ރައީސް ނަޝީދަށް މިވީ ކިހިނެއް!
ހެޔޮވެރިކަމާ، އިދިކޮޅަށް ވުރެ އިދިކޮޅުވެ ވަޑައިގަތުމުގެ ނަތީޖާ
ހުތުރު ބައްޔަކުން ބަލިވެ ވަޑައިގެން ރައީސް ނަޝީދުގެ ތަރި އޮއްސިއްޖެ ކަހަލައެވެ. ގޮތްދޫ ނުކުރެއްވުމާ ތިމާނޫން މީހަކީ މީހެއް ނޫންކަމަށް ހެދިވަޑައިގެން އުޅުއްވުމުގެ ހިތި އަމިއްލަފުޅު ޕާޓީގެ ތެރެއިން ދެކެވަޑައިގަންނަވަން ޖެހި ވަޑައިގަތީއެވެ.
ވިސްނާ ބަޔަކަށް އިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ. އެތައް ބަޔަކުވީ ގުރުބާނީން ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ގެނައި ގެނައުމަކީ ރައީސް ނަޝީދު ގިނިކަންޏާ ކުރެއްވި މަސައްކަތްޕުޅުން ކުރެއްވި ކަމެއްކަމަށް ހެއްދެވިއެވެ. ދިގުލީ މައުމޫނުގެ ވެރިކަން ނިންމަން ބޭނުންވެފައި ތިބި ވަރުން އެންމެނަކު އޭރަކު ތިބީކީ ކަމުގެ ކްރެޑީޓް ނަގާ ގޮތަކަށް ނޫނެވެ. ދަނޑިވަޅުގެ ބޭނުން ނިކަން ރަނގަޅަށް ހިއްޕަވާ އިސްލާހީ ހަރަކާތުގެ ހުރިހާ މަސައްކަތެއްގެ ކުރެޑިޓް ރައީސް ނަޝީދު ނެންގެވިއެވެ.
އެމްޑީޕީގެ ތެރެއިން ލީޑަރޝިޕްއަށް އަތުވެދާނެ ކަމަށް ބެލެވުނު އެންމެންހެން ސިޔާސީ ގޮތުން ބޯ ހިއްލާލިޔަ ނުދެއްވާ ފައްސާ ނަގާލެއްވިއެވެ. އިބްރާއެއް މުނައްވަރެއް ވަހީދެއް މުހައްމަދު ޝިހާބެއް ކިޔާނެކަމެއް ނެތެވެ. ރީކޯ މޫސައާއި ޑރ. ޑީޑީއާއި މަވޯޓާ ޝަރީފް ފަދަ އެތައް ބަޔަކު ސިޔާސީ ގޮތުން ކަތިލާލެއްވިއެވެ. އާދެ މަސާހިބު ވެގެން ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ނެތް ކޮންމެ މީހަކީ އަބުރެއް އިއްޒަތެއް އިންސާނީ ކަރާމަތެއް ނެތް މީހަކަށް ހެއްދެވިއެވެ. އެހެން މީހުން ކޮށްފައިހުރި އެތައް ކަމެއްގެ ކްރެޑިޓް ނަންގަވާ މުޅި އެމްޑީޕީއަކީ ރައީސް ނަޝީދު ކަމަށްވެ ރައީސް ނަޝީދު ބޭނުންފުޅު ނުވާ އެއްވެސް ކަމެއް ނުހިނގާ ވަރަށް އެމްޑީޕީ ރައީސް ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ހެއްދެވިއެވެ.
ވަތަންއެދޭ އިއްތިހާދުން ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން ލިބި ވަޑައިގަތުމުން މުޅި ރާއްޖެއަކީ ވެސް އެ މަނިކުފާނުގެ ގޮނޑިކޮއްކޮއެއް ކަމުގައި ދެކިވަޑައިގަތެވެ. ސިޔާސީގޮތުން އެ މަނިކުފާނާއި ހިޔާލު ތަފާތު އެޅިހާ ބަތަކަށް ރިހަނުވާ އެތައް ބަޔަކު ތިބިކަން ވިސްނި ވަޑައެއް ނުގަތެވެ. ނުފޫޒާ އަރާބާރާއި ބުއްދި ހުރީ އެ މަނިކުފާނުގެ އެކަނި ނޫންކަން ވިސްނި ވަޑައި ނުގަތުމުން ވެރިކަން ދޫކޮށްލައްވައި އެމްޑީޕީ އެކީ އެކައްޗަކަށް ނުރައްކަލަށް ވައްޓަވާލެއްވިއެވެ. އެމްޑީޕީއަކީ ރައީސް ނަޝީދުގެ ޖާހު މަތިކޮށްދީ ރައީސް ނަޝީދުގެ ދިފާއުގައި އަޑުއުފުލާ ގުރުންބާން ކަންބަޅިއެއް ގޮތުގައި ހެއްދެވީ އެމްޑީޕީ މެންބަރުންނަށް ހެވާ ރަނގަޅު ގޮތަކީ ހަމަ އެކަނި ރައީސް ނަޝީދު ކަމުގައި ދައްކުވައިގެންނެވެ.
ދުނިޔޭގެ އޮޔާވައި އަބަދު ޖެހެނީ އެއްގޮތަކަށް ނޫނެވެ. ރައީސް ނަޝީދުގެ އަވާގައި ޖެހިފައި އެމްޑީޕީ އޮތް އޮތުން ބަދަލުވުމުގެ ވަގުތުޖެހި މެންބަރުންގެ ހަގީގީ ބާރުވެރިކަން ޕާޓީގެ ތެރޭގައި ހިނގައިގަތީ ރައީސް ނަޝީދު ނޫން އެހެން ބޭފުޅަކު އެމްޑީޕީގެ ވެރިކަމެއް ކުރައްވަން ފެއްޓެވުމުންނެވެ. އެމްޑީޕީގެ ވެރިކަމަކަށް ވުރެ އެމްޑީޕީގެ ނަމުގައި ރައީސް ނަޝީދު ނޫން ބޭފުޅަކު ވެރިކަން ކުރެއްވުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަން މެންބަރުން ތަޖުރިބާ ކުރަން ޖެހުމުންނެވެ. އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވެ ވަޑައިގެން ރައީސް ސާލިހު ކުރައްވަމުން ގެންދަވާ ހެޔޮވެރިކަމާ، އިދިކޮޅަށް ވުރެ ރައީސް ނަޝީދު އިދިކޮޅުވެ ވަޑައިގަތުމުންނެވެ.
ނަތީޖާއެއްގެ ގޮތުން ޕާޓީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވަނިކޮށް ޕީޖީ ގްރޫޕްގެ އަތްޕުޅުން ދޫވެ ކޮންޓްރޯލު ގެއްލި ވަޑައިގެންފިއެވެ. ގިނަ ދައިރާތަކުން ގައުމީ މަޖިލީހަށް އާއްމު މެންބަރު އިންތިހާބު ކޮށްދިނީ ރައީސް ނަޝީދު ދެއްކެވި މީހާނޫން އަނެއް މިހާއެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީ އުފެދުނީއްސުރެ ގައުމީ މަޖީލީހުގެ މައްޗަށް ރައީސް ނަޝީދަށް އޮތް ބާރުވެރިކަން ނެތި އެމްޑީޕީގެ އެންމެ މުހިންމު ގުނަން ވެސް ގެއްލި ވަޑައިގަތީއެވެ. އެއާއި އެކު ކޮންގްރަސް ބީވެ އެންމެ ފަހުން ރިޔާސީ ޓިކެޓްވެސް ގެއްލި ވަޑައިގަތީއެވެ.