އުމުރާވެރިންނަށް ސައޫދީ ސަރުކާރުގެ ހާއްސަ އިރުޝާދުތަކެއް

އުމުރާވެރިންނަށް ސައޫދީ ސަރުކާރުގެ ހާއްސަ އިރުޝާދުތަކެއް

އުމްރާގެ އަޅުކަން ނިންމުމަށްފަހު އެނބުރި ފުރާ އުމްރާވެރިންގެ ދަތުރުފަތުރުގެ ކަންކަން ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ އިރުޝާދުތަކެއް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން، އިއުލާނުކޮށްފިއެވެ.

ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތަކަކީ އުމްރާ މޫސުން ނިމުމަކަށް އަންނައިރު، އެކި ބަނދަރުތަކާއި އެއަރޕޯޓްތަކުގައި މީހުން ދަތުރުފަތުރުކުރުމުގައި ދިމާވެދާނެ ތޮއްޖެހުން ކުޑަކޮށް، އޮމާންކަމާއެކު ދަތުރުތައް ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅުތަކެކެވެ.

އެއަރޕޯޓްތަކާއި އެއަރލައިންތަކުން ނެރޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ސަމާލުވުމަށާއި، އެއަރޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްގެ ހާލަތު ޔަގީންކުރުމަށް ދަތުރުވެރިންނަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ފުރުމުގެ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށްޓަކައި، އެއަރލައިންތަކާއި އުމްރާ ގްރޫޕްތަކާ ގުޅިގެން ފުރުމަށް ހަމަޖެހިފައިވާ ރަސްމީ ގަޑިތައް ކަށަވަރުކުރުމަށް ވެސް މިނިސްޓްރީން ބާރުއަޅާފައިވެއެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދަތުރަށް ކުރިއާލާ ތައްޔާރުވުމާއި، ފޮށިތަންމަތި ކުރިން ތަރުތީބުކުރުމާއި، އަދި އެއަރލައިންތަކުން ފޮށިތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ ގަވާއިދުތައް ބެލުމަކީ، ފުރުމުގެ ކަންކަން ލަސްވުމެއްނެތި ފަސޭހަކަމާއެކު ނިންމާލުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.

އަދި އުމްރާވެރިން އެނބުރި ދާއިރު ޒަމްޒަމް ފެން ގެންދެވޭނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ، އެއަރޕޯޓުގައި ޒަމްޒަމް ފެން ވިއްކުމަށް ހާއްސަކޮށްފައިވާ ތަންތަނުން ފެންފުޅި ގަތުމާއި، ފުޅިތައް ރަނގަޅަށް ބަންދުކޮށްފައި ހުރުމާއި، އަދި ކޮންމެ މީހަކަށް ވެސް ގެންދެވޭނީ ގިނަވެގެން ފަސް ލީޓަރުގެ ފުޅިއެއް ކަމަށް ކަނޑައެޅުން ހިމެނެއެވެ.