އިންވެސްޓްމަންޓް-ރެސިޑެންސީ ޕްރޮގްރާމް | ދައުލަތުގެ ތެރޭގައި އުފައްދާ އެހެން ދައުލަތެއް
އިންވެސްޓްމަންޓް-ރެސިޑެންސީ ޕްރޮގްރާމަށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއް: ޝަމްހީދު
ނ. އަތޮޅު ދިގުފަރުފަޅުގައި ސަރުކާރުން ފަހިކޮށްދީގެން ހިންގަނީ އާދައިގެ އިންވެސްޓްމަންޓް-ރެސިޑެންސީ ޕްރޮގްރާމަކާ އެއްފަދަ ކަމެއް ކަމަށް ދެއްކުމަކީ ދައްކާ އެންމެ އޮޅުންބޮޑު ވާހަކައެވެ. ރައްޔިތުންގެ ސަމާލުކަމަށް އެވާހަކަ އެންމެ ބޮޑަށް ގެނެސްދެއްވާ އެއްބޭފުޅަކީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރ ޑރ. އަހުމަދު ޝަމް ހީދެވެ.
ޑރ. ޝަމްހީދު ވިދާޅުވަނީ އިންވެސްޓްމަންޓް-ރެސިޑެންސީ ޕްރޮގްރާމްތަކާ އުސޫލެއްގެ ގޮތުން ދެކޮޅު ނޫން ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގާ ކަމަށެވެ. ނަމަވެސް، އާދައިގެ އިންވެސްޓްމަންޓް-ރެސިޑެންސީ ޕްރޮގްރާމެއްގެ ދަށުން ބޭރު މީހަކަށް އިންވެސްޓްކޮށްގެން ދިރިއުޅެވެނީ އެ ގައުމެއްގެ އޮންނަ އިގްތިސާދީ އަދި ގާނޫނީ އޮނިގަނޑުގެ ތެރޭގައިކަން ޑރ. ޝަމްހީދު ފާހަގަ ކުރައްވައެވެ.
ޑރ. ޝަމްހީދު ވަރަށް ތަފްސީލުކޮށް އެކި ފަހަރުމަތީން އެކަމުގެ ކަންބޮޑުވުންތައް ބަޔާން ކޮށްދެއްވާފައި އެބަހުއްޓެވެ. އެގޮތުން ފާހަގަ ކުރައްވާފައިވާ ބައެއް ކަންބޮޑުވުން ހިއްސާކޮށްލަމެވެ.
ރާއްޖޭގައި އުފައްދަން މިއުޅެނީ މުޅިން ތަފާތު ކަމެއް:
ތަނަކީ އެސް.އީ.ޒެޑް ވަކިކުރެވިފައިވާ ސަރަހައްދެކެވެ. ބޭރު މީހުން މިލްކުކުރާ ތަންތަނެވެ. ޓެކްސްއާއި ކަސްޓަމްސްގެ އިނާޔަތްތަކެވެ. އަމިއްލަ ހިދުމަތްތައް ގާއިމުކޮށް އަދި އެ ނިޒާމުގެ ތެރެއިން ދޫކުރާ ރެސިޑެންސީ ޕްރޮގްރާމެކެވެ. މި ތަފާތަކީ ވަރަށް މުހިންމު ތަފާތެކެވެ. އާދައިގެ އިންވެސްޓްމަންޓް ވިސާއަކާއި، ޓެކްސްގެ ބޮޑެތި އިނާޔަތްތަކެއް ލިބިގެންވާ ބޭރު މީހުން ދިރިއުޅޭ އަވަށްތަކެއް ހެދުމާ އަޅާނުކިޔޭނެއެވެ.
ރަށްތަކާއި ފަޅުތަކަކީ އެންމެ އަގުބޮޑު ގައުމީ ރައުސްމާލު
ރާއްޖޭގައި އޮތީ ހުސްނުވާނެ ބިންތަކެއް ނޫނެވެ. ރާއްޖޭގެ ރަށްތަކާއި، ފަރުތަކާއި، ފަޅުތަކަކީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ އެންމެ އަގުބޮޑު ތަރުކައެވެ. ބޮޑެތި ސަރަހައްދުތަކެއް ބޭރުގެ ފަރާތްތަކަށް ތަރައްގީކުރަން ދިނުމަކީ، މީގެ ކުރިން ފާފު އަތޮޅުގެ މައްސަލައިގައި ފެނިގެންދިޔަ ފަދައިން، ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.
މިފަދަ ބޮޑު މަޝްރޫއެއްގައި ބޭރު މީހުން ވަޒަންވެރިވުމާއި ރާއްޖޭގެ ބިން ދިގު މުއްދަތަކަށް ބޭނުންކުރުން ހިމެނޭއިރު، ރައްޔިތުންގެ ހިޔާލު ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެކަމާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާ ނުކުރީ ކީއްވެގެންތޯއެވެ؟ އެއްބަސްވުންތައް ސިއްރުކުރަނީ ކީއްވެގެންތޯއެވެ؟ ދިވެހި ރައްޔިތުންނަށް މިކަންކަން އޮޅުންފިލުވައި ނުދެނީ ކީއްވެގެންތޯއެވެ؟
އިގްތިސާދީ ސަރަހައްދެއްތޯ ނުވަތަ ދައުލަތެއްގެ ތެރޭގައި އޮތް ވަކި ދައުލަތެއްތޯ؟
ހިންގޭ ތަރައްގީގެ މަޝްރޫއެއްގެ ތެރޭގައި ހިމެނެނީ ބޭރުގެ ރައްޔިތުންނެވެ. އެމީހުންގެ އަމިއްލަ މިލްކިއްޔާތެވެ. ވަކިކުރެވިފައިވާ ސަރަހައްދެކެވެ. ހާއްސަ ޓެކްސްއެވެ. ކަސްޓަމްސް އިނާޔަތްތަކެވެ. ސްކޫލްތަކެވެ. ސިއްހީ ހިދުމަތެވެ. މެރީނާ އާއި ވަކި ރެސިޑެންސީ ޕްރޮގްރާމެކެވެ.
އެހެން ކަމަށް ވާނަމަ، މިއީ އިންވެސްޓްމަންޓް މަޝްރޫއަކުން ބޭރުވެ، ރާއްޖޭގެ ތެރޭގައި އުފެދޭ ބޭރުގެ ވަކި ސަރަހައްދަކަށް ބަދަލުވަނީތޯ ނުވަތަ ބަދަލުވާނީ ކިހާ ހިސާބަކުންތޯ ސުވާލުކުރުމުގެ ފުރިހަމަ ހައްގު ރައްޔިތުންގެ މަޖިލީހަށް އޮންނަންވާނެއެވެ. އިގްތިސާދީ ތަރައްގީ އަންނަންވާނީ ގައުމުގެ ސިޔާދަތު ވަރުގަދަވާނެ ގޮތަށެވެ.
ކާމިޔާބު ކަމާއެކު މިކަން ހިނގާފައިވާ ބައިނަލްއަގުވާމީ މިސާލަކީ ކޮބާ
ރާއްޖެއާ އެއްފަދަ ހާލަތެއް އޮތް ގައުމެއްގައި، އަމިއްލަ ފަރާތަކުން ތަރައްގީކޮށްފައިވާ، އިގްތިސާދީ އަދި ގާނޫނީ ބޮޑެތި އިނާޔަތްތަކަކާއެކު ހިންގާ މިފަދަ މަޝްރޫއަކުން އެ ގައުމެއްގެ ރައްޔިތުންނަށް ދިގު މުއްދަތުގެ ފައިދާތަކެއް ލިބިފައިވާކަން ސަރުކާރުން ސާފުކޮށްދޭންޖެހެއެވެ. މެލޭޝިއާ ނުވަތަ ޕޯޗުގަލް ފަދަ ގައުމުތަކުގައި އިންވެސްޓްމަންޓް ވިސާ އޮންނަ ވާހަކަ އެކަނި ދެއްކުމަކުން ނުފުދެއެވެ. މި މަޝްރޫއާ ހަގީގަތުގައި ވެސް އެއްފަދަ މަޝްރޫއެއް ދައްކަވައިދެއްވާށެވެ.
ބައިނަލްއަގުވާމީ ގޮތުން މިކަމާ އެންމެ ގާތްކުރާ މިސާލަކީ ހޮންޑިއުރަސްގައި ހިންގި 'ZEDE' މަޝްރޫއެވެ. އެ މަޝްރޫއުގެ ސަބަބުން ގައުމުގެ ސިޔާދަތާއި ގާނޫނުއަސާސީގެ ބާރުވެރިކަމާ ގުޅޭގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން، ހޮންޑިއުރަސް އިން ވަނީ އެ ނިޒާމު އުވާލާފައެވެ. އަދި އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ނިންމާފައެވެ.
މިއީ އަޅުގަނޑުމެންނަށް އޮތް އިންޒާރެކެވެ. އިގްތިސާދީ މަންފާއަށްޓަކައި ގައުމުގެ ސިޔާދަތާއި، ޑިމޮކްރެޓިކް ޒިންމާދާރުކުރުވުމާއި، ދައުލަތުގެ ބާރުތަކަށް ދޫދެވިގެން ނުވާނެއެވެ. ޖީލުތަކަކަށް ދެމިގެންދާނެ މިފަދަ ކަމެއް ފެށުމުގެ ކުރިން، ތިން ކަމެއް ސާފުކޮށްދިނުމަކީ ސަރުކާރުގެ ވާޖިބެކެވެ:
- ކަމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއްތޯ؟
- މީގެ ކުރިން އޮތް މަޝްރޫއަށްވުރެ ބޮޑު އިގްތިސާދީ ފައިދާއެއް ދިވެހިންނަށް މީގެން ލިބޭނެތޯ؟
- ރާއްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތް ފުރިހަމައަށް ރައްކާތެރިކުރެވޭނެތޯ؟
މި ސުވާލުތަކަށް ދެފުށް ފެންނަ ގޮތެއްގައި ޖަވާބު ނުލިބޭހާ ހިނދަކު، ރައްޔިތުންގެ މަޖިލީހާއި ދިވެހި ރައްޔިތުން މި މަޝްރޫއާ މެދު ސުވާލު އުފެއްދުމުގެ ފުރިހަމަ ޖާގަ އެބައޮތް ކަމަށް ޑރ. ޝަމްހީދު ވިދާޅުވެއެވެ.




