އޮޑިޓަރ ޖެނެރަލް ވެސް މުއިއްޒުގެ މުށުތެރޭގައި؟

އޮޑިޓަރ ޖެނެރަލް ހުންނަނީ ދައުލަތުގެ ހަމަ ހިފެހެއްޓުމަށް

އޮޑިޓަރ ޖެނެރަލް ވެސް މުއިއްޒުގެ މުށުތެރޭގައި؟

އޮޑިޓަރ ޖެނެރަލެއް ހުރުމުގެ ބޭނުމެއް ނެތެވެ. ދައުލަތަށް ލިބޭ އާމްދަނީން ބޮޑު ހޭދަކޮށްގެން އޮފީހެއްދީ އަތަށް ފަޔަށް ބަޖެޓެއްދީ މިނިވަނެއްގެ ގޮތުގައި ނަންކިޔާފައި ހުންނަނީކީ ރީތިކަމަކުން ނޫނެވެ. ދައުލަތުގެ ހަމަ ހިފެހެއްޓުމަށް ޓަކައެވެ. ރައީސަކަށް ހުންނަ މީހެއްގެ ގޮނޑިކޮއްކޮއަކަށް އޮޑިޓަރ ޖެނެރަލް ވީމާ ދައުލަތުގައި އޮޑިޓަރ ޖެނެރަލަކު ހުރުމުގެ ބޭނުމެއް ނެތެވެ. އޭރަކުން އެތާކަށް އެ ހިނގާ ބޮޑު ހަރަދެއް ގައިމު ނުހިނގާނެއެވެ. ރައީސެއް އެކަނި ހުރީމާ ފުދޭނެއެވެ. 

މަޖިލީހުގެ ބޮޑު މެޖޯރިޓީ ރައީސް މުއިއްޒު ހިތަކަށް އޮތީމާ ވަޒީފާ ގެއްލި ދާނެކަމުގެ ބިރަށް އޮޑިޓަރ ޖެނެރަލަށްވެސް ހައްގު ހަލާލު ރިޕޯޓެއް ނެރެލެން ނުކެރެއެވެ. އޮޑިޓަރ ޖެނެރަލް ވެސް ހުންނަނީ ރައީސް މުއިއްޒު ކުރާނެކަމެއް ކުރާނެ ގޮތަކަށް ކުރީމާ އެކަން ހަލާލުކޮށް ދިނުމަށޭ ހީވެއެވެ. ރައީސް މުއިއްޒު ނަފްރަތުކުރާ ބަޔަކާ މެދު ރައްޔިތުން ތެރޭގައި ނަފްރަތު އުފެދޭނެހާ ގޮތްގޮތަށް އޮޑިޓް ރިޕޯޓް ތައްޔާރުކޮށްގެން ނެރެ ދިނުމަކީ އޮޑިޓަރ ޖެނެރަލްގެ މަސައްކަތް ކަމަށް މިހާރު ވެއްޖެ ކަހަލައެވެ. 

މާލޭ މީހުނަށް މާލެ ސަރަހައްދުން ހުޅުމާލޭންދޭ ގޯތިތަކަކީ ހުޅުމާލެއަށް ވުރެވެސް ހަގު އެޗްޑީސީއަށް ބިލިއަން ލިބުނު ގެއްލުމެއް ކަމަށް ބުނެ ރިޕޯޓް ނެރެގެން މުއިއްޒަށް ބޮލިރަވަ އޮތީ އޮޑިޓަރ ޖެނެރަލް ހަލުވަދީފައެވެ. އަނެއްކާވެސް އެޒާތުގެ އަނެއް ރިޕޯޓެއް އެއޮތީ ނެރެދީފައެވެ.     

