެއެވެ. ކުރެވޭވަރުގެ ކަންކަން ކުރަން ނޫޅެ ނުކުޅަދާނަވަރު ކަންކަން ކޮށްގެން އުރުދުގާނު ހެދެން މުއިއްޒެއް ކަމަކު އުޅޭނެކަމެއް ނެތެވެ.