ރައީސް އިބޫއާއި ހެޔޮވެރިކަން: ދެވަނަ ދައުރެއް ހައްގު

ހެޔޮ ވެރިކަމަކީ ޤާނޫނުގެ ވެރިކަމަށް ރިޢާޔަތްކޮށްގެން ހިންގޭ ޕްރޮސެސްއެއް

ރައީސް އިބޫއާއި ހެޔޮވެރިކަން: ދެވަނަ ދައުރެއް ހައްގު

ހެޔޮ ވެރިކަމަކީ އާންމު މުއައްސަސާތަކުން ރައްޔިތުންނާއިގުޅުންހުރި ކަންކަން ހިންގައި، އާންމު ވަސީލަތްތައް ބެލެހެއްޓުމާއި، އިންސާނީ ހައްގުތައް ކަށަވަރުކޮށް ހަޤީޤަތަކަށް ހެދުމެވެ.  ކޮރަޕްޝަނުން އެއްކިބާވެ، ޤާނޫނުގެ ވެރިކަމަށް ރިޢާޔަތްކޮށްގެން ކުރެވޭ ޕްރޮސެސްއެކެވެ. 'ރަނގަޅު' ވެރިކަމެއްގެ ހަގީގީ އިމްތިހާނަކީ އިންސާނީ ހައްގުތަކުގެ ވައުދެވެ. އަދި މަދަނީ، ސަގާފީ، އިގްތިސާދީ، ސިޔާސީ އަދި އިޖުތިމާއީ ހައްގުތައް ފުއްދައިދޭ މިންވަރެވެ.

ހެޔޮވެރިކަމުގެ ހަޤީޤީ މާނައަށް ނަޒަރު ހިންގާލުމުން ވެސް ރައީސް އިބޫއަށް ދެވަނަ ދައުރެއް ހައްޤެވެ. ދިވެހިރާއްޖެއަށް މުހިންމީ މައުމޫނާއި ، ނާސިރުގެ ފަލްސަފާއެއް ނޫނެވެ. އަދި މައުމޫނާއި ނާސިރުގެ ހާރިޖީ ސިޔާސަތެއް ވެސް ނޫނެވެ. ބޭނުމީ ހިކުމަތްރިކަމާއި، ކެތްތެރިކަމާއިއެކު ގައުމު ސަލާމަތުގެ އައްސޭރީގައި ބާއްވައިދޭނެ ސިޔާސަތެކެވެ. ތާރީހަށް ބަލާއިރު އެކަމަށް އެންމެ އެކަށޭނެ ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެއަރޕޯޓްތަކާއި ބަނދަރުތައް ތަރައްޤީ ކުރައްވަމުން އެބަގެންދަވައެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރު ހަރުފަތަކަށް ކުރިޔަށް ގެންދިޔުމަށްޓަކައި ގިނަގުނަ މަސައްކަތްތައް މި ސަރުކާރުން ރާއްވާ ހިންގަމުން އެބަ ގެންދެއެވެ. "ދިވެހިރާއްޖޭގެ ފޮރިން ސަވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސަވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމު ކުރެވިއްޖެއެވެ.  ފޮރިން ސާވިސް އެކުލެވިގެން ވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، އެ ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސާވިސްގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