އޮޑިޓަރ ޖެނެރަލް މިހާރު ނެރޭ ގިނަ ރިޕޯޓް ތަކުގައި ގަސްތުގައި މީހުންގެ ހިތުގައި ޝައްކު އުފެއްދުމަށް ބައެއް މައުލޫމާތު ނުހިމަނާކަން ފާހަގަ ކުރެވެއެވެ. މިސާލެއް ގޮތުން ފާހަަގަ ކޮށްލެވޭ އެއްކަމަކީ ބައެއް ޕްރޮޖެކްޓްތަކުގެ ތާރީހުތައް ނުވަތަ ޓައިމްލައިން ނެތުމާއި ތަރުތީބް ނެތުމެވެ. އޭގެ ފައިދާ ނަގައިގެން މުއިއްޒުގެ  ބައެއް ކުލީގަލަމުން ރިޕޯޓް ކުރުމުގައި ކަންކަމުގެ ޓައިމްލައިން ގަސްތުގައި އޮޅުވާލާ ނަފްރަތު އުފެއްދުންވަނީ މެކުހުގައެވެ. 

އެގޮތުން ބައެއް ކަންކަމުގެ ވާހަކަ ފާހަގަ ކޮށްލާނަމެވެ. މަގާމަށްޓަކައި ރާއްޖޭގެ ޗެކް އެންޑް ބެލެންސް ނިޒާމު ދެމެހެއްޓުމުގައި އޮޑިޓަރ ޖެނެރަލްގެ މަގާމުގައިހުރި. މީހާއަށް ގޮތް ހުސްވެ އަޅުވެތިވުން ހުރި ވަރު ސާފުވެގެން ދާނެއެވެ   

އޮޑިޓަރޖެނެރަލްގެ އޮޑިޓް ރިޕޯޓުގައި އެމްއައިޓީޑީސީގެ ހިސާބުތައް ހާމަކުރުމުގައި އަރަންޏާއި ދަރަންޏާއި އެސެޓްސްއާއި ލޯނާއި ދައުލަތުގެ ގްރާންޓްސް އަހަރުތައް ވަކިވަކިން ހިމަނާފައެއް ނުވެއެވެ. ހަމަ އެހެންމެ އެމްއައިޓީޑީސީގެ ރިޕޯޓްގައި ލ. ބަރެސްދޫ ޕްރޮޖެކްޓްގެ ޓައިމްލައިންއާއި ކ. ކާށިދޫ ޕްރޮޖެކްގެ ޓައިމްލައިން އަދި ކ. އަތޮޅުގެ ފަޅުތަކެއް ހިއްކުމުގެ ޕްރޮޖެކްޓްގެ ޓައިމްލައިން ފުރިހަމައަަށް ގެނެސްދީފައި ނުވެއެވެ. 

