މުއިއްޒު އުޅެނީ ގާނޫނުން ބަދެގެން ގޮށްމުށުން ވެރިކަންކުރަން
ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވާލަން ޖެހިއްޖެ!
ފޮރުވާނެ އެއްޗެއް ނުއޮންނާނެ ކަމަށް ބުނެ ވެރިކަމަށް އެރި މުއިއްޒު އަނެއްކާވެސް އުނބަށް ޖެހީއެވެ. ވެރިކަމަށް އަންނަ ވެގެން އުޅުނު އިރު ކަރުން ނާރުނަގާ ގޮވަމުން ދިޔައީ ހާމަކުރަން ޖެހޭ ވާހަކައެވެ. ސަރުކާރު ކީއްކުރަން ހެއްޔެވެ. ރައީސް މީހާގެ ވަތުއޮޑީގެ ތޭރިއަށް ދާންދެން އޮންނަން ޖެހޭ ކަމަށްވީ ހާމަޔަށެވެ.
އިބޫ ރައީސް ކަމުގައި ހުރިއިރު ހާމަ ކުރަން ނުޖެހޭ އެކައްޗެއްވެސް އޮތް ކަމަކަށް ނުވެއެވެ. ސަލާމަތީ ގޮތުން އެހެން ގައުމަކާއެކު ވެވޭ އެއްބަސްވުން ވެސް ހުންނަން ޖެހެނީ ދިމްޔާތު ފާރުގައި ހިއްޕާފައެވެ. ބަޑި ގުދަނުގައި ހުރިހާ ހަތިޔާރަކާ ވަޒަނަކާއި ހުންނަން ޖެހެނީ ޖުމްހޫރީ މައިދާނުގައި އަވީލާފައެވެ.
ރައީސް އޮފީހާއި ސަރުކާރުގެ މިނިސްޓްރީ ތަކުން ލިޔާހާ ލިޔުމަކާއި މުއައްޒަފުންގެ ވަތުބަތާނައަށް ދާންދެން އޮންނަން ޖެހޭނީ ނޫސްތަކަށް ނަކަލުކޮށްފައެވެ. ގައުމީ ސަލާމަތާއި ސިއްރަކީ އޭރަކު އޮތް އެއްޗަކަށް ވެގެނެއްނުވެއެވެ.
ރައީސް ސޯލިހު އެހެން ގައުމުތަކުގެ ވެރިޔަކަށް ސިޓީއެއް ފޮނުވިޔަސް ފޮނުވަން ޖެހެނީ މުއިއްޒަށް ދައްކާ އައުވާނުން ފާސް ކުރީމައެވެ. ދިޔަރެހުން ބޭނުންވެއްޖެ ކޮންމެ އެއްޗެއް ހާމަކޮށް ދައްކަން ޖެހެއެވެ. މާލިއްޔަތުގައި ހުންނަ ފައިސާއާއި މުދަލަކީ ވަކި ބަޔަކު ބޭނުންވީމާ ގޮސް ގުނާލެވޭ ގޮތަށް ހުޅުވާލެވިފައި ހަޒާނާ ހުންނަން ޖެހެއެވެ. ސަރުކާރާއި ދައުލަތް ބަރަހަނާކޮށް ގައުމުގެ އަދާވާތްތެރިންނަށް ދައުލަތުގެ ސިއްރުތައް އެނގުން އެއްޔަކީ އޭރަކު މައްސަލައަކަށް އެ މީހުންނަކަށް ނުވެއެވެ.
މޮރިޝަސްގެ ވެރިޔާއަށް ރާއްޖޭގެ ރައީސް ސިޓީއެއް ފޮނުވައިގެން އެ ސިޓީއެއް ނުދައްކައިގެން ވެސް ހީވީ އުޑުބޮލަށް ވެއްޓިގެން އުޅުނު ހެންނެވެ. އަވަށްޓެރި އިންޑިއާ އާއި އެކު 100 އަށް ވުރެ ގިނަ އެއްބަސްވުން ހަދާފައި އެބައޮތޭ ބުނެ އެޔެއް ހާމަ ނުކޮށްގެން ހީވީ ބިންގަނޑު ފައިދަށުން ދެމިގެން ފާނެހެންނެވެ.
