ކުރިއަށް ނެރެގެން ތިބީ އަނިޔާވެރިކަން
ޕީއެންސީ ވެރިކަމެއްގައި ބަދަލު ހިފުންނޫން ވިސްނުމެއްނެތް
މިހާ އަވަހަށް ބަދަލު ހިފުމުގެ ވާހަކަ ދައްކަން ފަށައިފިއެވެ. އަނިޔާވެރިކަމާ އިސްކުރުމުގެ ވާހަކަ ގުގުމާލައިފިއެވެ.
މުއިއްޒުގެ ވެރިކަން ނިމެންދެން ރައީސް ސޯލިހު ބަހައްޓާނީ ޖަލުގައިކަމަށް އަދުރޭމެން ބުނަން ފަށައިފިއެވެ. ފެންނަން އޮތް ކުށެއް ސާބިތުވި ހުކުމެއް ނެތިއެވެ.
ރަށްރަށުގެ ނިކަމެތި އެތައް ރައްޔިތަކަށް ރަށުގައި ތިބެގެން އަދާ ކުރާނެ ވަޒީފާ ހޯދާދީފާ ތިބުމުން މިހަރު ވަޒީފާ ދީފައި ތިބި މީހުން ވަޒީފާތަކުން ވަކިކުރަން އޮތީ ނިންމާފައެވެ. އެވާހަކަ ފާޅުގައި އެބަބުނެއެވެ.
އެސްއޯއީ ތަކުގެ ޕްރަމޯޝަނަށާއި ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން އެތައް ނޫހަކަށް ދީފައިވާ އިސްތިހާރާއި ސްޕޮންސަރ ހުއްޓާލާ ނޫސްވެރިންނަށް މުސާރަ ދެވޭނެ މަގު ބަންދުކޮށް ނޫސްތައް ހުއްޓުވާލާން އޮތީ ކަނޑައަޅާފައެވެ..
ވަކިވަކި މީހުން ފާހަގަކޮށް ބަދަލު ހިފުމުގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އެބަބުނެއެވެ. ވަކިވަކި މީހުން ސިޔާސީ ގޮތުން ބަދަލު ހިފުމަށާޓކާ ހައްޔަރުކޮށް އަދަބު ދޭނެ ކަމަށް އެބަބުނެއެވެ.
ދީފައިވާ ފުލެޓްތަކާ ގޯތިތައް ދިން މީހުންގެ އަތުން ވަކިކުރާނެ ކަމަށް އެބަބުނެއެވެ. ކުދި ރަށްރަށަށް ކަންތައް ކޮށްދިނުން ހުއްޓާލާ އެރަށްތައް ފަޅުކުރުމަށް އޮތީ ރާވާފައެވެ.
ޑރ. މުއިއްޒު ރައީސްބކަމުގެ ހުވާ ކުރައްވަނީ ހުޅުވާލައިގެން ބޭއްވި ޝަރީއަތެއްގައި ދިފާއު ނުވެވިގެން ކުރި ކޯޓު ހުކުމުން ކުރީގެ ރައީސް ޔާމިނު ވަގުތުން މިނިވަންކޮށްފަ ކަމަށްވެސް އެބަބުނެއެވެ.
އަދި މިއުޅެނީ ވެރިކަން ނުލިބިއެވެ. ދެވަނަ ބުރުގައި ލިބޭނެ ކަމެއްވެސް އެނގެނީއެއް ނޫނެވެ. މިހާ އަވަހަށް ބަދަލު ހިފުމާ އަނިޔާވެރިކަން އެތިބީ އިސްކޮށްގެންނެވެ.