ރޭވެނީ އަންނި ޖާނުންފިދާވެގެން އިބޫއަށް ދޭ ސިޔާސީ ހަމަލައެއް
ޕްރައިމަރީން ރައީސް ނަޝީދު ބަލިވުމަކީ މި ފަހުން ރައީސް ނަޝީދުވީ 5 ވަނަ ބަލި
ރައީސް ނަޝީދަށް ބައެއްގެ ތާއީދު ނެތްކަމަށް ބުނުމަކީ ހެދޭނެ އެންމެ ބޮޑު އެއް ދޮގެވެ. ސިޔާސީ ލީޑަރުންނަށް ތާއީދު ކުރާ މީހުންނާ ޒާތަކަށް އީމާންވާ މީހުން އުޅޭނެއެވެ. އެއީ އިންސާނީ ތޮބީޢަތެވެ. ރައީސް މައުމޫން އެ ހުންނެވީ އެ ދެބައިވެސް ލިބި އެދުވަސް ނިމި ދުވަސް ގޮސްފައެވެ.
މީހަކަށް ތާއީދު ކުރާ މީހުން މިބުނި ބީދައިން އޭނާއަށް އީމާންވާ މީހުންނަށްވުރެ ގިނަ ވާނެއެވެ. ތާއީދު ކުރާ މީހުން ތާއީދު ކުރާނީ އަމިއްލަ ލޮލުން ބަލަމުން އަމިއްލަ ސިކުނޑިން ވިސްނަމުން ނެވެ. ނަތީޖާއަކީ އެ މީހާ އުޅޭގޮތާ ބުނާ ބަހާ ކުރާ ކަންކަމުން ކުރިން ކުރި ތާއީދު ގެއްލި ދެއެވެ.
ނަމަވެސް އެއްކަލަ ގޮތަށް އީމާންވި މީހުންނަށް ވިސްނި ފެނި އަޑު އިވޭނީ އެމީހާ އެހިނދަކަށް ކުރާ ކަމަކާ ބުނާ ބަހަކާ އޭނާ ވިސްނައިދިން އެއްޗެކެވެ. އޭނާގެ އަމިއްލަ ސިކުނޑިއާ އަމިއްލަ ލޮލާ ކަންފަތަކީ ނެތް އެއްޗިހި ފަދަ ވާނެއެވެ. އެގޮތަށް އީމާން ވީމާ އޭނާ ކުރާނީ ހުސް ރަނގަޅު ކަންކަމެވެ. ބުނާނީ ހުސް ހެޔޮބަހެވެ. އަދި އޭނާގެ ފުށުން އިވޭނީ ހައްތާވެސް ހެޔޮ ބަހެވެ. އިންސާނުންނަކީ މަރު ގަންނަވަން ދެން މި ހާލެއްގައި އުމުރު ކަންފަތި ކުރާ ބައެކެވެ.
ނިމި ދިޔަ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ބަސްމަގު ހުރީ އިދިކޮޅު ޕީޕީއެމާ ދާދި ގާތުގައެވެ. އެއްކަލަ މީހުންނަށް އެގޮތް އޯކޭއެވެ. އެ ކެމްޕޭންގައި ރައީސް ނަޝީދާ އެއްކޮޅަށް މަރުދީ އުޅުނު އެއް ބަޔަކީ ޕީޕީއެމް އެކްޓިވިސްޓުންނާ އެމީހުންގެ ނޫސް މީޑިއާ ތަކެވެ. އެނގި ތިބެ އެކަން ވެސް އޯކޭ ބަޔަކު އެބަ އުޅެއެވެ.
ރޮޒޭނާ އާއި ތަސްމީނާއި އަލީ އާޒިމާ "ޝައިތޯނާ" ވެސް ރައީސް ނަޝީދާ އެކުގައި ތިބިތަ އެއީ ބަތަލުންނެވެ. ދުރަށް ޖެހިލާ އިރަށް އެވަރުގެ ނުބައި ބަޔަކު ނެތެވެ. ކައިރީގަ ހުރިއްޔާ އޯކޭއެވެ. މިފަހަރު އަލީ އާޒިމް އޯކޭއެވެ. އެކުގައި ނެތުމުން ރޮޒޭނާ އޯކޭ އެއް ނުވިއެވެ.
