ޕީޕީއެމްގެ މޭގަނޑު އަނގަޔަށް
ފ އަތޮޅު ރައީސް ސޯލިހުގެ ފަހަތްޕުޅަށް
މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖޭގައި ހިނގަން ފެށި ފަހުން ވަކިވަކި ޕާޓީތަކަށް ތާއީދު ބޮޑު ރަށްރަށާއި ދާއިރާތައް ފާހަގަ ކުރެވެއެވެ. މައިގަނޑު ގޮތެއްގައި ރަށްރަށުގެ ކޮޏްޓްރޯލު އޮންނަނީ އޭރަކު އޮންނަ މައި ދެ ޕާއިޓީގައެވެ. ޕީޕީއެމް އުފެދުމުގެ ކުރިން ޑީއާރުޕީ އާއި އެމްޑީޕީއެވެ. ޕީޕީއެމް އުފެދުމަށް ފަހު ޕީޕީއެމްއާއި އެމްޑީޕީއެވެ. އެމްޑީޕީއަށް ތާއީދު ކުރާ އެމްޑީޕީގެ ކޮންޓްރޯލްކުރާ ރަށްރަށާއި ދާއިރާތައް ހުންނަ ފަދައިން ޕީޕީއެމަށް ހާއްސަ ރަށްރަށާއި ދާއިރާތައް ވެސް ހުރެއެވެ.
ޕާޓީއެއްގެ ތާއީދު ރަށެއްގައި އޮންނަވަރު އެނގެނީ އިންތިހާބުތަކުގެ ނަތީޖާއިންނާއި އެ ރަށެއްގައި ޕާޓީގެ މެންބަރުން އުޅޭ ނިސްބަތުންނާއި އެ ރަށެއްގައި ޕާޓީގެ ހަރަކާތްތައް ހިންގުމަށް އޮންނަ ފަހި ކަމުގެ މައްޗަށެވެ. ވަކިވަކި ރަށްރަށުގެ ނަން ނުކިޔަސް ގިނަ މީހުނަށް ކޮން ރަށަކީ ކޮން ޕާޓީއެއްގެ ރަށެއްކަން އެނގޭހާ އެކަން ސާފެވެ.
ފެށުނީއްސުރެ ފާފު އަތޮޅުގެ ގިނަ ރަށްރަށަކީ އެމްޑީޕީއާއި ތަފާތުފިކުރަށް ތާއީދުކުރާ ގިނަ ބަޔަކު ތިބި ރަށްރަށެވެ. މިއަދާ ޖެހެންދެންވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފޫޅުން ގަބޫލު ކުރައްވާ ގޮތުގައި ފާފު އަތޮޅަކީ އެ ބޭފުޅުންގެ ބަދަލެއް ނުވާ ސަޕޯޓް ބޭހެކެވެ. ހާއްސަކޮށް ފ. ނިލަންދޫއަކީ ޕީޕީއެމްގެ ހަބެއްކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ. މާލެ އަތޮޅު ގުރައިދޫ ދާއިރާއާއި މެދު ހީފުޅު ކުރެއްވި ކުރެއްވުމާއި އެއްގޮތަށެވެ.
އެހެނަސް މުޅި މަންޒަރު މިއަންނަނީ ބަދަލުވަމުންނެވެ. މި އަދަކީ ޕީޕީއެމް ކަރުނައަޅާ ރޯނެ ދުވަހެކެވެ. ޕީޕީއެމަށް ނިލަންދޫ ދާއިރާގައި އޮތް ތާއީދު ބޮޑުތަނުން ފަނޑުވެގެން ހިނގައްޖެކަން އެނގުމުންނެވެ. އެހެން ވާނެތާއެވެ. ރައްޔިތުން ވެރިކަމަށް ބަޔަކު ގެންނަނީ އެ މީހުންގެ މުހުތަދުތައް ފުއްދާދޭނެ ކަމަށް ގަބޫލުކޮށް ގެންނެވެ. ވެރިކަން ލިބުމުން ވެރިކަމަށް ގެނައި ރައްޔިތުންގެ ކަންކަން ފަސްކޮށް ލަސްކުރާ ވެރިބަޔަކަށް ދެވަނަ ފުރުސަތެއް ރައްޔިތުންނުދެއެވެ.
ޕީޕީއެމް މެންބަރުންނާއި ސަޕޯޓަރުން ރައީސް ޔާމީނު ވެރިކަމަށް ގެނައި މަގްސަދު ހާސިލުނުވެ ވެރިކަން ގެއްލުމުން ޔާމީނު ސަލާމަތްކުރަން މަގުމަތީގައި އުޅުމުގެ ބޭނުމެއް ނެތްކަން ރައްޔިތުންނަށް ވިސްނެން ފަށައިފިއެވެ. މުހިންމީ ވަކި މީހެއްގެ ލެގަސީ ދެމެހެއްޓުން ނޫން ކަމާއި އެ ރަށަކަށް ރަނގަޅާއި މޮޅުކަން ރަށްރަށުގެ ރައްޔިތުން ދެނެގެންފިއެވެ.
ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)އާއި އެކު އެތައް ބަޔަކު އެމްޑީޕީއަށް މިއަދު ސޮއި ކުރީ ހެޔޮވެރިކަމެއްގެ ހެޔޮކަން ރައްޔިތުންނަށް ލިބޭތީ އެކަން ވަޒަން ކުރަމުންނެވެ. ރައީސް ސޯލިހުގެ ތަފާތު ކުރުންނެތް ހަމަހަމަ ވެރިކަމުގައި ވަކި ޕާޓީއަކަށް ތާއީދު ބޮޑުވަކި ރަށެއް ތަފާތު ނުކުރައްވާ ރައްޔިތުންނަށް ކުރައްވާ ހިދުމަތް ބަލައިގެން އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
ރައީސް ސޯލިހު މިއަދު ފ. އަތޮޅަށް ވަޑައިގަތުމުން އެ މަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއިން ޕީޕީއެމްގެ މޭގަނޑު އަގަޔަށް އަންނާނެއެވެ. އަސަރުކުރާނެއެވެ. ސިޔާސީގޮތުން ރައްޔިތުން ވާވައްދަން ކުޅޭ ޗަރުކޭސް ބެލުން ރައްޔިތުން ހުއްޓާލައިފިކަން ވަޒަން ކުރެވޭނެއެވެ. ދޮޅަހަކަށް މީހުން އެއްކޮށްގެން މަލޭގެ މަގުމަތީގައި ކޮންމެ ރެއަކު ގަޑިއެއްހާއިރު ޔާމީނު ދޫކުރަން ގޮވަގޮވާ ތިއްބާ ރަށަކަށް ފަހު ރަށެއްގެ ތާއީދާއި ލޯބި ރައީސް ސޯލިހު ހޯއްދަވަމުން އެވަޑައިގަންނަވަނީ ފަތުއަޑުު ކިޔާފައެވެ.