މުރައިދޫގައި ފެނަކައިން އައު އިންޖީނުގެއެއް

އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 620 ކިލޯ ވޮޓް

މުރައިދޫގައި ފެނަކައިން އައު އިންޖީނުގެއެއް

ހއ. މުރައިދޫގައި ފެނަކައިން ތަރައްގީކުރި އައު އިންޖީނުގޭގެ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުޅުވައި ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މުރައިދޫއަށް ވަޑައިގެން މުރައިދޫ ފެނަކަ އައު އިންޖީނުގެއާ އޮފީސް ހުޅުއްވައި ދެއްވީ މިއަދު މެންދުރުއެވެ.

މުރައިދޫ ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ ތަނެކެވެ. ކުރިން ހުރި އިންޖީނުގެ އަވަށުތެރޭގައި ހުރި ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 620 ކިލޯ ވޮޓްއެވެ. އައު އޮފީސް އިމާރާތަކީ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޢިމާރާތެކެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓްގެ ހިދުމަތް އިތުބާރާއެކު ފެންވަރުގައި ހެޔޮ އަގުގައި ފޯރުކޮށް ދިނުމަށް ފެނަކައިން އިސްކަންދެނީ އިހުތިސާސްގައިވާ ވަކި ރަށެއް ތަފާތު ނުކޮށެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ހެޔޮކަން ފޯރުކޮށް ދިނުމުގައި ފެނަކައަކީ މުހިންމު ބައިވެރިއެކެވެ.