ގާސިމާއި އިމްރާނާއި މައުމޫނާއި އަދީބާއި ޖަމީލަކީ ބަޣާވާތުގެ އަހުލު ވެރިންނޭ އެމީހުންނާ ކޯލިޝަން ހެދީ އޭ ބުނެ ބަހަނާ ނުދައްކާށެވެ. އެ އެންމެންނާ ރައީސް ނަޝީދު ޖަލުގައި ތެޅުވި އެންމެންގެ މުއްލާ އަކަށް ހުރީ ރައީސް ޔާމީނެވެ. ތިޔަ ބުނި އެންމެން ރަންހާރެއް ހެން އަމުނައިގެން ގެނެސް ރައީސް ސޯލިޙްގެ ކަރުގައި ކޯލިޝަންގެ ހާރު އެޅުވީ ރައީސް ނަޝީދެވެ.
އެކަމަކު އެންމެންގެ ބޮސް ޔާމީނު ރައީސް ނަޝީދަށް އޯކޭ ވީމާ އެއްކަލަ ބާވަތަށް އީމާންވި މީހުން އެތިބީ ވިދާޅުވިޔަތީ އޯކޭ ވެގެންނެވެ. އަމިއްލަ ސިކުނޑިއެއް ލޮލެއް ކަންފަތެއް ނެތް ފަދައެވެ.
އެމްޑީޕީ އުފެދިގެން އެންމެ ފުރަތަމަ ކުރި ކަމަކީ ލާއިންސާނީ އަނިޔާ ނައްތާލުމެވެ. އެމްޑީޕީ އުފެދުނު ފަހުން އެންމެނަށް އަނިޔާކުރި ހުރީ އެންމެ މީހެކެވެ. އެއީ ރައީސް ޔާމީނެވެ. ޕީޕީއެމާއި ރައީސް ޔާމީނާ އޯކޭ ނުވާ އަދި ނުވެސް ވާނެ ކަމަށް ވިދާޅުވާ ހަމަ އެކަނި ލީޑަރަކީ ރައީސް ޞޯލިޙެވެ.
ޕްރައިމަރީގެ ތެރޭގައި ރައީސް ޞޯލިޙް އެހެން ވިދާޅުވީ ވެސް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ޔާމީނު އޯކޭވިލެއް ބޮޑުކަމާއި އަވަސް ކަމުންނެވެ. ތާއީދު ކުރާ މީހުންނަށް އެވަރު އެނގުނަސް އީމާންވީ މީހުން ގޮވާ ނަގަނީ އަވަހަށް ޕާޓީއެއް ހަދާ ވަކިން ވާދަ ކުރުމަށެވެ.
ޕްރައިމަރީން ރައީސް ނަޝީދު ބަލިވުމަކީ މި ފަހުން ރައީސް ނަޝީދުވީ 5 ވަނަ ބައްޔެވެ. ޑިމޮކްރަސީއަކީ މޮޅުވާ މީހާ ފަހަތަށް ބަލިވާ މީހާ އެރުމޭ އެންމެ ބާރަށް ގޮވީ ރައީސް ނަޝީދެވެ.
ތިމާ ބަލިވީމާ އެހުރީ ހިމޭނުންނެވެ.
ހިމޭނުން ހުރުމުގެ މާނަ އެނގޭ ހެއްޔެވެ؟ މިހާރު އެ ބަލަނީ ވަކިން ވާދަ ކުރަން ގޮވާ އީމާންވި މީހުންގެ އަޑު ވައިގައި ހިފާ ވަރެއް އަޖުމަ ބެލުމެވެ. ދެން މަޖިލިސް ރައީސް ކަމުން އިސްތިއުފާ ދިނުމަށް ފަހު ވާނެ އެއްޗެއްވާން އަމިއްލައަށް ވަކިން ކުރިމަތި ލާނެއެވެ.
ކޮންމެހެން ހޮވޭކަށް ނޫނެވެ. ބަޔަކު ގަޅަ ހައްދައިގެން ވެސް އެޖަހަން އުޅޭ ސުއިސައިޑް އެޓެމްޕްޓަކީ ރައީސް ޞޯލިހަށް ދެވަނަ ދައުރެއް ނުދޭން ހިތުގައި އޮތް އަދާވާތް ތެރިކަމާއި ނަފްރަތެވެ. ޕްރައިމަރީން ބަލި ވުމުން ހިމޭނުން ހުރެގެން އެ ޖަހަނީ ޢަދާވާތް ތެރިކަމުގެ ވަކަރަށެވެ.