ކިޔަވާކުދިން ދިރިއުޅޭ އިމާރާތެއް ވެއްޓި ހަތް މީހުން މަރުވެ ގިނަ ބަޔަކު ތާށިވެއްޖެ

"ހޮސްޓެލް ޑޭޒް" ނަމަކަށް ކިޔާ މި އިމާރާތަކީ 75 އެނދުގެ ޖާގަ ހުރި 40 އަހަރަށްވުރެ ދުވަސްވީ ތަނެއް

ކިޔަވާކުދިން ދިރިއުޅޭ އިމާރާތެއް ވެއްޓި ހަތް މީހުން މަރުވެ ގިނަ ބަޔަކު ތާށިވެއްޖެ

އިންޑިއާގެ ވެރިރަށް ދިއްލީގައި ފަސް ބުރީގެ ހޮސްޓެލް އިމާރާތެއް ވެއްޓި ހިނގި ހާދިސާގައި މަދުވެގެން ހަތް މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 12 މީހަކު ސަލާމަތް ކުރެވިފައިވާއިރު، އިމާރާތުގެ ގައުފުނިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ.

ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ދެކުނު ދިއްލީގެ ސަތްޔާ ނިކޭތަން ސަރަހައްދުގައެވެ. މިއީ ދިއްލީ ޔުނިވަރސިޓީގެ ސައުތު ކެމްޕަހާ ކައިރި، ގިނަ އަދަދެއްގެ ކިޔަވާ ކުދިން އަމިއްލަ ހޮސްޓެލްތަކުގައި ދިރިއުޅޭ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. ދިއްލީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، "ހޮސްޓެލް ޑޭޒް" ނަމަކަށް ކިޔާ މި އިމާރާތަކީ 75 އެނދުގެ ޖާގަ ހުރި ތަނެކެވެ. ގާތްގަނޑަކަށް 40 ނުވަތަ 50 އަހަރުވެފައިވާ މި އިމާރާތް ވެއްޓުނު ވަގުތު އެތަނުގެ ބޭސްމަންޓުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ދިޔައެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އިމާރާތް ވެއްޓެން ފެށުމާއެކު ކައިރީގައި ހުރި ކަރަންޓު ނަރުތަކެއް އެކި ފަރާތްފަރާތަށް ހޫރި، މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް ބިމާ ހަމަވިއެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިމާރާތް ވެއްޓުމާއެކު ބާރުގަދަ ލޮޅުމެއް އިހުސާސްވި ކަމަށާއި، ގައުފުނިތަކުގެ ދަށުން މީހުން އެހީއަށް އެދި ގޮވާ އަޑު އިވުނު ކަމަށެވެ.

ދިއްލީގެ ޗީފް މިނިސްޓަރު ރޭކާ ގުޕްތާ ވިދާޅުވީ، އިމާރާތް ވެއްޓެން މެދުވެރިވީ ބޭސްމަންޓުގައި ފެންބޮޑުވެފައި ވަނިކޮށް އެތަނުގައި މަރާމާތުގެ މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ. ސަލާމަތްކުރެވުނު މީހުންނަށް މިހާރު ދަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (AIIMS) ގައި ފަރުވާ ދެމުންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެއްވިއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދެވަނަ ދުވަހަކަށް ކުރިއަށްދާއިރު، ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އާއި ފުލުހުންނާއި ފަޔަރ ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ގައުފުނިތަކުގެ ދަށުގައި ތާށިވެފައި ތިބި ބައެއް ކުދިން ދަނީ ފޯނުން ގުޅައި އެހީއަށް އެދެމުންނެވެ.

މި ހާދިސާއާ ގުޅިގެން އިމާރާތުގެ ވެރިފަރާތް ކަމަށްވާ ހަރީރާމް ބަންސާލް ވަނީ ހައްޔަރުކޮށްފައެވެ. ދިއްލީ ސަރުކާރުން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގެއް ފަށައި، އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފުވެފައިވޭތޯ ބަލަން ފަށާފައެވެ. އަދި މި ހާދިސާގައި އިހުމާލުވި ކަމަށް ބެލެވޭ މުނިސިޕަލް ކޯޕަރޭޝަންގެ ފަސް އޮފިޝަލަކު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހާދިސާއާ ގުޅިގެން ދިއްލީގެ އެކި ކޮލެޖުތަކުން ވަނީ ހާލުގައި ޖެހުނު ދަރިވަރުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ. ހަމައެއާއެކު، ދަރިވަރުންގެ ޖަމިއްޔާތަކުން ދަނީ ކިޔަވާ ކުދިން ދިރިއުޅޭ ހުރިހާ ތަންތަނުގެ ސަލާމަތީ އޮޑިޓެއް ހެދުމަށާއި، އިހުމާލުވި ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.