ނަޝީދަށް ކާމިޔާބުނުވީ ތިރީސްނުވަހާސް މެންބަރުން އުނިވެގެނެއްނޫން

ނަޝީދަށް ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުވުމާ ޕާޓީގެ ދަފްތަރު އިސްލާހު ކުރުމާ ގުޅުމެއް ނެތް

ނަޝީދަށް ކާމިޔާބުނުވީ ތިރީސްނުވަހާސް މެންބަރުން އުނިވެގެނެއްނޫން

ރައީސް ނަޝީދަށް ޕްރައިމަރީ ގެއްލުނީ: 

  • އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކޮންޓްރޯލު ރައީސް ނަޝީދަށް ގެއްލުމުން
  • ގައުމީ މަޖިލިސް އިންތިހާބު ރައީސް ނަޝީދު ތާއީދުކުރެއްވި ގިނަމެންބަރުން ދައިރާތަކުން ނުހޮވުމުން
  • ޗެއަރޕާސަންގެ މަގާމަށް ރައީސް ނަޝީދު އެންޑޯޒް ކުރެއްވި އިމްތިޔާޒު ފަހުމީ ނުހޮވުމުން
  • ރައީސް ސާލިހުގެ ހެޔޮވެރިކަމާ ރައީސް ނަޝީދު އިދިކޮޅަށް ވުރެ އިދިކޮޅުވުމުން. 

އެމްޑީޕީގެ މެންބަރަކަށް ވުމަށް ފޯމުފުރާފައި ޕާޓީގެ އޮފީހަށް ފޮނުވުމުން ޕާޓީގެ ދަފުތަރަށް އެމީހެއްގެ ނަން ނިކަން ފަސޭހައިން އަރުވާލައެވެ. އެއަށްފަހު ކުރަންޖެހޭ ގިނަކަންކަން ސެކެރެޓެރިއޭޓުން އޮންނަނީ ނުކޮށެވެ. އިލެކްޝަންގެ ދަފުތަރަށް އެމެންބަރަކު ލުމަށް ކުރަންޖެހޭ އެއްވެސް ކަމެއް މަދުންނޫނީ ކުރެވިފައެއް ނެތެވެ. އޭރުގެ ޗެއަރޕާސަން ހަސަން ލަތީފް އެކަމަށް ކުޑަވެސް ސަމާލުކަމެއް ނުދެއްވައެވެ. އިލެކްޝަން ކަމިޝަންގެ ލިސްޓާއި އެމްޑީޕީގެ ސެކްރެޓެރިއޭޓްގެ ދަފްތަރު އެއްގޮތް ކުރުމަކީ އެއްވެސް ބޭނުމެއް އޮތްކަމެއް ކަމަކަށް ޕާޓީގެ ރައީސް ނަޝީދަކަށް އަދި އޭރުގެ ޗެއަރޕާސަން ހަސަން ލަތީފަކަށް ގަބޫލެއް ނުކުރެއްވެއެވެ. 

ކޮންމެ އެތެރޭގެ އިންތިހާބަކާ ގުޅުވައިގެން އެހެން ޕާޓީތަކުން މީހުން ވަދެ އިންތިހާބުތައް ގަޑުބަޑު ކުރާ ވާހަކައަކީ ރައީސް ނަޝީދު ކެނޑިނޭޅި އަޑުހަރުކޮށް ދެއްކެވި ވާހަކައެކެވެ. އެންމެފަހުން ޕާޓީގެ ޗެއަރޕާސަން ހޮވުމަށް ބެއްވި އިންތިހާބުގައި ވާދަކުރެއްވި ދެކެންޑިޑޭޓުންގެ ތެރެއިން ރައީސް ނަޝީދާއި ކުރީގެ ޗެއަރޕާސަން ހަސަން ލަތީފާއި ޕާޓީގެ ލީޑަރޝިޕުން ތާއީދުކުރި އިމްތިޔާޒު ފަހުމީގެ މެނެފެސްޓޯގެ އެއްވަނަގައި އޮތީ ޕާޓީ ދަފްތަރު ސާފުކުރުމުގެ ވާހަކައެވެ. ދަފްތަރު ސާފުކުރުމަށް އެއްވެސް ސަމާލުކަމެއް ނުދެއްވާ ތިއްބެވި ބޭފުޅުންތަކެއް ތާއީދުކުރައްވާ ކެންޑިޑޭޓްގެ ދައުރުގައި ކުރާއްވަނެ އެންމެ އިސްކަމަކަށް ދަފްތަރު ސާފު ކުރުން ވެގެން ދާނީ ގައިމު ދަފުތަރުގައި ބޮޑެތި މައްސަލަތަކެއް ހުރެގެންތާއެވެ.

