މެންބަރުން ދެމި ގުއިރޯނުގައި މުއިއްޒު ބެދުން

ބަގާވާތް ކުރުމާ މެންބަރު ގަތުމުގައި ގާސިމަކީ ރާއްޖޭގައި ދެވަނައެއް ނެތް މީހެއް

މެންބަރުން ދެމި ގުއިރޯނުގައި މުއިއްޒު ބެދުން

ހީލަތާ މަކަރުން ހޯދި ވެރިކަން ހަލާލުކޮށް އޮބި އަޅައިގެން ވެރިކަން ހިފެހެއްޓުމުގެ މަސައްކަތް ޑރ. މުއިއްޒު ފަށައިފިއެވެ. ސިލްސިލާކޮށް ފަށާފައިވާ މަސައްކަތުގައި މުއިއްޒުގެ ފޯކަސް ހުރީ މައިގަނޑު ތިން ދިމާއަކަށެވެ.

އެއްކަމަކީ ރައީސް ޔާމީނު ސައިޒްކޮށް އެކަހެރިކޮށްފައި ބެހެއްޓުމެވެ. ދެންކުރާ އަނެއް ކަމަކީ ޕީއެންސީއަށް މެންބަރުން އިތުރުކޮށް އަންނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ހޯދުމެވެ. ބުނެވި ދިޔަ ދެކަން ކުރެވެމުން ދިޔަނަމަވެސް މިހާރުން މިހާރަށް އެންމެ ބޮޑު އިސްކަމެއްދެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޒުލުކުރިޔަ ނުދިނުމަށެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހުގައި އަޒުލުކުރެވޭ ވަރުގެ މެޖޯރިޓީއެއް އެމްޑީޕީގައި އޮތުމަކީ މުއިއްޒުގެ އެންމެ ބޮޑުކަން ބޮޑުވުމެވެ. އެކަން ބޮޑުވުން އިތުރަށް ބޮޑުވެގެން ދިޔައީ މަޖީލީހުގެ ގަވައިދަށް ގެނައި ބަދަލަކުން އަޒުލް ކުރުމުގައި އިޖުރާއީ ފަސޭހަ ތަކެއް އިހުނަށްވުރެ ބޮޑުވެގެން ދިޔުމުންނެވެ. ރައީސް ޔާމީނު ސައިޒު ކުރެވޭނީ ވެސް އަދި މަޖިލީހުގެ މެޖޯރިޓީ ހޯދޭނީވެސް ވެރިކަމުން ނުވެއްޓި ހުރެވިގެންނެވެ. 

މަޖީލީހުގެ ގަވައިދަށް ގެނައި ބަދަލުތަކުން އަޒުލް ކުރުމުގައި އިޖުރާއީ ފަސޭހަ ކޮށްލުމުން ދެނަކާ ދެނެއް ނެތެވެ. އައު މަޖިލީސް އިންތިހާބު ކުރެވެން ދެން ރައްޔިތުންގެ މަޖިލިސް ހުއްޓުވެން އޮތީ ކޮންގޮތަކަށްތޯ  މުއިއްޒު ބެލިއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން މަޖިލިސް ހުއްޓުވެން އޮތްތޯ ބެލިއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް މަޖިލިސް އުވާލެވެން ނެތުމުން ކުއްލިނުރައްކަލުގެ ހާލަތަކީ މިދަނޑިވަޅަށް އެކަށީގެންވާ ކަމަކަށް ނުވިއެވެ.

އަޒުލުކުރުން ހުއްޓުވުމަށް ކުރެވެން އޮތީ ކޮންކޮން ކައްތައްތަކެއްތޯ ބެލިބެލުމުން މުއިއްޒަށް ފެނުނީ އެކަމުގައި ގާސިމް އިބްރާހީމްގެ އެހީތެރިކަން ހޯދުމަކީ އެކަމުގެ ހައްލަކަށް ވެދާނެ ކަމަށެވެ. އެވިސްނުމުގައި ގާސިމް އިބްރަހީމާ އެކަނި މަސްވަރާ ކުރުމުން މަންޒަރު ހަޑިވެ އެކުގައިތިބި އެެހެން ލީޑަރުންގެ ހިތްކަޅުވެދާނެތީ ސިޔާސީ ޕާޓީތަކުގެ ވެރިންނާ މަޝްވަރާ ކުރުމުގެ ސިލްސިލާއެއް ފެށިއެވެ. ގާސިމް އިބްރާހީމާއި ކާނަލް ނާޒިމާއި ސަންސިޔާމާއި ހަސަން ލަތީފާއެކު ވަކިވަކިން ބައްދަލުވުން ތަކެއް ބޭއްވިއެވެ. ވެރިކަން ދަމަހައްޓާދޭން އާދޭސް ކުރިއެވެ. އެމީހުން އެދުނުހާ ކަމަކަށް އެއްބަސްވިއެވެ. ފަހުން މައުމޫނާއި ވަހީދާ ބައްދަލުކުރީ ވެސް ދެވަނަ ދެކަމެއްގައެއް ނޫނެވެ.

