އަދުރޭ ސައިޒްކޮށްލާ ދުވަސް ކައިރިވެއްޖެ!
މުއިއްޒަށް އެހެން މެންބަރަކާ އަދުރާ ތަފާތެއް ނެތް
ޑރ. މުއިއްޒަކީ ދަނޑިވަޅުބަލާ އެނގަކުރި ހިފަން މޮޅު މީހެކެވެ. ކަމެއް ހާސިލު ކުރަން އެހިނދަކަށް ކުރަންޖެހޭ ކަމެއް ކުރެވުނީމާ އެނިމުނީއެވެ. ކަޅުއޮށު ބަނޑުދަށުގައި ބޮޑުވާ ކޮރަކައްޔެކޭ މުއިއްޒެކޭ ތަފާތެއް ނުހުރޭ ނޫން ހެއްޔެވެ. އަދާލަތުން އެމްޑީއޭއިން ޕީޕީއެމުން ޕީއެންސިއަށް އައިސް ވެރިކަން ހޯދީ ވެރިކަމާ މުއިއްޒާ ދެމެދަށް އެރީ ދޮންއަމާވެސް ގުރުބާން ކޮށްފައެވެ. އިމްރާނާއި ސިޔާމާއި ޔާމީނު ގިއްގަޅުވާލަން ކެރުނު މީހަކަށް އޮންނާނީ ކޮން އަދުރޭއެއް ހެއްޔެވެ. އަދުރޭވެސް ދެން ޖެހޭނީ ސައިޒްވާށެވެ.
މުއިއްުޒަށް ވެރިކަން ހޯދާ މަޖިލިސް ހޯދުމަށް އަދުރޭ މުހިންމު ވިޔަސް އެކަން އެނިމުނީއެވެ. ރައީސް ވިދާޅުބަސް މަޖިލިސް މެންބަރުންނަށް އިއްވާނެ މެދުވެރިއެއް ނުހުންނާނެ ކަމަށް މެންބަރުން ގާތު މުއިއްޒު ބުނި ބުނުމުން އަދުރޭގެ ސައިޒު އެނގިގެން ދެއެވެ. އަދުރޭ މެންބަރެއްގެ ގާތުގައި ކަމެއް ވަކި ގޮތަކަށް އޮތް ވާހަކަ ބުންޏަސް އެވާހަކަ ގަބޫލު ނުކުރުމަށް ކުރިޔާލާ މުއިއްޒު އެއޮތީ އިރުޝާދު ދީފައެވެ. އެއިން ބުނެ އެދިނީ މުއިއްޒަށް އެހެން މެންބަރަކާ އަދުރޭގެ ތަފާތެއް ނެތްކަމެވެ.
އަލަށް އިންތިހާބުވި މަޖިލިސް ހުވާކުރުމާއެކު މުއިއްޒުގެ އިސްވަޒީރުކަން އަދުރޭއަށް ގެއްލޭނެއެވެ. އެހިސާބުން ސަރުކާރުގެ އެތެރޭއާއި އަދުރޭއާ އޮތް ސީދާ ގުޅުން ކެނޑިގެން ދާނެއެވެ. ރައީސް އޮފީހުގައި އަދުރޭގެ އެއްވެސް ހައިސިއްޔަތެއް ބާރެއް ނުއޮންނާނެއެވެ.
މަޖިލިސް ހުވާކުރުމާއެކު މަޖިލީހުގެ ރައީސް ކަމަށް މެންބަރަކު އިންތިހާބުކުރުން އޮންނާނެއެވެ. މަޖިލީހުގެ ރައީސް ކަމުގެ ހުވަފެނަކީ ވަރަށް ކުރިއްސުރެ އަދުރޭ ދެކެމުން އަންނަ ހުވަފެނެކެވެ. އަދުރޭގެ ހުވަފެން ހަގީގަތަކަށް ވުމަކީ ބުޅާ ހައްޖުވުން ކަހަލަ ކަމެކެވެ. މަޖިލީހުގެ ރައީސް ކަމަކީ އަދުރޭއާ އަރާއަރަފޯދިގެންވާ ކަމެއް ނޫންކަން އެންމެ ބޮޑަށް އެނގޭނީ ވެސް މުއިއްޒަށެވެ.
މަޖިލީހުގެ ރައީސް ކަމަށް މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ އަހުމަދު ނާޒިމް އިސްކޮށް އަދުރޭގެ ވަކިތަކުން ސަރުކާރު މިންޖު ނުކުރިއްޔާ ރައީސް މުއިއްޒަކީ މުއިއްޒެއް ނޫނެވެ. ޓޫރިޒަމް ވަޒީރުކަމުގައި އަދުރޭގެ ދަރި ބަހައްޓައިގެން ސަރުކާރު ބަރަހަނާ ވާތަން ބަލަން މުއިއްޒެއް ނުހުންނާނެއެވެ. އާރާބާރު ހޯދާ ދަމަހައްޓަން އަދުރޭގެ ފަރާތުން މުއިއްޒަށް ބޭނުންވާ އިތުރު އެއްޗެއް ނުއޮންނާނެއެވެ. ކުރަން ބޭނުން ކަމެއް އަދުރޭއާއި ހެދި ނުކުރެވިފައި ހުންނާކަށް މިހާރަކު ނުޖެހޭނެއެވެ. އަދުރޭ ރުހޭ ނުރުހޭ ބަލައިގެން އުޅެން ޖެހުނު ވަގުތު ހިނގައްޖެއެވެ.