ދެންއޮތީ ރައީސް އިބޫގެ ހެޔޮވެރިކަމުގެ ވާހަކައެވެ. ރައީސް އިބޫގެ ވެރިކަން ފެނިގެންދަނީ ހެޔޮވެރިކަމުގެ ފަލްސަފާތައް އެންމެ ފުރިހަމަށް އެތުރިފައިވާ ވެރިކަމުގެ ގޮތުގައެވެ. އެގޮތުން ލޯކަލް އިންތިޚާބުތައް ކުރިއަށް ގެންދަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ޤާނޫނުތަކާ އެއްގޮތަށް، އަދި އެއްވެސް މަކަރާއި ހީލަތެއް ނެތިއެވެ. އާންމު ހަރަކާތް ތަކުގައި ކަނޑައެޅިފައިވާ ގޮތްތަކެއްގެމަތިން އެންމެނަށް ބައިވެރިވެއެވެ. ހުރިހާ އަންހެނުންނާއި ފިރިހެނުންނަށް ނިންމުންތައް ނިންމުމުގައި ސީދާ ނުވަތަ އެމީހުންގެ މަސްލަހަތު ތަމްސީލުކުރާ ޝަރުއީ ހަމަތަކުގެ ތެރެއިން އަޑު އިއްވެއެވެ. މިފަދަ ފުޅާ ބައިވެރިވުމެއް ބިނާވެފައި ވަނީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މިނިވަންކަމުގެ މައްޗަށެވެ.

ނިންމުންތައް ނިންމުމުގައި، އިމްތިޔާޒު ކުޑަ އަދި އެންމެ ނާޒުކު މީހުންގެ އަޑުތައް ހިމެނޭ ގޮތަށް ހުރިހާ އަޑުތަކެއް އިއްވޭނެ ގޮތައް، ކަންކަން ތަރުތީބު ކުރެވިފައިވެއެވެ. މުޅި މުޖުތަމަޢަށް އެންމެ ފައިދާހުރި ކަންކަމާއި، އެކަންކަން ހާސިލް ކުރެވޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި އިއްތިފާޤަކަށް އައުމަށް އަބަދުވެސް ތެދުވެރިކަމާއެކު މަސައްކަތް ކުރެވެއެވެ. ގިނަ ބައެއްގެ ވިސްނުމާއި އެއްގޮތަށް ނިންމުންތައް ނިންމާއިރު މަދު ބައެއްގެ ހައްގުތަކާއި ޝަރުއީ މަސްލަހަތަށް އިހުތިރާމް ކުރެވެއެވެ. އަމާޒުތަކާއި، މަޤްޞަދުތަކާއި، އޮނިގަނޑުތަކާއި، އުސޫލުތައް ތަރުތީބުކޮށްފައި ވަނީ ރައްޔިތުންގެ ޝަރުޢީ އުންމީދުތަކާއި ބޭނުންތަކަށެވެ. އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާއި، އާއްމުހިދުމަތުގެ އެދުންތަކާއި ޝަކުވާތަކަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޖަވާބުދާރީވެއެވެ. ނިންމުންތައް ނިންމައި ތަންފީޒު ކުރަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަނގަޅަށް ކަނޑައެޅިފައިވާ ސަބަބުތަކާހުރެ (ޕްރައިވެސީ ހިމާޔަތް ކުރުން ނުވަތަ ޕްރޮކިއުމަންޓް ޕްރޮސީޖަރތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުން ފަދަ) ގިންތިކުރެވިފައި ނުވާ ހުރިހާ މައުލޫމާތެއް އާންމުންނަށް ލިބިގެންދެއެވެ. ނިންމުންތައް ނިންމުމާއި، ސިޔާސަތުތައް ތަންފީޒު ކުރުމާއި، ނަތީޖާއާބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށް ދެނީ، ލޯކަލް އޮތޯރިޓީތަކުގެ މަސައްކަތްތަކަށް ފުށުނާރައި ފައިދާހުރި ގޮތެއްގައި ޙިއްޞާ ކުރެވޭނެ ގޮތަކަށެވެ. އުސޫލުތަކާއި ގަވާއިދުތައް ފާސް ކުރަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށެވެ. އަދި އެ ގަވާއިދުތައް ތަންފީޒު ކުރަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އެއްވެސް ފަރާތަކަށް ނުބަލައެވެ. ކޮރަޕްޝަންގެ ހުރިހާ ބާވަތެއްގެ ކޮރަޕްޝަން ހުއްޓުވައި އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އަމަލީ ފިޔަވަޅުތަކެއް އެބަހުއްޓެވެ.