  • ލ. ބަރެސްދޫ:
  1. ބަރެސްދޫބޕްރޮޖެކްޓަ ކީ އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ގުޅިގެން 2015 ގައި ސޮއިކޮށް ކުރިއަށް ގެންދަން ފެށި ޕްރޮޖެކްޓެއް.
  2. ބަރެސްދޫ ޕްރޮޖެކްޓް ހައްގުތައް އެމްއައިޓީޑީސީއާ ހަވާލުކުރީ 2016 ވަނަ އަހަރު އޮގަސްޓްގައި.
  3. ޕްރޮޖެކްޓްގެ މަސައްކަތް ފަށާ ލ. މަހަކަންފުށީގައި ކުރަންޖެހޭ މަސައްކަތް ޕވޓ ކުންފުންޏަކާ 18.55 މިލިޔަން ރުފިޔާއަށް ހަވާލުކުރީ އެމްއެމްޕީއާރުސީން.
  4. ބަރެސްދޫގެ އިމާރާތްތަކާއި ފެސިލިޓީތައް ހަދަން އެމްއައިޓީޑީސީން ހަވާލުކުރީ 2017 އޭޕްރީލްގައި 2 އަހަރު ތެރޭ ނިންމަން ޖައުސާއަަށް 22.8މޑ އަަށް.
  5. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ތެރެއިން %50 ޖައުސާއަށް ދީފައިވޭ.
  6. ބަރެސްދޫގައި އިންވެސްޓް ކުރަން 2017 ގައި ހުޅުވާލުމުން 39 ފަރާތަކުން ހުށަހެޅި އަދި 35 ފަރާތެއްގެ ހުށަހެޅުން އެކްސެޕްޓް ކޮށްފައިވޭ.
  7. ބަރެސްދޫގައި 35 ފަރާތަކުން 55.3މރ އިންވެސްޓް ކޮށްފައިވޭ.
  8. ބަރެސްދޫ ޕްރޮޖެކްޓް ހުއްޓުމުން އިންވެސްޓަރުންނަަށް 18މރ 2024 އޮކްޓަޮބަރ ނިޔަލަށް ދޫކޮށްފައިވޭ (ފައިސާ ދޫކުރި ޓައިމްލައިންތައް އޮޑިޓް ރިޕޯޓްގައި ހިމަނާފައިނުވޭ، ފައިސާ އިންވެސްޓް ކުރި ފަރާތްތަކާއި ފައިސާ ސަނބުރާ ރައްދުކުރި ފަރާތްތައް މި ޓައިމްލައިންތައް ހިމަނަންޖެހޭ) 
  • ކާށިދޫ ޕްރޮޖެކްޓް: 
  1. ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސް ވުމުގައި ސޮއިކުރީ ފެބްރުއަރީ 2018 ގައި 230 ދުވަސްތެރޭ (2018 ނޮވެންބަރު ތެރޭގައި) ނިންމާގޮތަށް 1.8 މިލިޔަން ޑޮލަރަށް.
  2. ކާށިދޫ ޕްރޮޖެކްޓުން ނިންމިފައިވަނީ %30 މަސައްކަތް.
  3. ކާށިދޫ ޕްރޮޖެކްޓަށް 26.7 މިލިޔަން ރުފިޔާ ޗައިނާ ކުންފުންޏަށް ވަނީ ދީފައި. 
  4. ޕްރޮޖެކްޓް ކުރިއަަށް ނުގެންދެވި ހުއްޓާލަން ޖެހުނީ ޕްރޮޖެކްޓް ފެށުމުގެ ކުރިން ދައްކަންޖެހޭ އެކްއިޒިޝަންކޮސްޓްގެ ގޮތުގައި 22.7 މިލިޔަން ރުފިޔާ ސަރުކާރަށް ދެއްކޭނެ ގޮތެއް ނެތިގެން.
  5. އެމްއައިޓީޑީސީނަ 2018 ފެބްރުއަރީގައި މަސައްކަތް ފަށާފައިވަނީ އެކްއިޒިޝަންކޮސްޓް ނުދައްކާ އަދި އެއްބަސްވުމުގައި ސޮއި ނުކޮށް. 
  • ކ. އަތޮޅު ފަޅުތަކެއް ހިއްކުމުގެ ޕްރޮޖެކްޓް: 

މި ޕްރޮޖެކްޓާ ގުޅޭ އެއްވެސް ތާރީހުތަކެއް، ހަރަދު ތަކެއް އަދި މަސައްކަތް ހަވާލުކުރި ފަރާތްތަކާއި އަދި ޓައިމްލައިން ތަކެއް އޮޑިޓަރޖެނެރަލް ރިޕޯޓްގައި ހިމަނާފައެއް ނުވޭ.

އޮޑިޓް ރިޕޯޓްތަކުގައި މި ދަރަޖައަށް ފެން ނުހިފަން ފެށީމާ މިނިވަން ޑިމޮކްރެޓިކް ދައުލަތެއްގެ ސިފަގެއްލި ރާއްޖެއަކީ ރައްޔިތުން އަޅުވެތިކަމެއްގެ ތެރެއަށް ފަތުއަޑުކިޔާފައި ވެއްޓެމުންދާ ގައުމެއްކަން ކިތަންމެ ރަނގަަަޅަކަށްވެސް އެނގޭނެއެވެ.