މަޝްވަރާތަކުގެ ހަގީގީ ބޭނުމަކީ ގާސިމް އިބްރާހީމްގެ އެހީތެރިކަމާއެކު މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަ ނުދިނުމެވެ. ބަގާވާތް ކުރުމާ މެންބަރު ގަތުމުގައި ގާސިމަކީ ރާއްޖޭގައި ދެވަނައެއް ނެތް މީހެއްކަން ކުޑަކުއްޖަކަށް ވެސް އެނގޭނެއެވެ. މަވޯޓާ ޝަރީފްމެން ފަދަ ހުސްބުޅީގައި ގަންނަ މެންބަރުން އެންމެ ރަނގަޅަށް އެނގޭނީ ގާސިމަށެވެ. 

އިތުބާރު ނެތްކަމުގެ ގަރާރެއް ފާސް ނުވާވަރަށް ގާސިމް މެދުވެރިކޮށް އެމްޑީޕީ ޕީޖީ ގްރޫޕުން މެންބަރުން ތަކެއް ގަނެލައިގެން އަޒުލް ކުރުން ފޭލިކޮށް ލުމަށް މުއިއްޒު އެދަނީ ފައިސާ ހަރަދު ކުރަމުންނެވެ. އޭގެ ނަތީޖާވެސް މަޖިލީހުން އެދަނީ ފެންނަމުންނެވެ. ޖަލްސާއެއްގެ ކޯރަމް ހަމަވާ ވަރަށް ވެސް މަޖިލީހަށް މެންބަރުން ހާޒިރު ނުވުމަކީ އެކަމުގެ ސާފު ހެއްކެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ މި ނިމޭ ފަސް އަހަރަކީ މަޖިލީހުގެ މެންބަރުނަށް ވޯޓު ވިއްކައިގެން ފައިސާ ނުހޯދުނު ފަސް އަހަރެވެ. އެމްޑީޕީ ސަރުކާރެއް އޮތުމާ އެމްޑީޕީގެ ސްޕަރ މެޖޯ ރިޓީ މަޖިލީހުގައި އޮތުމުން ސަރުކާރުން ފާސްކުރަން ބޭނުންވާ ކަންކަން މަޖިލީހުން ފާސްކުރުމަށް ވިޕްލައިނަށް ތަބަވާން ޖެހުމުން ފައިސާއަށް ޑިމާންޑް ކުރުމުގެ މަގު މުޅިން ހެން އޮތީ ބަންދުވެފައެވެ. އެހެން އެކަން އޮއްވާ ސަރުކާރު ބަދަލުވެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް ވައްދަން އުޅެލުމަކީވެސް މެންބަރުންނަށް ކޯމަހު ކުރި އައިނަކަށް އެރުން ފަދަ ކަމެކެވެ. 

ކުރިމަތީގައި އޮތީ މަޖިލިސް އިންތިހާބެވެ. އިންތިހާބު ކާމިޔާބުކުރަން ބޮޑު ޕާޓީއެއްގެ ޓިކެޓާއެކު މިލިޔަން މިލިޔަން ރުފިޔާ ބޭނުންވާނެއެވެ، މެންބަރުން ދެމި ގުއިރޯނުގައި މުއިއްޒު ރީތިކޮށް ޖެހި އެހުރީ ބަނދެވިފައެވެ. ފުޅަނގީގެ ހާލަށް ވެއްޓީފައެވެ. ނޫނީ ބަޔަކު ބޭނުން ވީމާ މުއިއްޒަށް ޖެހޭނީ ގުނބޯލެއްހެން ނަށާލަ ނަށާލަ ހުންނާށެވެ. އެވަރުން ވެސް ވެރިކަމާ ބަގުޑި ބައްދާށެވެ.