ޕީއެންސީގެ ވެރިކަމެއްގައި ފޮރުވާނެ އެއްޗެއް ނުއޮންނާނެ ކަމަށް ބުނުމުން ވެރިކަން ހޯދީ އެ ބަޔަކު ދައުލަތުގެ އޮރިޔާން ބަލާހިތުންނެވެ. އެކަމަކު މިހާރު ދައުލަތުގެ އޮރިޔާން ނިވާނުވެގެން އުޅެ ގަތީއެވެ. ފޮރުވާނެއް އެއްޗެއް ނުއޮންނާނެ ކަމަށް ކުރިންބުންޏަސް އެކަމެއް އެހެނެއް ނުވިއެވެ. ހާމަ ނުކޮށްގެން އުޅުނު 100 އެއްބަސް ވުމުން އެންމެ އެއްބަސްވުމެއް ހާމައެއް ނުކުރެވުނެވެ. ނުވިތާކަށް އެއްބަސްވުން ހާމަކުރަން ވެރިކަމަށް އައިމީހުން ވީހާ އެއްބަސްވުންތައް ކުރީ ސިއްރެވެ.
ޗައިނާއާއި އެކު ވެވުނުހާ އެއްބަސްވުންތައް ލާފައިވަނީ ފައިތަޅާ އަޑިއަށެވެ. ޑްރޯން އެއްބަސްވުމާއި މުޅި މުއާމަލާތު ކުރީ ސިއްރެވެ. އިހަވަން ދިއްޕޮޅު ބަންކަރިން އެއްބަސްވުމާއި ތިނަދޫ އިންޓަނެޝަނަލް އެއަރޕޯޓް އެއްބަސްވުމާއި ރަސްމާލެ އެއްބަސްވުމާ ޖަހާލީ މުއިއްޒުގެ ކަބަޑަށެވެ.
ސަހަރޯއެވެ. މުއިއްޒަށް ވެރިކަމަށް އެރުނީމާ ގައުމީ ސަލާމަތާއި ދައުލަތުގެ ސިއްރަކީ އޮތް އެއްޗަކަށް ވެއްޖެއެވެ. ދިވެހިރާއްޖޭގެ ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވާލަން ޖެހިއްޖެއެވެ. ކްލެސިފިކޭޝަން ލެވެލް ތަކެއް ލައިގެން ދައުލަތުގެ އެކި ވަރުވަރުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ކަށަވަރު ކުރަން ޖެހިއްޖެއެވެ.
ބުނަން ހެއްޔެވެ. ދިފާއީ ވަޒީރު އެދިނީ ސަމާސާ މެސެޖެއް ނޫނެވެ. ގައްސާނު އެދިނީ ގާނޫނު ތަކުން ބަދެލައިގެން ގޮށްމުށުގެ ވެރިކަމެއް ކުރުމަށް މުއިއްޒު އަމާޒު ހިފައިގެން ހުރިކަމުގެ މެސެޖެވެ. ދައުލަތުގެ ސިއްރު ހިފެހެއްޓުމުގެ ނަމުގައި ރާވަމުން އެދަނީ މާސިންގާ ޖަރީމާއެކެވެ. ގައްސާނު މިއަދު އެދިން މެސެޖަކީ މަޖިލީހުން މުއިއްޒަށް ކިރިޔާވެސް ބާރެއް ލިބިއްޖެނަމަ ގާނޫނުގެ ތެރެއިން ގޮށްމުށުގެ ވެރިކަމެއް ކުރަން ތައްޔާރުވާ ކަމުގެ މަސެޖެވެ.