ޒަރިޔަންދަކީ ސިޔާސީ ނުފޫޒެއް ނެތް މީހެއްނޫން!
އާއްމުން ފައިސާދީގެންނާއި ކެންޕޭންކޮށްދީގެން ޒަރިޔަންދަށް މަގާމާ ބާރު ދޭންޖެހޭތަ!
އަމިއްލަ ފަރުދުން އެމީހުންގެ ބުރަ މަސައްކަތުން ހޯދާފައި ހުންނަ އަމިއްލަ ފައިސާއާއި އެމީހުންގެ އަމިއްލަ ވަގުތާ ހޭދަކޮށްގެން ސިޔާސީ މަގާމަކަށް ވަކި މީހަކު ހޮވާދޭން ޖެހޭހެއްޔެވެ. ކިތަންމެ ނަޒާހަތްތެރި ކަމެއް ދައްކައިގެން އުޅުނަސް މަގާމަށް އައުމަށް ދައްކާހާ ވާހަކައާއި ކުރާކަންތައް ބާރާ މަގާމު ލިބުމުން ގިނަ މީހުންގެ ހަނދާނުގައި ނުހުރެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދީ ހުވާކޮށްގެން މަގާމާ ހަވާލުވެ ދިމާ އިދިކޮޅަށް އަމަލު ކުރަން ޖެހެލުންނުވާ އިންސާނުން މަގާމަށް އައުމަށް ކުޅޭ ޑްރާމާއާއި ޗަރުކޭސް ވާނީ ކޮން އެއްޗަކަށް ހެއްޔެވެ.
ކުރިމަތި ވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ގުޅުވާ ލައްކަ ގޮތްގޮތަށް މީސްމީހުން އެބަ ކެންޕޭން ކުރެއެވެ. ގިނައީ މަލްޓިޕާޓީ ޑިމޮކްރަސީގެ ކުޑައިގާ އެކި މަގާމުތަކަށް ވާދަކުރާ މީހުންނެވެ. އެ މީހުން ގެންގުޅެނީ ޕާޓީ މެނެފެސްޓޯއާއި ވައުދުތަކެވެ. ވާނީ އެހެންތާއެވެ. ޕާޓީއަކާ ނުގުޅެ އަމިއްލަ ހައިސިއްޔަތުން ކަމެއް ބަދަލުކޮށްލެވޭނެ އިންތިޒާމެއް ރާއްޖޭގެ ވެރިކަން ހިންގުމުގެ ތެރެއަކުނެތެވެ. ވަރަށް ހުޝިޔާރު މީހަކަށް ނޫނީ އަމިއްލަ ގޮތުން ކަމަކަށް ވާދަކޮށް ހޮވިގެން ކަމެއް ބަދަލުކޮށެއް ނުލެވޭނެއެވެ.
ރާއްޖޭގައި މިހާރު އޮތް ނިޒާމުގެ ތެރޭގައި ކަމެއް ބަދަލު ކޮށްލެވޭނީ އެއްވިސްނުމެއްގެ ގިނަ ބަޔަކަށެވެ. އަމިއްލަ ގޮތެއް މަގާމަށް ހޮވޭ މީހާ މީހަކަށް ވަނީ ގިނަ މީހުންނާ ބައިވެރިވެ އެ މީހުންގެ ވިސްނުމަށް ބަދަލު ވުމުންނެވެ. މާގަދަ މީހަކަށް ވެގެން މަހުން މަހަށް މުސާރަ ނެނގުމާއި ގޮނޑި ހޫނުކުރުން ފިޔަވާ އެކަނި އެކަންޏަށް ކުރެވޭ މާ ބޮޑުކަމެއް ނޯވެއެވެ. ޒަރިޔަންދަކަސް އެހެން މީހަކަސް އެކަމުގައި މާބޮޑު ތަފާތެއް ނުހުރެއެވެ.
