ކުރާނަން، ފަށާނަން ކިޔަކިޔާހުއްޓާ ވެރިކަމެއް ދެބައިވެދަނީ

ކުރާނަން، ފަށާނަން ކިޔަކިޔާހުއްޓާ ވެރިކަމެއް ދެބައިވެދަނީ

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރަކީވެސް ދިވެހިރާއްޖޭގެ ތާރީހުގައި އެންމެ ބިޔަ ބަޖެޓުތައް ކަނޑައެޅި ދެއަހަރެވެ. ދެ އަހަރުމަތީން ދައުލަތުގެ ބަޖެޓުގެ ގޮތުގައި 120 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށް ނިމެނީއެވެ. ހައްދަވައިގެން ރައްޔިތުންގެ ހެވާއި ލާބަޔާއި ލުއިފަސޭހައަށް ކޮށްދިން ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ރައީސް މުއިއްޒު 2 އަހަރުން 120 ބިލިޔަން ރުފިޔާ ބަޖެޓްގެ ގޮތުގައި ހޭދަކޮށް ހުސްކުރާއިރު ރައީސް ސޯލިހުގެ ވެރިކަމުގެ 5 އަހަރުގެ ބަޖެޓުގެ ޖުމްލައަކީ 160 ބިލިޔަން ރުފިޔާއެވެ. އެހެން ކަމަށްވާނަމަ މުއިއްޒު 5 އަހަރު ވެރިކަން ކުރާނަމަ 300 ބިލިޔަނަށްވުރެ ގިނަ ފައިސާ ހޭދަކުރާނެއެވެ.

ދެރަކަމަކީ 120 ބިލިޔަނުގެ ބަޖެޓް ލިބިގެންވެސް ޕްރޮޖެޓްތައް ނުހިނގާތާ ރައްޔިތަކަށް ކުޑަވެސް ލުޔެއް ނުލިބުމެވެ. ރައްޔިތު މީހާ ކަރަންޓާއި ފެނުގެ ހިދުމަތަށް ކުރާންޖެހޭ ހޭދަ ބޮޑުވުމެވެ. ބޭސް ފަރުވާ ލިބުން ކުރިއަށްވުރެ ހާސްބައި ދަތިވުމެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށްޓަކައި ރައްޔިތުމީހާ ދަރާ ވިކެންޖެހުމެވެ. 

ކޮވިޑު ތެރޭގައި ބޯޑަރތައް ބަންދުވެ މުޅި ދުނިޔެ ހުއްޓިފައި އޮތް ދުވަސްތައް ރާއްޖެއަށް ކުރިމަތިވީ ރައީސް ސޯލިހު ވެރިކަމުގައެވެ. ކޮވިޑް އާލަމީ ވަބާގެ ސަބަބުން ދެ އަހަރެއްހާ ދުވަހު ރިޒޯޓުތަކާއެކު މުޅި ގައުމުގެ ހިނގުން ހުއްޓި ދައުލަތަށް އާއްމުދަނީއެއް ނުލިބި ދިޔައެވެ. އާމްދަނީ ނުލިބި އިގްތިސޯދު ހުއްޓިފައި އޮތަސް އޭރު ޕްރޮޖެކްޓެއް ނުހިނގާ ރަށެއް ނެތެވެ.

