އަޅުތަކުންގެ ފަތް ހިސާބުކުރަން ހުންނާނީ އަލީ ރަމީޒެއް ނޫން

އަލީ ރަމީޒު ކަންދަހާރު ޖުއްބާގައި ބޮލުފަގުޑި ބަނދެ މީހުންގެ އިސްލާމްކަން ގިންތިކުރުން

އަޅުތަކުންގެ ފަތް ހިސާބުކުރަން ހުންނާނީ އަލީ ރަމީޒެއް ނޫން

ދީނީ ގޮތުން ޑރ. އިޔާޒު ދިޔަމަގަކުންވެސް އަލީ ރަމީޒަކަށް ނުހިނގޭނެއެވެ. ޑރ. އިޔާޒު ދީނަށް ފުރައްސާރަ ކުރުމަށް ކުރެއްވި ކަމެއް މުޅި ހަޔާތްޕުޅުން ވެސް ނުފެންނާނެއެވެ. އަލި ރަމީޒު އެހެން ހެއްޔެވެ. އިލްމާ އަމަލުގައިވެސް ޑރ. އިޔާޒާއި ޖަދަލުކުރެވޭ ވަރުގެ ގާބިލުކަމެއް އަލީރަމީޒުގެ ކިބައަކުނުވެއެވެ. 

ޑރ. އިޔާޒަކީ ދީނީ އިލްމުވެރިއެއްގެ ލޭބަލް ޖައްސަވައިގެން އުޅުއްވާ ބޭފުޅެއް ނޫނެވެ. މުޅި އިސްލާމީ ދުނިޔެ ގަބޫލު ކުރާ ދީނީ އިލްމްވެރިއެކެވެ. ކަންދަހާރުގެ ޖުއްބާ ލައިގެން ބޮލުގައި ފަގުޑި ބަނދެގެން އުޅުނަސް އަލީ ރަމީޒަކީ ދީނީ ވާހަކަ ދައްކާ މީހުންގެ އިސްލާމްކަން ގިންތިކުރަން ކާކުހެއްޔެވެ.

އިސްލާމް ދީނުގެ ހުރުމަތް ކެނޑޭ ގޮތަށް ޑރ. އިޔާޒް ކުރެއްވި އެންމެ ޓްވީޓެއް ވެސް އަލީ ރަމީޒު ނިކަން ދައްކަބަލާށެވެ. އަލީ ރަމީޒަކީ އިސްލާމް ދީން ކަމަށް ހެދިގަނެގެން އަލީ ރަމީޒު އުޅޭހާ ގޮތަކީ މުސްލިމުންގެ ގޮތްކަމަށް ދެއްކި ގަނެގެން ރޯނު އެދުރު ހެދިގެން އުޅޭ އުޅުން ދިވެހިން ދަނެއެވެ. 24 ގަޑިއިރު ޑރ. އިޔާޒު ކުރައްވަންވީ ކަމަކާއި އުޅުއްވަންވީ ގޮތެއް އެގޭނީ އަލީ ރަމީޒަށް ހެއްޔެވެ. ވަކަރުގޭ ކުދިން ގޮތަށް ދުލަށް އައިހާ އެއްޗެއް ގޮވާ ޓުވީޓް ކުރުމުގައި އަލީ ރަމީޒަށް ވުރެ ވަކީން އަރާހުރި މީހަކު ނެތެވެ.

މުސްލިމު ދިވެހި ރައްޔިތުންގެ ތެރެއިން ވަކި ބަޔަކު " ލާދީނީ ބައިގަނޑު" ގެ ގޮތުގައި ލޭބަލު ކުރަން އަލީ ރަމީޒަށް އިސްލާމު ދީން އެންގީ ކޮން އިރަކު ހެއްޔެވެ. އަލީ ރަމީޒާއި އަލީ ރަމީޒު ގަބޫލު ނުކުރާހާ ބަޔަކީ މުސްލިމުން ނޫން ކަމަށް ކަނޑައަޅަށް ބާރު ލިބުނީ ކޮން އިރަކު ކިހިނެތް ހެއްޔެވެ.

އިސްލާމީ އިލްމާއި އަހުލާގާއި ސަގާފަތާއި ޑރ. އިޔާޒުގެ ކިބައިގާ ހުރިވަރާ ގަތަށް ވެސް އަލި ރަމީޒުގެ ކިބައިގައި ނުހުންނާނެކަން ޔަގީނެވެ. އަލީ ރަމީޒު ތާއީދު ކުރާ ސިޔާސީ ފިކުރުގެ އަންހެނުންތަކެއް ޑރ. އިޔާޒްގެ ފަހަތްޕުޅުން ދުވެ އާޑަ ފުރައްސާރަކޮށް އިބިލީހަށް ގޮވިގޮވުމަކީ ރަނގަޅު ދީނީ ކަމެއް ކަމަށް ދައްކަން އަލީ ރަމީޒު މަސައްކަތް ކުރުމުން ތިމާގައި އިސްލާމީ އަހުލާގުގެ ކަންފުޅެއް ވެސް ނެތްކަން ޔަގީން ވެއްޖެއެވެ. 

ޑރ. އިޔާޒް ކުރައްވާ ޓްވީޓެއް ނުވަތަ ދެއްވާ ފަތުވާއެއްގައި މާތް ރަސްކަލާންގެ ހައްގު ދީނާ ފުށުއަރާ ގޮތަށް ދެއްކެވި އެންމެ ވާހަކަފުޅެއް ވެސް އަލީ ރަމީޒަކަށް ނުދެއްކޭނެއެވެ. އެވަރުގެ އިލްމީ ގާބިލުކަމެއް އަލީ ރަމީޒުގެ ނެތެވެ. ޑރ. އިޔާޒު ވިދާޅު ވަނީ ބުހުތާން ދޮގުކަމަށް ބުނާނީ އަލީ ރަމީޒުގެ ޖާހިލު ކަމުންނެވެ.

އަޖައިބެކެވެ. އަލީ ރަމީޒަކީ ﷲގެ ހަޒްރަތަށް ހުއްޓެން ނުޖޭހޭނެ މީހަކީ ހެއްޔެވެ. ގިޔާމަތް ދުވަހުން އަޅުތަކުންގެ ފަތް ހިސާބުކޮށް ސުވަރުގެ ވަންތަ ވެރީންނާއި ނަރަކައިގެ އަހުލުވެރިން ކަނޑައަޅަން ހުންނާނީ އަލީ ރަމީޒެއް ނޫނެވެ. ޑރ. މުއިއްޒެއް ސަލަފް ޖަމް އިއްޔާއެއްވެސް ނޫނެވެ.