ހިިމަބިހި ޖެހިގެން 500 އަށްވުރެ ގިނަ ކުދިން މަރުވެއްޖެ
ބަންގްލަދޭޝްގައި މި ދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށެވެ. ހާއްސަކޮށް ވެކްސިން ފުރިހަމަނުކުރާ ކުދިން ބައްޔަށް ހުށަހެޅި، މަރުވުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.
މި އަހަރުގެ މިހާތަނަށް ބަންގްލަދޭޝްގައި ހިމަބިހި ޖެހިގެން 86 ކުޑަކުދިން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް ސިއްހީ އޮފިޝަލުން ހޮނިހިރު ދުވަހު ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން، ހިމަބިހީގެ އަލާމާތްތައް ހުރި 426 ކުއްޖަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގައި މި ބަލި މިހާ ނުރައްކާތެރި މިންވަރަކަށް ފެތުރުނު ފުރަތަމަ ފަހަރެވެ.
ފާއިތުވި މަސްތަކުގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދިއުމުގެ ސަބަބުން ހޮސްޕިޓަލްތައް ފުރި، ސިއްހީ ނިޒާމަށް ވަނީ ބާރު ބޮޑުވެފައެވެ. ޚާއްޞަކޮށް ރަށްފުށުގެ ސަރަހައްދުތަކާއި، މީހުން ތޮއްޖެހިފައިވާ މާލީ ތަނަވަސްކަން ކުޑަ ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ދިނުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާޗް 15 އިން މެއި 23 ގެ ނިޔަލަށް މުޅި ގައުމުން ހިމަބިހި ކަމަށް ޝައްކުކުރެވޭ 62,507 ކޭސް ފެނިފައިވެއެވެ. އޭގެ ތެރެއިން 8,494 މީހަކަށް ބަލި ޖެހިފައިވާކަން ލެބޯޓްރީ ތަހުލީލުތަކުން ވަނީ ކަށަވަރުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިން މިދިޔަ މަހު އިންޒާރު ދީފައިވާ ގޮތުގައި، ގަވާއިދުން ދެވޭ ވެކްސިން ދިނުމުގެ ނިސްބަތް ދަށްވުމަކީ ބަލި ބޮޑަށް ފެތުރުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ. މި ހާލަތާ ގުޅިގެން، ބަންގްލަދޭޝް ސަރުކާރުން މިހާރު ވަނީ ކުޑަކުދިންނަށް ހިމަބިހި އަދި ރުބެއްލާ ވެކްސިން ދިނުމުގެ ކެމްޕޭން ކުއްލި ފިޔަވަޅެއްގެ ގޮތުން މުޅި ގައުމުގައި ފުޅާކޮށްފައެވެ.