ޑޮލަރުގެ އަގު 18 ރުފިޔާއަށްވުރެ މައްޗެއް ނުވެއެވެ. ދަތިކަމެއް ނެތި ބޭސްލިބެއެވެ. ފަސޭހަކަމާއެކު އާސަންދަ ލިބެއެވެ. މިނިމަމްވޭޖު ކަނޑައަޅާ މުސާރަތައް ބޮޑުކުރިއެވެ. ކޮވިޑާ ގުޅިގެން ގިނަ ގައުމުތަކުގައި ސަރުކާރުން އެތައް ބަޔަކު ކަނޑާލިޔަސް ރާއްޖޭގައި ސަރުކާރުން މުއައްޒަފަކު ވަތްކެއް ނުކުރެއެވެ. ސަރުކާރުގެ މުއައްޒަފުން ގޭގައި ބައިތިއްބައިގެން މުސާރައިން ވަކިލާރިއެއްވެސް މަދު ނުކޮށް މުސާރަ ދިނެވެ. އަމިއްލަ ތަންތަނުން ވަޒީފާ ގެއްލުނު މީހުނަށާއި މަސައްކަތް ހުއްޓި އާމްދަނީ ބަންދުވި މީހުނަށް 5 ހާސް ރުފިޔާގެ އިނާޔަތެއް ކޮންމެ މަހަކު ދިނެވެ. ވިޔަފާރިތައް ބަނގުރޫޓް ވިޔަނުދީ މާލީ އެހީތެރިކަން ދިނެވެ. ރައްޔިތުންނަށް ދެމުންދިޔަ އެއްވެސް ހިދުމަތެއް ލިބިދިން އެއްޗެއް މަދެއް ނުކުރެއެވެ.

ދެ އަހަރުވަންދެން ސަރުކާރަށް އެއްވެސް އާމްދަނީއެއް ނުލިބެއެވެ. އެހެނަސް ރައްޔިތުން ހާލުގައި ޖެހުނަނުދީ ސަލާމަތް ކުރުމަށް ކުރަންޖެހޭ ހޭދަތައް ކުރުމަށް މަޖުބޫރުވިއެވެ. މުއައްޒަފުންގެ މުސާރައާއި އެލަވަންސްތައް ކުޑނުކޮށް ދައުލަތް ހިނގަން އިތުރުގޮތެއް ނެތިގެން 6 ބިލިޔަން ރުފިޔާ ޗާޕްކުރިއެވެ. އިގްތިސޯދު ހިނގުން ހުއްޓުނަ ނުދިނުމަށް ޗާޕްކުރި 6 ބިލިޔަނުގެ ތެރެއިން ބާޒާރަށް ނެރުނީ އެންމެ 2 ބިލިޔަން ރުފިޔާއެވެ. ބާކީ ހުރި 4 ބިލިޔަން ރުފިޔާ ހުރީ ދައުރު ކުރަން ނުނެރި މަނިޓަރީ އޮތޯރިޓީގައި ހިފަހައްޓާފައެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ޗާޕްކުރި ފައިސާގެ %80 ބޭނުންކުރީ މި ސަރުކާރުންނެވެ. އޭގެ ހައްކަކީ މުއިއްޒު ވެރިކަމަށް އެރިފަހުން 1000 ރުފިޔާގެ ނޫޓް ބާޒާރުގައި ދައުރުވުން އާއްމުވުމެވެ.

ކުރީ ސަރުކާރުން މުއިއްޒާ ގައުމު ހަވާލުކުރީ ރެކޯޑު އަދަދަކަށް ޓޫރިސްޓުން ގެނެސް ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓް ޑެސްޓިނޭޝަނަކީ ރާއްޖެކަމަށް ވިދިވިދިގެން 3 އަހަރު ހަދާދީފައެވެ. އިގުތިސޯދީ ދަތިކަމުން އާއްމު ހާލަތަށް މުޅި ގައުމު ބަދަލުކޮށްފައެވެ. ގައުމުގެ އިގުތިސާދު ކޮޅަށްޖަހާފައެވެ. އަދި ޗާޕްކުރި 4 ބިލިޔަން ރުފިޔާއާއިވެސް އެކުގައެވެ. 

އެހެން ނަމަވެސް ދައުލަތަށް ރެކޯޑު އަދަދުތަކުން އާމުދަނީ ވަންނައިރުވެސް މުއިއްޒު ގައުމާ ހަވާލުވީ ފަހުން ގައުމުގައި ރަނގަޅަށް ދާކަމެއް ހަރާމުން ހަރާމެވެ. "ކުރާނަން، ހަދާނަން، ފަށާނަން، ދޭނަން" ކިޔާލަ ކިޔާލާ ހުއްޓާ ވެރިކަމެއް ދެބައިވެދަނީއެވެ.