ހެޕީމާރކެޓުން 10 މިލިޔަނަށް ސަރުކާރު ގަނެލައިފި!
މި އަހަރު ޑޮމެސްޓިކް މާރކެޓުން 5 ބިލިޔަން ރުފިޔާގެ ދަރަނި ނަގައިފި
ދޮގު ހެދުމުގައި ސުމާރެއް ނެތް ރައީސް މުއިއްޒު ތެދެއް ހަދައިގެން ހަމަޖެހެން އޮތަސް ދޮގެއް ނޫނީ ނުހަދައެވެ. ރައީސް މުއިއްޒު ތެދެއް ބުނެފާނެކަމަށް އުންމީދު ކުރާ ހަމައެކެއް ނެތެވެ. ރައީސް މުއިއްޒު އެއްޗެއް ބުނެފިނަމަ ކަން ހިނގަނީ ދިމާ އިދިކޮޅަށްކަން ނުދަންނަ ތުއްތު ކުއްޖަކުވެސް ނޫޅެއެވެ.
ދައުލަތުގެ ހަރަދުތައް ހަމަޖައްސަމުން ދަރަނި ނުނަގާ ލިބޭ އެއްޗަކުން ހަމަޖައްސާނެ ކަމަށް ބުނިބުނުމަކީވެސް ރައީސް މުއިއްޒުގެ ދޮގުފަތީގެ ބޮޅުތަކުން ބޮޅެކެވެ. ލިބޭ އާމްދަނީން ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ބުންޏަސް މި އަހަރުގެ މިހާ ހިސާބަށް އައިރު ޑޮމެސްޓިކް މާރކެޓުން (އެތެރޭގެ މާރުކޭޓުން) 5 ބިލިޔަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކަށް ސަރުކާރަށް ދަރަނި ނަގައިފިއެވެ.
ޓީބިލާއި ބޮންޑު ފަދަ ނަންނަމުގައި ވަރަށް ކުރު މުއްދަތެއްގައި ދައްކާނެ ދަރަނީގެ ގޮތުގައެވެ. ޑޮމެސްޓިކް މާރކެޓުން 5 ބިލިޔަން ރުފިޔާގެ ދަރަނި މި އަހަރު ނަގާފައިވާކަމަށް މަނީޓަރީ އޮތޯރިޓީގެ ހިސާބުތަކުން ފެންނަން އެބައޮތެވެ.
އެންމެ ފަހުން ޓްރެޝަރީ ބޮންޑެއްގެ ގޮތުގައި 10 މިލިޔަން ޑޮލަރުގެ ދަރަންޏެއް ނެގީ ރާއްޖޭގެ ބޮޑު ވިޔާފާރި ކުންފުންޏެއް ކަމަށްވާ ހެޕީ މާރކެޓުންނެވެ. ހެޕީ މާރކެޓުން ކުރު މުއްދަތުގެ ދަރަނި ސަރުކާރަށް ނަގާފައިވަނީ އާއްމުކޮށް ސަރުކާރަށް އެތެރޭގެ މާރުކޭޓުން ދަރަނި ނަގާ އިންޓްރެސްޓަށް ވުރެ އިންޓްރަސްޓްރޭޓް ދެގުނަ ބޮޑުކޮށެވެ.
ސަރުކާރުގެ ޓްރެޝަރީ ބޮންޑުގެ ގޮތުގައި 10 މިލިޔަން ޑޮލަރު ބޭންކް އޮފް ސިލޯނު މެދުވެރިކޮށް ސަރުކާރަށް ހެޕީ މާރކެޓުން މިހާރު ވަނީ ދޫކޮށްފައެވެ. މިފަހަރު މި ކުރިކަމަކީ ބޭންކް އޮފް ސިލޯނުން ސަރުކާރުގެ ޑޮލަރު ޓީ-ބިލް ތަކަށް ކުރިން ދަށް އިންޓްރެސްޓް ރޭޓުގައި އިންވެސްޓްކޮށްފައި ހުރި ފައިސާ އަލުން ރިޑީމް ކޮށްލުމެވެ. ހެޕީ މާރކެޓް މާ ބޮޑު އިންޓްރެސްޓް ރޭޓެއްގައި އަނެއްކާވެސް ހަމަ އެ ފަންޑުން ސަރުކާރަށް ދަރަނި ދޫކުރުމެވެ.
ދަތި އުނދަގޫ ދަނޑިވަޅު ތަކުގައި ފަސޭހައިން ލިބެން އޮތްތާކުން ދަރަނި ނެގުމަކީ މައްސަލައެއް ނޫނެވެ. ކަންބޮޑުވުމަކީ ސަރުކާރަށް ބަޖެޓަށް ފައިސާ ހޯދުމަށް ދަރަނި ނެގުމުގެ އަގު (ކޮސްޓް އޮފް ބޮރޯވިންގ) ގެ ގޮތުގައި ދައުލަތުން ގެއްލިގެންދާ އަދަދު އެތައް ގުނައަކަށް އިތުރަށް ބޮޑުވުމެވެ. ސަރުކާރާއި ހެޕީ މާރކެޓާއި ބޭންކް އޮފް ސިލޯން ގުޅިގެން ހިންގި މި ކަހަލަ ހީލަތްތެރި ޖަރީމާއެއް ހިޔާނާތަށްނުވެ ހަގީގީ ހިޔާނާތަކީ ދެން އެހެން ކޮންކަމެއްހެއްޔެވެ.