އިންވަކިކޮށްލަން މާގިނަ ދުވަހެއްނެތް
ގައުމު ގައުމައިގެން މި ހަމަޖެހުމާއެކު ކުރިއައްދިޔަދޭށެވެ.
މިހާރަކަށް އައިސް މި ފެންނަނީ އެކްސްޕަޔާރޑް ބަންޑާރަނައިބުންތަކަކާއި އަތުގުޅައިގެން މަހުޖަނު ގާސިމް އާއި ދައުލަތް އަންބޮނޑިއަށް ކަހާލައިގެން ޖަލުގައި އޮންނެވި ކުރީގެ ރައީސްއާއި ދެމޫނުގެ ވެރިޔާ މައުމޫނާއި، ފަކުރެއްގެ އަޅުވެތިކަމުން ބަދެވިގެން އުޅުއްވާ ރައީސާއި އެއްވެ މޮޑެލަން އުޅުނު މަސްހުނިގަނޑެކެވެ. ލޮނާއި މިރުސް އަޅާ ރަހަ ހެޔޮވަރުކޮށްލުމަށް ހަރުގަނޑު އުމަރާއި، ބަގާވާތުގެ ހުރިހާ އަހުލުވެރިންވެސް މަސްހުނިގަޑު ތެރެއަށް އަތްދަރާލައިގެން އުޅޭތީ ފެނެއެވެ. މި އެންމެންނަކީ ވެސް ކުރިއައް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކަށަވަރު ކޮށްގެން ތިބި ކެނޑިޑޭޓުންނެވެ. ބޭރަށް ހިންގާ ގެރިތަކެއް އުސޫލުން މީޑިއަތަކަށް އަރާ ގައުމު ވިއްކާލީއޭ، އަތުން ބައެއް ދިޔައީއޭ، ނުވިތާކަށް ރިސްވަތޭ ވެސް ކިޔަނީއެވެ. ފަތްފުއްތައް ބަލާލައިލުމުން އަނދަގޮޑި ޖަހާނުޖެހޭ އެކަކުނެތެވެ.
ވާ ވަރުވެއްޖޭ ކިޔާ ގޭ އުނދޯލީގައި އޮންނަން ބުންޏަސް އޮވެވޭނީ ކިހނަކުން ހެއްޔެވެ. ދައުލަތް އެއްކޮށް ބައެއް ބޭފުޅުންނަށް ދިނަސް ވެސް ވެރިކަމަށް ފޫ ނުހާކާ ވަރެއް ނުވާނެއެވެ. ގައުމަށް ހެޔޮއެދިގެން އުޅޭ ބައެއް ކަމަށް ގަބޫލުކޮށްދޭން މަސަތްކަތް ކުރާއިރު ހިމާރާއި ކަންބަޅިތަކެއް އެއްކޮށްޓަކަށްލައިގެން ގޭގައި ގެންގުޅުންވެސް މާ ހެޔޮވާނެއެވެ. މިމީހުން ވެރިކަމަށް ގެނަން އުޅުމަށްވުރެ އެފާޑުކޮޢްޓެއް ބެލެހެއްޓުންވެސް ހައްޓައް ލުއިވެފައި ސިކުނޑިއަށް ބުރަކުޑަ ވާނެއެވެ.
މިހާ ހިސާބުން އިންވަކިކޮށްލާ ހިސާބު ކަނޑައަޅާލަމާހިނގާށެވެ. އެއްއުރައެއްގައި ފިތި ބާރުވެ އެތިބީ ހުސްވެސް ކެނޑިޑޭޓުންނެވެ. އެ އުރަތެރޭން ފަޅައިގެން ނުކުންނާނެ އިރެއް ބަލަން މިތިބީ ކެތްމަދުވެފައެވެ. މާދަމާ އެބޭފުޅުން އެބޭފުޅުންނަށް އިން ވަކިކޮށް އެކަކު އަނެކަކަށް ހަޔާތައްގޮވާ، ކޭ އެއްޗެއްސާ ނުކާ އެއްޗެއްސަށްގޮވާ، ބުއި ހުރިހާ ސަރުބަތެއްގެ ވާހަކަ ގޮވާ ، ކައްވާލި ހުރިހާ ރަށަކާއި ރައްތައް ވިއްކައިގެން ދިރުނު ޑޮލަރުތަކުގެ ވާހަކައާއި، ބާގީ އާއި ލާދީނީއަށް ގޮވާދުވަސް މިއޮތީ ކައިރީގައެވެ. މިލިޔުން ކިޔާލުމަށްފަހު ހަނދާނަކަށް ވިޔަސް ބައިންދާލާށެވެ. އޭރުން މިބުނި އެއްޗެއް ކުޑަދުވަސްކޮޅެއް ފަހުން ފަހުމްވެގެން ދާނެއެވެ.
ވިއްކަން އުޅުނު ކޮތަޅުގަނޑުފެޅި ޖެހުނު ދިމާލަކުން ހަވަޔައް އަރައިގެން ދަނީއެވެ. ކަޑުގެ ވާހަކަ ނިމޭނީ އެ އެންމެން ކަނޑުވެ އޮޔާގޮސް ގެންނެވެ. ސުލޯ އޭކިޔަކިޔައި ތިއްބާ މުސަޅަށް ޖެހުނު ހާލުޖެހި މިހާރުވެސް އަތުނުވާހިސާބައް ގޮސް ސޯލިހު އޮބައިފިއެވެ. ވައި ހިނދި ފާނޯ ވާއިރު ބެހިގެންދާ މީހުންގެ ހޭ ހުންނާނެ ކަމެއް ނުހުންނާނެ ކަމެއް ނޭގެއެވެ.
މިފަހަރު އިންކަނޑަ އަޅާލާ ގޮތުން ޖާޑިތައް ފަޅާގެންދާތަން ބަލަން އެބަތިބީމެވެ. ކަނޑަ އަޅާ އިމެއް ތިބޭފުޅުންގެ މެދުގައި ކަނޑަ އަޅާށެވެ. އެކަމަކު އިބޫ އަތުވާ ވަރަށްވުރެ އަދި ތިޔަތާ ތިބި މީހުން ބަރުހެލިވެފައި ބުރަހެލިވެސް މެއެވެ. ތިޔަ މަރުފަލި ނުޖަހާ ގައުމު ގައުމާގެން މި ހަމަޖެހުމާގެން ކުރިއަށް ދިޔަދޭށެވެ.