ބިން ވިއްކާލައިގެން ދެ ދަރިންވެގެން މައިންބަފައިންނަށް އަނިޔާކޮށްފި

"ބިން ވިއްކާލީ ކީއްވެގެންތޯ" ސުވާލުކުރުމަށްފަހު، ލަކުޑިބުރިއަކުން ތަޅައި އަނިޔާކުރަން ފެށި

ބިން ވިއްކާލައިގެން ދެ ދަރިންވެގެން މައިންބަފައިންނަށް އަނިޔާކޮށްފި

ޕޫނޭ ޑިސްޓްރިކްޓްގައި އުމުރުން 65 އަހަރުގެ ދަނޑުވެރިއަކާއި ބަލިކޮށް އުޅޭ އޭނާގެ އަންހެނުންނަށް، އެމީހުންގެ ދެ ދަރިން މަގުމަތިން ހުރަސްއަޅައި ލަކުޑިބުރިން ތަޅައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މައިމީހާގެ ނަމުގައި އޮތް ބިމެއް ވިއްކާލުމާ ގުޅިގެން އުފެދުނު ދެބަސްވުމެއްގައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އޯގަސްޓް 30 ވަނަ ދުވަހުގެ ހަވީރު 6 ޖަހާކަންހާއިރު، ތުކާރާމް ކިސާން ރައުތް އާއި އޭނާގެ އަންހެނުން އަންޖަނާ ރައުތް އަވަށު ތެރޭގައި ހިނގާލަން ނުކުމެ އުޅެނިކޮށެވެ.

އެ ދެމަފިރިންގެ ދެ ދަރިން ކަމަށްވާ ސަންޖޭ ރައުތް އާއި ރާޖެންދުރަ ރައުތް ކާރެއްގައި އެމީހުންގެ ފަހަތުން ގޮސް، ބިން ވިއްކާލި މައްސަލައިގައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، އެ މުއާމަލާތް ކެންސަލް ނުކޮށްފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ފުލުހުން ބުނެއެވެ.

އިންދަޕޫރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، "ބިން ވިއްކާލީ ކީއްވެގެންތޯ" ސުވާލުކުރުމަށްފަހު، އެ ދެމަފިރިންގެ ގައިގައި ލަކުޑިބުރިން ތަޅައި އަނިޔާކުރަން ފެށި ކަމަށެވެ. މި ހަމަލާގައި ތުކާރާމްގެ ބުރަކަށީގެ އިތުރުން މޫނާއި، ފަލަމަސްގަނޑާއި ވައަތްފަރާތު ކޮނޑަށް އަނިޔާވެފައިވާއިރު، އަންޖަނާގެ ކަނާތު އަތުކުރިއަށާއި އުނަގަނޑަށް ވަނީ އަނިޔާވެފައެވެ.

އަނިޔާކުރަމުން ދިޔައިރު، ވިއްކާލި ބިން އަނބުރާ ހޯދުމަށް އެ ދެބޭން ބާރުއަޅަމުން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން "ވިއްކާލި ބިން އަނބުރާ ހޯދާ، ނޫންނަމަ އަހަރެމެންނަށް ކުރެވޭނެ ކަންތައްތައް ދައްކާލާނަން" ކަމަށް ބުނެ އެމީހުން އިންޒާރު ދީފައިވެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ތިބި އާންމުން އެއްވެ، ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން އައިސް އެ ދެމަފިރިން އިންދަޕޫރު ސަބް-ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އާންމުންގެ ބަޔަކު ނަގާފައިވާ މި ހާދިސާގެ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. ތުކާރާމް ފުލުހުންނަށް ކިޔައިދިން ގޮތުގައި، އޭނާގެ ދެ ދަރިންވެސް ދިރިއުޅެނީ އެމީހުންގެ އާއިލާތަކާއެކު ވަކިންނެވެ.

ފުލުހުން މިހާރު ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި އަނިޔާކުރުމާއި، މަސްލަހަތު ނަގާލުމުގެ ނިޔަތުގައި ބަދުބަސް ބުނުމާއި އަދި މަރުގެ އިންޒާރު ދިނުމުގެ ކުށުގައި އެ ދެބޭންގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ.