ގޯހެއް ނުހަދާނަން އަދި ގޯހެއް ނުހައްދުވާނަން

ގޯހެއް ނުހަދާނަން އަދި ގޯހެއް ނުހައްދުވާނަން

ސިޔާސީ ގޮތުން ކުރިމަތިވި އެތައް އޮޅުން ބޮޅުންތަކަކަށްފަހު، ތަމަޅަ ނާޑޫގެ ޗީފް މިނިސްޓަރުގެ މަގާމުގެ ހުވާ ކުރެއްވި ވިޖޭ ޗީފް މިނިސްޓަރުގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ތަގުރީރުގައި ވިދާޅުވި މުހިންމު ވާހަކަފުޅުތައް ސިދާވެފައި ސޮރީހައެވެ.

އަޅުގަނޑަކީ ފަގީރުކަމާއި ބަނޑުހައިހޫނުކަން އިހުސާސްކުރެވިފައިވާ މީހަކީމެވެ. އަޅުގަނޑު އުފަންވީ ރަސްކަލެއްގެ އާއިލާއަކަށް ނޫނެވެ. އަޅުގަނޑަކީ ތިޔަ ބޭފުޅުންގެ ތެރެއިންވާ މީހަކީމެވެ. އަޅުގަނޑު އުފަން ވީ ފިލްމީ ދާއިރާއިން ކުރިއަށްދިއުމަށްޓަކައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ދަރިއެއްގެ ގޮތުގައެވެ. އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިމައްޗަށް މި އައީ ޝުކުރުވެރިކަމާއެކުގައެވެ. އަޅުގަނޑަކީ ތިޔަ ބޭފުޅުންގެ "ތަމްބީ" (ކޮއްކޮ) އެވެ.

އަޅުގަނޑަކީ މަލާއިކަތެއް ނޫނެވެ. ނަމަވެސް އާދައިގެ އިންސާނަކީމެވެ. އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަންކަމުގެ ވައުދެއް އަޅުގަނޑު ނުވާނަމެވެ. އެކަމަކު ތިޔަބޭފުޅުންނާއެކު ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމުގެ އިތުބާރު މިއަދު އަޅުގަނޑަށް އެބައޮތެވެ. އަޅުގަނޑު އެދެނީ ތިޔަ އެންމެ ބޭފުޅުން އަޅުގަނޑަށް ކުޑަ ވަގުތުކޮޅެއް ދެއްވުމަށެވެ. އަޅުގަނޑު ވެފައިވާ ވައުދުތައް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފުއްދަމުން ގެންދާނަމެވެ. އަދި އެކަންކަން ތަންފީޒުކުރުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނަމެވެ.

ހުރިހާ ކަމެއް މުރާޖައާ ކުރުމަށްފަހު، ރައްޔިތުންނަށް 'ވައިޓް ޕޭޕަރެއް' (ތަފްސީލީ ރިޕޯޓެއް) ނެރުމަކީ އަޅުގަނޑުގެ ގަސްދެވެ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ސަރުކާރަކީ ދެފުށް ފެންނަ ސަރުކާރަކަށް ވުމަށެވެ. އެއީ އަޅުގަނޑު އެންމެ ފުރަތަމަ ކުރަން ބޭނުންވާ ކަމެވެ.

ތަމަޅަ ނާޑޫއާ ގުޅޭގޮތުން ދަންނަވާނަމަ، އަޅުގަނޑު މީހަކާ ބައްދަލުކުރަން ޖެހުނަސް، އެކަން ސިއްރިއްޔާތުގައި ނުވަތަ ބަންދު ދޮރުތަކެއްގެ ފުރަގަހަކު ނުކުރާނަމެވެ. އަޅުގަނޑު ކުރާ ކޮންމެ ކަމެއް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައެވެ.

މިއަދުން ފެށިގެން މަސްތުވާތަކެތީގެ ވަބާ ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާނަމެވެ. އެ ވަބާއިން އަޅުގަނޑުމެންގެ ޒުވާނުން ސަލާމަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. ހަމައެފަދައިން، ގާނޫނާއި ގަވާއިދު ނަގަހައްޓައި، އެންމެންގެ ރައްކާތެރިކަން އަޅުގަނޑު ކަށަވަރުކޮށްދޭނަމެވެ. އަންހެނުންގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކޮށްދޭނަމެވެ.

ބައެއް މީހުން އަޅުގަނޑަށް މަލާމާތްކޮށް އިހާނެތިކޮށް ކަންތައް ކުރި ނަމަވެސް، އެއީ ރަހުމަތްތެރިން ކަމުގައި ވިޔަސް ނުވަތަ ދުޝްމަނުން ކަމުގައި ވިޔަސް، މި އަށް ކްރޯޑް (80 މިލިއަން) ރައްޔިތުންނަކީ ހަމަ އަޅުގަނޑުގެ ރައްޔިތުންނެވެ. 

އަޅުގަނޑު އެއްވެސް ގޯސް ކަމެއް ނުކުރާނަމެވެ. އަދި އަޅުގަނޑާއެކު ތިބި މީހުން ލައްވައިވެސް ގޯސް ކަމެއް ނުކުރުވާނަމެވެ. އެއްވެސް މީހެއްގެ ހިތުގައި ގޯސް ހިޔާލެއް އޮތް ނަމަ، އެކަން މިހާރުން މިހާރަށް ދޫކޮށްލާށެވެ. ރައްޔިތުންގެ ފައިސާގެ އެންމެ ޕައިސާއެއްގައިވެސް އަޅުގަނޑު އަތެއް ނުލާނަމެވެ.

ސަރުކާރުގައި އޮންނާނީ ބާރުވެރި އެންމެ މަރުކަޒެކެވެ. މިއީ އަޅުގަނޑުގެ ސަރުކާރަކަށް ވާނެއެވެ. އެހެން އެއްވެސް ނުފޫޒުގަދަ ބާރުތަކެއް މި ސަރުކާރަކު ނޯންނާނެއެވެ. 

އަޅުގަނޑުމެން އުފުލަންޖެހިފައިވަނީ ބޮޑު ބުރައެކެވެ. އަދި އަޅުގަނޑުމެން މި މަސްއޫލިއްޔަތާ މި ހަވާލުވަނީ އެކަން ދަނެގެންނެވެ.