އެމްޑީޕީއަށް އިބޫ ނޫން ގޮތަކީ ލިބިއޮތް މޮޅުގެއްލި މަގުމަތިވުން

ހިނގަމުންދާ ކަންކަން ނުހުއްޓި ކުރިއަށްދާނީ ވެރިކަމުގައި ރައީސް ސާލިހު ހުރެގެން

އެމްޑީޕީއަށް އިބޫ ނޫން ގޮތަކީ ލިބިއޮތް މޮޅުގެއްލި މަގުމަތިވުން

އެމްޑީޕީގެ ކޮންމެ މެންބަރެއްގެ ވިސްނުމުގައި އަބަދުވެސް ބާއްވަންވީ ކުރިއަށް އޮތް ތަނުގައި އިންތިހާބެއް އޮތް ކަމެވެ. ކުރިއަށް އޮތީ ފަސް އަހަރަށް ވެރިއަކު ހޮވުމަށް ބާއްވާ އިންތިހާބު ކަމެވެ. މުޅި ވިސްނުމާއި ނިންމުންތައް އަމާޒު ކުރަންވާނީ އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކަށެވެ.

ރާއްޖެއިން ވަރަށް ސާފްކޮށް ފެންނަން އޮތް މަންޒަރަކީ ވައުދު ފުއްދުމުގައި ގިނަ މަސައްކަތްތަކެއް ގިނަ ރަށްރަށުގައި ފުރިހަމަ ވާތަނެވެ. ބައެއް މަސައްކަތްތައް ނިމި އަނެއްބައި މަސައްކަތްތައް ފެށިގރން ކުރިއަށްދާ ތަނެވެ. ކޮންމެ ރަށަކުންވެސް އެކަން ބަލައިގަނެއެވެ. ކޮންމެ ރަށަކުން ވެސް ބޭނުން ވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދާށެވެ. ފެށި ހިނގަމުންދާ ކަންކަން ނުހުއްޓި ކުރިއަށް ގެންދެވޭނީ ވެރިކަމުގައި ރައީސް ސާލިހު ހުންނަވައިގެނެވެ. ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް ރަށްތައް ތަރައްގީ ކުރުމަށް ރައީސް ސާލިހަށް އިތުރު ދައުރެއް ދިނުން ވަރަށް މުހިންމެވެ. މުޅި ރާއްޖޭގެ ރައްޔިތުންނަށްޓަކައި އެކަމަކީ އެމްޑީޕީން މިއަދު ކޮށްދޭން ޖެހޭ ކަމެކެވެ.

އެމްޑީޕީގެ ވިސްނުމަކީ އަބަދުވެސް ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމެވެ. ފެށުނީއްސުރެ އެމްޑީޕީގެ ފުރަތަމަ ސިޔާސަތަކީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ސިޓީއެއް ނުބަލާ އެތަނެއްގައި ދިރިއުޅޭ މީހުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ސާލިހު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެމްޑީޕީ އެއްބާރުލުން ދޭންވީ ވަގުތަކީ މިއެވެ.

އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީއެވެ. އެހެން ނަމަވެސް އެއް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަކީ އެއްވެސް ޕާޓީއަކަށް ފަސޭހަ ކަމެއް ނޫނެވެ. ހަގީގަތުގައި ވެސް އެއީ ނާދިރު ކަމެކެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމެންވާނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކަށެވެ. އެމްޑީޕީގައި ވެރިކަން ހިފެހެއްޓުމަށާއި އަނިޔާވެރިކަން އެނބުރި އަޔަ ނުދިނުމަށް ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމުގެ ބޭނުންތެރިކަން ނިހާޔަތަށް ބޮޑެވެ.

ކޮންމެ މެންބަރެއްގެ ވޯޓު ރައީސް ސާލިހަށް ދިނުން މިވަނީ ރަށްރަށުގެ މަސައްކަތްތައް ބޮލާ އެޅިޔަ ނުދިނުމަށެވެ. އެހެނެއް ކަމަކު ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިއްބަވައިގެން ރައީސް ސާލިހަށް ޕްރައިމަރީ ކާމިޔާބު ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާ ސިޔާސީ ވެރިންނަށް މިހާރަށް ވުރެ މޮޅު އެހެން ގޮތެއް އޮތިއްޔާ އެ އޮތްގޮތަކީ ލިބިއޮތް މޮޅުގެއްލި މަގުމަތިވުމެވެ.