އަސާސީ ހައްގުތަކުގެ ކަރާމާތާއި ހުރުމަތް ރައްކާތެރިކުރޭ: ރައީސް ސޯލިހު
 
                                    ދުނިޔޭގެ ޑިމޮކްރަސީ ދުވަސް މި އަހަރު އައީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ވިދާޅުވަނީ އެންމެހައި މީޑިއާތައް ސަރުކާރުގެ ބާރުގެ ދަށުގައިވާ ކޮމިޝަނެއްގެ ބެލުމުގެ ދަށަށް ގެނައުމަށް ހުށަހަޅާފައިވާ ސަރުކާރުން ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސީދާ ނުރައްކަލެއް ކުރިމަތިކުރުވާ ބިލެއް ކަމަށެވެ.
މީޑިއާ ކޮންޓްރޯލް ބިލަކީ ޖަވާބުދާރީވުމާއި ހާމަކަން އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ބިލެއް ނޫން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވެއެވެ. " އެހެނެއް ކަމަކު، މިއީ ދެކޮޅު އަޑުތައް މަރާލައި، ހަމައެކަނި ސަރުކާރުގެ ވާހަކައާ އެއްގޮތަށް ވާހަކަދައްކާ ފަރާތްތަކަށް އިނާމު ދިނުމަށް ފަރުމާކުރެވިފައިވާ ބިލެއް" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ދުނިޔޭގެ ޑިމޮކްރަސީ ދުވަހު، ސަރުކާރަށް ރައީސް ސޯލިހު ގޮވާލެއްވީ ރައްޔިތުންގެ ކަންބޮޑުވުން ތަކަށް އިހުތިރާމްކޮށް، ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމަށާއި، އަސާސީ ހައްގުތަކުގެ ކަރާމާތާއި ހުރުމަތް ރައްކާތެރިކުރުމަށެވެ.
 
                         
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
    
             
    
             
    
             
    
             
    
             
    
             
    
                                        
                                     
    
 
    
 
    
 
    
 
    
 
    
 
    
 
    