މަސްލަހަތު ފުށުއަރާ ކަންކަން ވަގުތުން އިއުލާން ކުރެވޭއިރު، އެކަމުގައި ބައިވެރިވާ ފަރާތްތަކުން ކަމާބެހޭ ނިންމުންތަކުގައި ބައިވެރިވުން ދުރުހެލިކުރުވައެވެ. މިހާރުގެ ސިޔާސަތުތަކުގައި އަންނަން އޮތް ޖީލުތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށްފައިވެއެވެ. މުޖުތަމައުގެ ހައްޤުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މެދުނުކެނޑި މަސަތްކަތް ކުރެވެއެވެ. ތިމާވެށީގެ، ޢުމްރާނީ، މާލީ، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ މައްސަލަތަކާއި ޓެންޝަންތައް އަންނަން އޮތް ޖީލުތަކަށް ކުޑަކުރުމަށް މަސަތްކަތް ކުރެވެއެވެ.

ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ ވިސްނުންތެރިކަމާއިއެކު ކޮމިއުނިޓީގެ މުސްތަޤްބަލާ މެދު ފުޅާ އަދި ދިގު މުއްދަތުގެ ވިސްނުމެއް ގެންގުޅެއެވެ. މި ނަޒަރިއްޔާތު ބިނާވެފައިވާ ތާރީޚީ، ސަގާފީ އަދި އިޖުތިމާޢީ ކޮމްޕްލެކްސިޓީތަކުގެ ވިސްނުމެއް އެބައޮތެވެ. ލޯނުތައް ކޮންޓްރެކްޓް ކުރުމާއި ބޭނުންކުރުމާއި، ވަސީލަތްތަކާއި އާމްދަނީއާއި ރިޒާވް އަންދާޒާކުރުމާއި، ޚާއްޞަ އާމްދަނީ ބޭނުން ކުރުމުގައި ވެސް މާލީ ކަންކަން ބެލެހެއްޓުމުގައި ވިސްނުންތެރިކަން ފާހަގަ ކުރެވެއެވެ.

ސަގާފީ ތަފާތު ކުރުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައި، ކޮމިއުނިޓީގައި އެންމެންގެ ހިއްސާ އެކުލެވިގެންވާ ގޮތައް ވެރިކަން ހިންގުމާއި އެންމެ ފަރުދަކުވެސް ބާކީވެފައިވާ ކަމުގެ އިހުސާސް ނުކުރުމަށް މެދުނުކެނޑި މަސައްކަތް ކުރެއެވެ. ޚާއްޞަކޮށް އާބާދީގެ އެންމެ ކުދި ރަށްތަކަށް ވެސް ތަފާތު ކުރުމެއްނެތި ޒަރޫރީ ޚިދުމަތްތައް ލިބޭނެ ގޮތް ރައްކާތެރިކޮށް ދެއްވައެވެ.

މިދެންނެވި ފަލްސަފާތަކަކީ ހެޔޮވެރިކަމެއްގެ ފަލްސަފާތައް ވެސް މެއެވެ. ރައްޔިތުން ހަމަޖެހިލައިގެން މިދިޔަ ހަތަރު އަހަރު މި ހޭދަކޮށްލެވުނީ މިދެންނެވި ހެޔޮވެރިކަމުގެ ފަލްސަފާތައް ރަޢީސް ސޯލިހު ތަންފީޒު ކުރެއްވީތީއެވެ. ރަޢީސް އިބޫއަށް ދެވަނަ ދައުރެއް ދޭން ޖެހެނީ ހަމަޖެހޭ ދިރިއުޅުމެއް ރައްޔިތުމީހާ ބޭނުންވާތީއެވެ. އެކަން ކޮށްދީ ދައްކައިދީ ކަށަވަރުކޮށްދީފައިވަނީ ރަޢީސް އިބޫއެވެ.