އައިޝާ މަގުމަތިކުރާ ހުށަހެޅުމެއް ގަބޫލުކުރާހާ ގާސިމު މޮޔައެއްނުވާނެ
ނަޝީދުގެ ހުވަފެނަކީ ގާސިމް ހޮވިއްޖެނަމަ މަޖިލީހުގެ މެންބަރުންތަކެއް ކޮޅު ބަދަލު ކުރުވުން
ދިވެހި ދައުލަތަކީ ކެނެރީގޭ ބަދިގެ ފުއްޑަނެއް ނޫނެވެ. ކެނެރީގެ ނަޝީދު ބޭނުން ވާހާއެއްޗެއް ދިވެހި ދައުލަތަކަށް ނުހެދޭނެއެވެ. ހެދިޔަކަ ނުވެސް ދޭނަމެވެ. މީހަކު ބޮލުރޮދި ކެނޑިގެން އުޅުނަސް އެންމެނަކު ތިބީކީ ބޮލުރޮދި ކެނޑިފައެއް ނޫނެވެ.
ސެޕްޓެމްބަރ 9، 2023ގައި އޮންނަ ރިޔާސީ އިންތިހާބުގައި ކޮންމެ މީހަކު ރައީސް ކަމަށް ހޮވުނަސް އެ މީހަކަށް ހުވާކުރުމުގެ ކުރީން ނިޒާމީ ވޯޓު ކިއްކުރަން ހެއްޔެވެ. ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެއްވެސް ކަމެއް ކުރުމުގެ ބާރެއް ގާނޫނު އަސާސީ ނުދެއެވެ. ރިޔާސީ އިންތިހާބުގެ ކުރިއަށް މި އޮތް މުއްދަތުގެ ތެރޭގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނައުމުގެ ބާރު ގާސިމަކަށް ވެސް ނަޝީދަކަށް ވެސް އަދި ނެތެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައިގެ ތާއީދު ލިބިގެން ނޫން ގޮތަކަށް ގާނޫނު އަސާސީއަށް ބަދަލެއް ގެނެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެ އޮތީ ދެގޮތެކެވެ. އެއްގޮތަކީ ގާނޫނު އަސާސީ ބުނާ ގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެ މުއްދަތުގައި ދިއުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމެވެ. ދެވަނަ ގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ ލިބިދޭ ބާރުގެ ދަށުން ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ. ދެ ގޮތުން ކުރެ އެއް ގޮތަކީ ވެސް މިހާރަށް ބަލާއިރު ވެވޭނެ ކަމެއް ނޫނެވެ.
ނަޝީދުގެ ހުވަފެނަކީ ގާސިމް ރައީސް ކަމަށް އިންތިހާބު ވެއްޖެނަމަ މަޖިލީހުގެ ގިނަ މެންބަރުން ތަކެއް ކޮޅު ބަދަލު ކުރުވައިގެން މަޖީލީހުން ފާސްކޮށްގެން ފެންނަ ނުފެންނަ ވޯޓުނެގުމެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފުރަތަމަ ޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާސިމް އިބްރާހީމް އިންތިހާބު ކުރާށެވެ. މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު އިނދެގެން އަވަސް އަރުވާލައިގެން އެ ބަދަލު މަޖިލީހުން ގެންނާށެވެ.
ނަޝީދު ބޭނުންވާހާ ގޮތަކަށް ދައުލަތުގެ ކަންކަން ފުށުން ޖަހާލަން ދީގެން އެހެން އެންމެން ތިބޭނީ ނިދާފާ ހެއްޔެވެ. ރިޔާސީ އިންތިހާބު ކޮންމެ މީހަކު ކާމިޔާބު ކުރިޔަސް އެ މީހަކު ހުވާ ކުރަންދެން ރައީސުލްޖުމްހޫރިއްޔާ ކަމުގައި އަދި މި އޮތްގޮތުން ހުންނަވާނީ ރައީސް ސޯލިހެވެ. ނަޝީދެއް ގާސިމެއް ނޫނެވެ.
ދިވެހި ދައުލަތުގެ ސިފަތަކަށް ގެންނަންޖެހޭ ބަދަލުތަކޭ ބުނެ ދައުލަތުގެ ބާރު ނަޝީދާ ގާސިމަށް ބަހާލަން ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ތައްޔާރަކަށް ނޫނެވެ. އަމްދުން ހަސަން ކުރުސީ ބުނަޒާތުގެ ބާރުގަދަ ރައީސަކަށް ގާސިމުވާނެ ކަމުގެ ހުވަފެން ގާސިމަށް ދައްކައިގެން ނަޝީދުގެ ފައިކޭޓަށް ދިވެހި ދައުލަތް ވައްޓައެއް ނުލެވޭނެއެވެ.
މަޖިލީހުގެ އުމުރު ދަންމާލައިގެން ނަޝީދު ބޮޑުވަޒީރު ކަމަށް އިސްކޮށް ހަސަން ލަތީފާއި އިމްތިޔާޒް ފަހުމީއާއި އަލީ އާޒިމާއި އިލްޔާސް ލަބީބު މެނަށް ވަޒީރުކަން ދީގެން އައިޝާ މަގުމަތިކުރާ ހުށަހެޅުމެއް ގަބޫލުކުރާހާ ގާސިމު މޮޔައެއް ނުވާނެއެވެ.