އޮންނަ ބޮޑު މެޖޯރިޓީ ބޭނުންކޮށްގެން ކަންކަން ކުރިޔަ ނުދިނުމުގެ ދިރިއޮތް މިސާލަކީ މާލެ ސިޓީގެ މިހާރުގެ ކައުންސިލެވެ. ކިތަންމެ ޒިންމާދާރު މުރާލި ހިންގުންތެރި ނަޒާހަތްތެރިއަކު މޭޔަރަކަށް ހުއްޓަސް ކައުންސިލްގެ މެޖޯރިޓީ ބޭނުން ނުވާކަމެއް ކުރިއަނުދީ ބަނދެލާނެއެވެ. ބޮޑު ޕާޓީއެއްގެ ޓިކެޓްގައި ނިކުމެ މާލޭ މޭޔަރ އާދަމް އާޒިމް ކުރެއްވި ވަރުވެސް ނެތް މެޖޯރިޓީއެއްގެ ތެރޭގައި ހާލަކުން މީހަކަށްވެސް ނުކުރެވޭނެ ކަމީ ޝައްކެއް ނެތްކަމެކެވެ.
ހަމަތެދެކެވެ. ކިރިޔަ ކިރިޔާ ތިންހާސް ހަމަވާ ސިޔާސީ ޕާޓީއެއްގެ ސްޓޭޖުމަތިން ރިސެޓް ވެގެން ގައުމީ ކެންޑިޑޭޓް ހެދިގެން ނިކުތުމަކުން ސިޔާސީ ޕާޓީގެ ނުފޫޒުން އެއްފަރާތްވެ ހުރި މީހަކަށް ޒަރިޔަންދަކަށް ނުވެވޭނެއެވެ. ރާއްޖޭގެ ތާރީހުގައި ވެރިކަމުގައި ތިބެ އެންމެ ބޮޑު ހިޔާނާތް އެ މީހެއްގެ ވެރިކަމުގައިވީ މީހާގެ އަތުގައި ހިފައިގެން ހުރެ ނަޒާހަތްތެރި ޓެގް އެޅުމަކުން އިތުބާރެއް ނުކުރެވޭނެއެވެ. ނުވެސް ކުރާނެއެވެ.
އަނެއްކޮޅުން ކެންޕޭނަށް ފައިސާ ހޯދަން ފަންޑްފޮށި ހުޅުވައިގެން ލާރި އެއްކުރާގޮތް ދެއްކުމަކީ އަމާނާތްތެރިއެއް ކަމުގެ ދަލީލެއްވެސް ނޫނެވެ. ކެންޕޭނަށް ފަންޑްފޮށި ހުޅުވުމުން ހަގީގަތުގައި ދައުވަތު އެ ދެވެނީ ގައުމުގައި ތިބި ފައިސާ ވެރިންނަށެވެ. އާހިރުގައި ވެވޭނީ ފައިސާދޭ މީހާގެ ބުމަރަކަށެވެ.
ނަޒާހަތްރިކަން ބޮޑުކަމުން ފައިސާ ދޭމީހުންގެ މަސްލަހަތު ރައްކާތެރިކުރުމުގެ ނަމުގައި ކާކުދިނީ ކިހާފައިސާއެއް ކަމެއް ހާމައެއް ނުކުރާނެއެވެ. ނަޒާހަތުގެ ކިތަންމެ ބޮޑު ސިއްކައެއް ޖަހައިގެން ނިކުތަސް ފައިސާވެރިންގެ އަޅަކަށް ނުވެ ނުހުރެވޭނެއެވެ، ހަމައެހެން މަލްޓިޕާޓީ ނިޒާމެއްގައި މެޖޯރިޓީއާ ދެކޮޅަށް ފަހަތުގައި ބޮޑު ސިޔާސީ ޕާޓީއެއް ނެތި ގިނިކަންޏާ ހުންނަ މޭޔަރަކަށް ކުރެވޭނެކަމެއް ނުއޮންނާނެއެވެ.




