ޔާމީނަކީ އިބޫ ބިރުގަންނަން ޖެހޭވަރުގެ މީހެއްނޫން
ޝަރީއަތްތައް ހިނގަހިގާ ހުއްޓާ ރިޔާސީޓިކެޓް އަތުލައިގެން ޝަރީއަތް ސިޔާސީކުރީ ޔާމީނު
ރާއްޖޭގެ ސިޔާސީ އޮއިވަރު އެނބުރެމުން ސެނބުރެމުންދާ ގޮތަށް ވިސްނާ މީހުން އެކި ގޮތްގޮތަށް އަންދާޒާތައް އެބަކުރެއެވެ. މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ދައުވަ ތަކުގެ ވާހަކައެވެ. ކުރީގެ ރައީސް ޔާމީނަށް އިއްވޭ ހުކުމް ތަކުގެ ވާހަކައެވެ. ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އިއްވެނީ ސިޔާސީ ހުކުން ތަކެއް ކަމުގެ ވާހަކައެވެ.
ޔާމީނު ރައީސް ކަމުގައި ހިނގާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ހިގާފައި އޮތްކަމެކެވެ. އެކަމާ ގުޅިގެން ރައީސް ޔާމީނުގެ ޓޫރިޒަމް މިނިސްޓަރކަން ކުރެއްވި އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތުގެ މައްޗަށް ޝަރީއަތުން ކުށް ސާބިތުވެ އެ ބޭފުޅުން ތިއްބެވީ ހުކުމް ތަންފީޒު ކުރުމުގައެވެ. އެދެބޭފުޅުން ނޫނަސް އެތައް ބައެއްގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވި ތަހުގީގުތައް ހިންގަމުން ދިޔައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ހިޔާނާތަށް ތުހުމަތު ކުރެވޭ އެއްބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ މައްޗަށް ތުހުމަތުތައް ކުރެވި ތަހުގީގުކޮށް ޝަރީއަތްތައް ހިނގާތާ ދެ ތިން އަހަރު ވެއްޖެއެވެ. ބޮޑު ހުކުމެއް އިއްވާ ޖަލަށްލެވި އެ ހުކުމުން ސްޕްރީމް ކޯޓުން ބާތިލު ކުރެވި އެތައް ކަމެއް ހިނގައިފިއެވެ. އިތުރު ތަހުގީތަކާ ޝަރީއަތްތައް އޮތީ ހިނގަ ހިނގައެވެ.
ބޮޑެތި ތުހުމަތުތައް ކުރެވި ތަހުގީގުތައް ހިނގާ ޝަރީއަތްތަށް ރައީސް ޔާމީނުގެ މައްޗަށް ހިނގަ ހިނގާ އޮއްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވެރިވެ ވަޑައިގެން މުޅި މައްސަލަ ސިޔާސީ ކުރެއްވިއެވެ. ތުހުމަތު ތަކާއި ގުޅިގެން ތަހުގީގު ތަކަށް ހާޒިރުކޮށް ޝަރީއަތް ކުރެވޭނެކަން އެނގި ވަޑައިގެން ހުންނަވާ ޕްރައިމަރީއަކާއި ނުލާ ރިޔާސީ ޓިކެޓް ހޯއްދެވީ ދެވަނަ ބޭނުންފުޅަކު ނޫނެވެ. އިދިކޮޅު ސިޔާސީ ލީޑަރަށް ސަރުކާރުން ސިޔާސީ ގޮތުން ގޯނާ ކުރާ ކަމުގެ ބަދުނާމް ސަރުކާރަށް ރައްދުކުރެއްވުމުގެ ބޭނުންފުޅުގައެވެ. ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ތަހުގީގުތަކާއި ހިންގޭ ޝަރީއަތްތައް ސިޔާސީ ކުރެއްވީ ހޮދު ރައީސް ޔާމީނެވެ. ސަރުކާރަކުން ނޫނެވެ.
ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ޝަރީއަތް ހިންގަނީ ރައީސް ސާލިހު ބިރުފުޅުން ކަމަށް ބަޔަކު ދެކޭތީ އަންނަނީ ހިންޏެވެ. ރައީސް ސާލިހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިކުންނަވާނީ ރައީސް ޔާމީނު ހެއްދެވިހެން ވާދަވެރިންނަށް ވާދަނުކުރެއްވޭނެ ގޮތް ހައްދަވާފައެއް ނޫނެވެ. ރައީސް ސާލިހު ރިޔާސީ އިންތިހާބަށް ނިކުންނަވާނީ ވާދަ ވެރިންނާ ރަނގަޅަށް ވާދަކުރައްވައިގެން އެބޭފުޅުން ބަލިކުރައްވާ ކާމިޔާބު ކުރެއްވުމަށެވެ.
ކުރީގެ ރައީސް ޔާމީނަކީ ރައީސް ސާލިހު ބިރުފުޅުގެންވަޑައި ގަންނަން ޖެހި ވަޑައި ގަންނަވާ ވަރުގެ ބޭފުޅެއް ނޫނެވެ. ރައީސް ސާލިހަކީ ކުރީގެ ރައީސް ޔާމީނު އާރާބާރުގައި ހުންނަވަނިކޮށް ރައީސް ޔާމީނާ ވާދަ ކުރައްވައިގެން އެއްބުރުން 68 އިންސަތަ ހޯއްދަވައިގެން ރައީސް ޔާމީނުގެ މައްޗަށް ކުރި ހޯއްދެވި ލީޑަރެވެ.