ސަރުކާރުން މަސައްކަތްކުރަނީ ނޫސްވެރިކަން މަރާލަން: ރައީސް ސޯލިހު

ރައީސް މުއިއްޒު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނޫސްވެރިކަން މަރާލަންކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ. ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މިވަގުތު އޮތް އެންމެ ބިރުވެރި އެއްކަމަކީ ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ބިލެއް ހުށަހަޅައިގެން އުޅޭ އުޅުމެވެ.
ނޫސްވެރިކަން ނައްތާލާ ބިލުގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް މުޅި ނޫސްވެރިކަން ގެނައުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ވަކިވަކި ނޫސްވެރިންނަށް ބިރުވެރި ނުރައްކާތެރި ފިޔަވަޅު ހޯދުމަކީ އޭގެ ބޭނުމެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. ހުރިހާ މީޑިއާ ތަކަށް ފިޔަވަޅު އެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ނެންގެވުމަކީ މުޅި ބިލްގެ ޖުމްލަ ބޭނުންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ނޫސްވެރިކަމަކީ ރާއްޖޭގެ ޑިމޮކްރަސީގައިއޮތް އެންމެ މިނިވަން ބާރުކަމަށް ސިފަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މީޑިއާތަކަކީ އަމިއްލަ ފަރުދުން ވަކިބައެއްގެ ނުފޫޒެއްނެތި އަމިއްލައަށް ނިކުމެ ރައްޔިތުންނަށްޓަކާ މަސައްކަތް ކުރާ ބައެއް ކަމަށެވެ.
ނަމަވެސް މިއަދު ސަރުކާރުން އެ މަސައްކަތްކުރަނީ ނޫސްވެރިކަން މަރާލަންކަމަށް ރައީސް ސޯލިހުވިދާޅުވިއެވެ. ބައެއް ބޭފުޅުން ނޫސްވެރިކަން މަރާލަންވީ ގޮތްވެސް ސާފުކޮށް ހާމަކޮށްދޭ ކަމަށް ކުރީދެ ރައީސް ސޯލިހު ވިދާޅުވިއެވެ.
ނޫސްއވެރިކަން މުހިންމުވަނީ ނޫސްވެރި ކަމަކީ ހަމައެކަނި ސަރުކާރު ޖަވާބު ދާރީކުރުވާ ބަޔަކަށްނުވެ މިނިވަން މުއައްސަސާތަކާއި ދައުލަތަުގެ ތިންބާރު ވެސް ޖަވާބުދާރީ ކުރުވާ ބަޔަކަށްވާތީ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް މުއިއްޒު ދައުލަތުގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލުމަށްފަހުގައި ދެން އެނިކުމެ ވަޑައިގަންނަވަނީ ނޫސްވެރިކަން މަރާލަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.