ރައީސާ ވާދަ ކުރެވޭވަރު ސިޔާސަތެއް އިދިކޮޅުގައިނެތް: ޝާހިދު
ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ
އޮނަރަބަލް އަބްދުﷲ ޝާހިދު ވިދާޅުވާ ގޮތުގައި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެއެވެ. އެ މަނިކުފާނު ވިދާޅުވަނީ ރައީސް ސާލިހާ ވާދަ ކުރެވޭ ވަރުގެ ސިޔާސަތެއް އިދިކޮޅުގައި ނެތްކަމަށެވެ. އިންޑިއާގެ ނޫސް އެޖެންސީއަކަށް ދެއްވި އިންޓަވިއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ވިދާޅުވީ ހަމަ ވަރަށް ބޮޑު ތެދުފުޅެކެވެ.
މި އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތުތަކާއި ދިވެހިންނަށް ކޮށްދެއްވި ކަންކަމުގެ ސަބަބުން އެ މަނިކުފާނަށް އޮތް ތާއީދު ވަރަށް ބޮޑުކަމަށް ޝަހިދު ދެކިވަޑައި ގަންނަވައެވެ. އެވާހަކަ ފުޅަށް ބާރުދެއްވަމުން އިންޓަވިއުގައި ޝާހިދު ވިދާޅުވި ގޮތުގައި މިދިޔަ ހަތަރު އަހަރު ޝަރުއީ ކޯޓުތަކަށް ދިވެހި ދައުލަތުގެ އިސްވެރިން ބާރެއް ނުފޯރުވައެވެ. ހަމަ އެހެންމެ މި ސަރުކާރުން ޑިމޮކްރެޓިކް ގަވަނަންސަކަށް ބޭނުންވާ ފުރިހަމަ ބިންގާ މިދިޔަ ދުވަސްތަކުގައި އަޅާފައި ކަމަށް ޝާހިދު ވިދާޅުވެއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން އިންތިހާބަށް އަސަރު ކޮށްފާނެތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި ޝާހިދު ވިދާޅުވީ އިންޑިއާ އައުޓް ސްލޯގަން ހަދައިގެން އުޅެނީ އިދިކޮޅުން ރައްޔިތުންނަށް ދައްކާނެ ވަރުގަދަ ސިޔާސަތެއް ނެތުމުން ކަމަށެވެ. އިދިކޮޅަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ނަފްރަތު އުފެއްދުން ކަމަށް ޝާހިދު ވިދާޅުވިއެވެ.