ނޮވެންބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި2
ކާމިނީގޭ ވެރިކަމަށް އޭރު އޮތް ބިރަކީ އިލްޔާސް އިބްރާހީމް
ވެރިކަން ދޫކޮށްލަން ނާސިރު ނިންމެވި އިރު އަރިހުގައި ހުންނެވި އެންމެ އިތުބާރު ހިފޭ ހިންގުންތެރި ބޭފުޅަކީ އެންދެރިމާގޭ އިލްޔާސް އިބްރާހީމެވެ. އަން ކިޔާފައި ދިއްކޮށްލެވޭނެ ނަމަ ނާސިރަށް ފަހު ވެރިކަން ހަވާލު ކުރައްވަން ނާސިރު އެންމެ އެދިވަޑައިގަތް ބޭފުޅަކީ އިލްޔާސް އިބްރާހީމް ކަމަށް ދެކޭ މީހުން ގިނައެވެ. އިބްރާހީމް ނާސިރަކީ މާގިނަ ވާހަކަ ދައްކަވާ އަނގަޗަރާޑި ހެއްދެވިގެން ރަށުތެރޭގައި އަތް އުކާ ދެބުމަ ގޮއްޖަހައިގެން ކާމިނީގޭ ޔާމީނު ފަދަ "ޕާޓޭ" އަހުލާގު ދެއްކެވި ބޭފުޅެއް ނޫނެވެ. އެއީ ކަންކުރައްވާ އިރު ބަސްމަދު ކުރައްވާ ރައީސް އިބްރާހިމް މުހަންމަދު ސާލިހު ފަދަ ބޭފުޅެކެވެ.
މާލޭގެ ނަންހުރި ވަރުގަދަ އާއިލާ ތަކުގެ ލިސްޓަށް އެއް އިރެއްގައި ވެސް ކާމިނީގެއެއް ނާރައެވެ. މައުމޫނަށް ލެއްވި އެންމެ ބޮޑު ނަސީބަކީ ޅިޔަނު އެންދެރިމާގޭ އިލްޔާސް އިބްރާހިމެވެ. އޭރު އަދި ވަރަށް ޒުވާން ބޭފުޅަކަށްވާތީ ވެރިއެއްގެ ގޮތުގައި އިލްޔާސްގެ ނަން ދިވެހިންގެ އަރުން ދިރެން ދަތި ވާނެކަން ނާސިރަށް އެނގިވަޑައިގަނެއެވެ. އެހެން ކަމުން 1978 ގެ 10 އަހަރު ފަހުން 1988 ގައި އިލްޔާސް އިބްރާހީމް ވެރިކަމަށް ވަޑައިގަތުމާ ދެމެދުގެ ދޭތި ބެއްދިއެއްގެ ގޮތުގައި ނާސިރު މައުމޫނަށް އާނ ބަސް ނުދެއްވި ނަމަ މައުމޫނަކީ އެމީހާ ނޫންކަން ހޮދު މައުމޫނަށް އެނގި ވަޑައިގަނެއެވެ. ދުރު މީހަކަށް ވުރެ އިލްޔާސްއާއި މައުމޫނުގެ ގާތް ކަމަކީ ނާސިރުގެ ރުހުން މައުމޫނަށް ލިބި ވަޑައިގަތް ކަމަކަށް އޮތީ ވެފައެވެ.
ގާނޫނީ ގޮތުން ޑިފެންސް މިނިސްޓަރަކީ އޭރު ރައީސުލްޖުމްހޫރިއްޔާއެވެ. އެހާ ޅައުމުރު އިލްޔާސަށް ޑިފެންސްގެ ނައިބުކަމާ ދައުލަތުގެ އާރާ ބާރާ ބުރޯކަން އޮތުމަކަށް ކާމިނީގޭގެ ހިތް ހަލާލު ނެތުމަކީ އެކަން ވާނެ ގޮތެވެ.
މައުމޫނުގެ 10 އަހަރު ނިމި އިލްޔާސްގެ ތާރީހު ގާތް ވަމުން އަންނަ އިރު ޑިފެންސްގެ ނައިބާ ދެކޮޅަށް ފިސާރި ކަންތައް ގަނޑެއް ހިލުވާލެވި، އިލްޔާސް އިބްރާހީމް ޗާޓުން ބޭރު ނުވެއްޖެ ނަމަ އެއީ ކާމިނީގޭ ވެރިކަމަށް އޮތް ބިރެކެވެ.
މާލެ އެރިގޮތަށް ސިފައިންގެއަށް ހަމަލާ ދިނުމަށް ފަހު އިލްޔާސް އިބްރާހިމް ދިރިއުޅުއްވާ ކިނބިގަސްދޮށުގެ އަށް ދިޔަ މަގުތީގައި މައުމޫނު ދިރިއުޅުއްވާ ތީމުގޭ އަނބުގަހަށް ބަޑިތަޅާލުން ނޫން ކަމެއް ތަމަޅައިން ނުކުރެއެވެ. ވަންނަން ބަލައިފިނަމަ އޭރުގެ ތީމުގެ ހުރީ މާތިރި ފާރެއްލާ ދެރަވަރު ގޮތަކަށެވެ. އެކަމުން ގައިން ތެޔޮހަން ދިޔަ މީހަކު ވެސް ތީމުގެއަކު ނެތެވެ. ފަތިސް ވަގުތު ތީމުގެއިން ނިކުމެ ވަޑައިގެން މަޑުމަޑުން ހިންގަވާފައި ހަތިޔާރު އެޅި ތަމަޅައިން ކައިރިންލާފާ މ. ގުލިސްތާނުގެއަށް މައުމޫނާއި އާއިލާ ވަންނަވަން ދެން އެމީހުން ކުޑަވެސް ގޯނާއެއް ކޮށް ނުލާ ބަލަން ތިއްބެވެ. އެކަމަކު ތީމުގެއާއި މާދުރުން ފަރީދީމަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ މަސްހޫރު ގޯލު ކީޕަރު ހަމީޒު ބަޑިޖަހާ މަރާވައްޓާލި ތަމަޅައިން މައުމޫނު އަރިހުން ހޭވެސް އަހާނުލައެވެ.
އެހެނެއް ކަމަކު އިލްޔާސް ދިރިއުޅުއްވާ ކިނބިގަސްދޮށުގެއަށް ތަމަޅައިން ވަދެގަތެވެ. ސިފައިންގެ އޮފިސަރެއް ކަމަށްވާ ކުޑަނެވި ތުއްތުމަނިކުގެ މެއަށް ދާދި ގާތުން އަމާޒުކޮށް ބަޑިޖަހާ ޝަހީދު ކޮށްލިއެވެ. އިލްޔާސް އިބްރާހީމަށް ފުރާނަ އާއިގެން ސަލާމަތް ވެވުނީ ސިކުންތު ކޮޅެއްގެ ފަރަގުން އެ މަނިކުފާނުގެ އަނގުންތައް ބިނދިފައިވާ ހާލުކޮޅުގައި ކިރިޔާއެވެ. ކާމީނީގޭ ކުއްޖެއްގެ ގައިގާ ކޫރުމެއް ވެސް ނޭޅެއެވެ.
ހިނގާ ކަންކަމާ މެދު ނުވިސްނާ ތިއްބަކަސް އެނގޭނެ އެއްޗެއް ނޯންނާނެއެވެ. ބޭރުފުށުން ދައްކާ ކުލަވަރާ އިއްވާ އަޑާ މަންޒަރުގެ ބޮޑު ބަޔަކީ އޮޅުވާލުމެވެ.