މައުމޫނާ އަންނިހެން ޔާމީނު މާޒީވީ!
ޕީއެންސީ ކެންޑިޑޭޓޭ ކިޔައިގެން މުއިއްޒު ނެރުމުން ޔާމީން ވެސް ސިޔާސީ އުދަރެހުން އޮއްސުނީއެވެ. އެއީ ވަކި މީހަކު ވީމާ ވާގޮތެއް ނޫނެވެ. ސިޔާސީ ކަންކަން ހިނގާ ގޮތެވެ. ޑީއާރުޕީން ތަސްމީނާ ޕީޕީއެމުން ޔާމީނު ދެެއްކުމަކީ އަމިއްލަ އަތުން މައުމޫނުގެ ސިޔާސީ ސަންދޯކުގައި މޮހޮރު ޖެހުމެވެ.
އޭގެ ފަހުން މައުމޫނު އެރީ މައްޗަށްތޯ ނޫނީ ދަށަށް ގޮސް އޮއްސުނީތޯ ކިޔާ މީހާ ވިސްނާށެވެ. އެމްއާރުއެމް ކިޔާ ކަނދުފައްޗެއް ބަނދެގެން ލައްކަ ފަލި ޖަހައިފިއެވެ. ހައްތާ ދިޔައީ ފަހަތަށެވެ.
އެމްޑީޕީން އަންނި ނޫން ވެރިޔަކު ދެއްކިފަހުން އެޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިޚާބަކުން އަންނި ދިޔައީ ބަލިވަމުންނެވެ. އޮފު ކެނޑި އޮއްސެމުންނެވެ. ޑިމޮކްރެޓްސް ކިޔާ ފައްތިޔަލެއްގައި އަންނި ވެސް މައުމޫނު ޖެހި ފަލި އެދަނީ ޖަހަމުންނެވެ. ވާމޮޅެއް ލިބޭ ކުރިއެރުމެއް ނެތެވެ. މިއީ ކޮންމެހެން މައުމޫނާ އަންނި ވީމާ ވާގޮތެއް ނޫނެވެ. އެއީ ކަން ހިނގާ މަގެވެ.
ޕީއެންސީގެ ކެންޑިޑޭޓޭ ކިޔާފައި ދެއްކި މުއިއްޒު ވެސް ވާނީ ޔާމީންގެ ސިޔާސީ ސަންދޯކުގައި އެޅި ދޮނަމަތި ފޮތިގަނޑަށެވެ. އެއީ ވެސް މުއިއްޒާ ޔާމީން ވެގެން ހިނގާ ކަމެއް ނޫނެވެ. އެއީ ދުނިޔެ ހިނގާ ގޮތެވެ.
މައުމޫނާ ޔާމީންގެ ނެތް ތިމާގެ ކަމެއް މުއިއްޒާ ޔާމީނުގެ ކިބަޔަކު ނެތެވެ. އަންނިއާ ޞޯލިހާ ނެތް ގާތް ގުޅުމެއް ޔާމީނާ މުއިއްޒުގެ ކިބަޔަކު ނެތެވެ. ފުރްޞަތު ލިބުނީމާ މުއިއްޒަށް އޮތީ ވަކިކޮން ޔާމީނެއް ހެއްޔެވެ؟ ބަލަން ތިބޭށެވެ.
ސިޔާސީ ކަންކަމުގައި ގާތްތިމާގެ ލޭގެ ގުޅުމަށް ނުބަލާ އިރު، އެފަދަ ގުޅުމެއް ކިރިޔާ ވެސް ނެތް ޔާމީނަށް ބަލަންޖެހޭ އެއްވެސް ސަބަބެއް މުއިއްޒުގެ ކިބަޔަކު ވަކި ނޯންނާނެއެވެ.
އަދާލަތުން ޖުމްޙޫރީން އެމްޑީއޭ އިން ޕީޕީއެމަށް ބަދަލުވީ މުއިއްޒު ހިނގަންވާ މަގު މުއިއްޒަށް ފެންނާތީއެވެ. ވަޒީރުކަން 7 އަހަރު ކޮށް އިދިކޮޅުގައި އޮވެ މާލޭގެ މޭޔަރުކަން ހޯދީ މުއިއްޒުގެ މޮޅު ރޭވުމުންނެވެ.
ޕީއެންސީ މެމްބަރަކަށް މުއިއްޒުވިތާ 6 ގަޑިއިރު ތެރޭ އިދިކޮޅު ރިޔާސީ ޓިކެޓް އެއޮތީ މުއިއްޒު އަތުގައެފެ.
ގަބޫލު ކުރާށެވެ. ސިޔާސީ ލީޑަރެއްގެ ގޮތުގައި ޔާމީންގެ ނަންކިއުނު ދުވަސް މާޒީ ކަމުގައި ހަދާނީ އެހެން ދެވަނަ މީހެއް ނޫނެވެ. އެމީހަކީ މުއިއްޒެވެ. މޮޅުވާހަކަ ތަކާ ދައްކާ ޗަރުކޭހުން މުޅި އިދިކޮޅު އެކުގައި މުއިއްޒު ކޮޅަށް ކަހާ ހުސްކުރަމުންދާ ތަން ކޮންމެ ދުވަހަކު ދެކެން ތިބޭށެވެ. މާލޭގެ މޭޔަރުކަން ޕީޕީއެމުން ޕީއެންސީ އަށް ބަދަލު ކޮށްލި ގޮތަށެވެ.