ދަފުތަރުން އުނިވީ ނަޝީދުގެ ސަޕޯޓަރުން އެކަންޏެއްނޫން

ކަން ދިމާކުރި ގޮތުން ރައީސް ނަޝީދުމެން ތާއީދު ކުރެއްވި އިމްތިޔާޒް ފަހުމީއަށް ޗެއަރޕާސަންކަން ކާމިޔާބެއް ނުކުރެއްވުނެވެ. އިންތިހާބު ކާމިޔާބު ކުރެއްވީ ހިންގާލަން ނިކުންނެވި ފައްޔާޒު އިސްމާއީލެވެ. ފައްޔާޒަށް ޗެއަރޕާސަން ކަން ލިބި ވަޑައި ގަތުމާއެކު އެންމެ އިސްކަމެއް ދެއްވީ އިމްތިޔާޒް ފަހުމީ ޓީމުގެ އެންމެ ބޮޑު ކަންބޮޑުވުން ހައްލުކުރުމަށެވެ. އެމްޑީޕީގެ ދަފުތަރު ސާފު ކުރެއްވުމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާއި އެއްގޮތަށް ގާނޫނީ ހަމައިގެ ތެރެއިން ދަފްތަރު ސާފު ކުރެއްވިއެވެ. ދަފްތަރު ސާފުކޮށް ނިމުނުއިރު އޮނަސާޅީސް ހާހެއްހާ މީހުންނަށް އެމްޑީޕީގެ މެންބަރޝިޕް ގެއްލުނެވެ. ހަސަން ލަތީފު އިސްވެ ހުންނެވި ސެކެރެޓެރިއޭޓުގެ ގައިރު ޒިންމާދާރު ކަމުންނެވެ. މެންބަރޝިޕް ގެއްލުނީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތައީދު ކުރާ މީހުންނަށް އަމާޒު ކޮށްގެން ކަމަށް ބުނެ ހަސަން ލަތީފުމެން ވާހަކަ ދެއްކެވުމަކީ އެބޭފުޅުންގެ އިހުލާސްތެރިކަމެއް ނެތްކަން ދަލީލުކުރާ ސަބަބެކެވެ. މެންބަރުޝިޕް ގެއްލުނު މީހުންގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދުކުރާ މީހުން ތިބިހެން ރައީސް ސާލިހަށް ތައީދުކުރާ އެ ބައެއްގެ ވޯޓު ރައީސް ސާލިހަށް ކަށަވަރު އެތައް ހާސް ބަޔަކު ވެސް ހިމެނެއެވެ.

ރައީސް ނަޝީދަށް ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުވުމާ ޕާޓީގެ ދަފްތަރު އިސްލާހު ކުރުމާ ގުޅުމެއް ނެތެވެ. ރައީސް ނަޝީދުގެ ނާކާބީ ގުޅިވައިވަނީ މިދަންނަވާ ކަންކަމުގެ މައްޗަށެވެ.

  • އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކޮންޓްރޯލު ރައީސް ނަޝީދަށް ގެއްލުން
  • ގައުމީ މަޖިލިސް އިންތިހާބު ރައީސް ނަޝީދު ތާއީދުކުރެއްވި ގިނަމެންބަރުން ދައިރާތަކުން ނުހޮވުން
  • ޗެއަރޕާސަންގެ މަގާމަށް ރައީސް ނަޝީދު އެންޑޯޒް ކުރެއްވި އިމްތިޔާޒު ފަހުމީ ނުހޮވުން
  • ރައީސް ސާލިހުގެ ހެޔޮވެރިކަމާ އިދިކޮޅަށް ވުރެ އިދިކޮޅުވުން. 

އިސްވެދިޔަ ސަބަބުތައް އެހެން ހުރުމުން ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުކުރެއްވުނީ 39000 މެންބަރުން ދަފުތަރުގައި ނެތުމުންނޭ ކިޔުމުގެ ޖާގައެއް ނެތެވެ.