ބްލަޑް ބޭންކްތަކަކަށް ސައިބަރ ހަމަލާއެއްދީފި

ވަގުތުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުން ލޭގެ ރައްކާތެރިކަން ކަށަވަރުކުރެވުނު

ބްލަޑް ބޭންކްތަކަކަށް ސައިބަރ ހަމަލާއެއްދީފި

ފްރާންސްގެ ފިނިކުރާ ނިޒާމުތަކަށް ދިން ހަމަލާއަކަށްފަހު، އެ ގައުމުގެ ބްލަޑް ބޭންކުތަކަށް ސައިބަރ ހަމަލާއެއް އަމާޒުވެއްޖެއެވެ. ފްރާންސްގެ ސިއްހަތާބެހޭ ވުޒާރާއިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އެ ގައުމުގެ ސަރަހައްދީ ބައެއް ބްލަޑް ބޭންކުތަކަށް ސައިބަރ ހަމަލާއެއް ވަނީ އަމާޒުވެފައެވެ. ނަމަވެސް، މި ހަމަލާގެ ސަބަބުން އެ މަރުކަޒުތަކުގައި ރައްކާކޮށްފައި ހުރި ލޭގެ ބާވަތްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެ ވުޒާރާއިން ކަށަވަރުކޮށްދެއެވެ.

ހަމަލާ ކުރިމަތިވެފައިވަނީ ޔޫރަޕްގެ އަށް ގައުމެއްގެ ފިނިކުރާ ނިޒާމުތަކަށް ހެކަރުން ދިން ހަމަލާތަކެއްގެ ސަބަބުންނެވެ. އެހަމަލާގައި ގިނަ އަދަދެއްގެ ކާބޯތަކެތި އުކާލަން ޖެހުނެވެ. މީގެ ތިން ހަފުތާ ކުރިން ފްރާންސްގެ ގިނަ އަދަދެއްގެ ސުޕަމާކެޓްތަކަށް ވެސް ވަނީ މިފަދަ ހަމަލާތަކެއް އަމާޒުވެފައެވެ.

ފްރާންސްގެ ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފްރެންޗް ބްލަޑް އެސްޓެބްލިޝްމަންޓް (EFS) ގެ ސަރަހައްދީ ބައެއް މަރުކަޒުތަކަށް ދިން ސައިބަރ ހަމަލާގެ ސަބަބުން، ލޭ ރައްކާކުރާ ފިނިކޮޓަރިތަކުގެ މޮނިޓަރިންގ އަދި ކޮންޓްރޯލް ސިސްޓަމްތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މަރުކަޒުތަކުގައި ހުރި އެލާމް ސިސްޓަމްތަކާއި، ހަމަލާއާއެކު ވަގުތުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ލޭގެ ރައްކާތެރިކަން ކަށަވަރުކުރެވުނު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ހަމަލާ ދިން ގޮތާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކުގެ އިތުރުން، މީގެ ސަބަބުން އަސަރުކޮށްފައިވާ އާލާތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ ތަންތަނުގެ ހިދުމަތްތައް އަލުން ރައްކާތެރިކަމާއެކު ފެށޭނެ ތާރީޚެއް ކަނޑައެޅުމުގެ ދިރާސާތައް ވެސް ދަނީ ކުރިއަށެވެ.