ސިޔާސީ ހުކުމްތަކުން މުޅި ގައުމު ކިލަނބުވާނެ: ރައީސް ސޯލިހު

އެމްޑީޕީ ސަރުކާރުގައި ރައީސް ސޯލިހު ކެބިނެޓުގެ ތިން ވަޒީރުން އޭސީސީގެ ތަޙުޤީޤަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައިކަމަށް ރައީސް ސޯލިހު ވިދާޅު ވެއްޖެއެވެ. އެހެން ވިދާޅުވެ ރައީސް ސޯލިހު މިއަދު އެކްސްގައި ކުރެއްވީ ރައީސް ސޯލިހުގެ ކެބިނެޓްގެ ތިން ވަޒީރުން އޭސީސިއަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވުމާއި ގުޅިގެންނެވެ.
އޭސީސީއަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވާފައިވާ ރައީސް ސޯލިހު ސަރުކާރުގެ 3 ވަޒީރުންނަކީ ކުރީގެ އެކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު މިހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން ކަމަށް ރައީސް ސޯލިހުގެ ޕޯސްޓްގައި ވިދާޅުވިއެވެ.
" މާޒީގައި މިކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އިންސާފުން އެއްކިބާވެފައިވާ ތަޚުޤީޤުތަކާއި، ސިޔާސީ ހުކުންތަކުން މުޅި ޤައުމު ކިލަނބުވާނެ." ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މިފަދަ ކަންކަމުން ދުރުވެ އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.