8 އަހަރުގެ ކުއްޖަކު ކުރި އަނިޔާއިން ޔޫކޭޖީ ކުއްޖެއްގެ ފުރާނައަށް ނުރައްކާވެއްޖެ

ބެލެހެއްޓުމުގެ އިހުމާލުން ޒަހަމްވި ތުއްތު ކުއްޖާގެ ހާލު ސީރިޔަސް

8 އަހަރުގެ ކުއްޖަކު ކުރި އަނިޔާއިން ޔޫކޭޖީ ކުއްޖެއްގެ ފުރާނައަށް ނުރައްކާވެއްޖެ

 ޕަންޗްކުލާގެ ސެކްޓަރ 20 ގައި ހުންނަ ސަރުކާރު ސްކޫލެއްގެ ތެރޭގައި، ގްރޭޑް 3 ގައި ކިޔަވާ އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކު، ކިންޑަރގާޓަންގައި ކިޔަވާ ހަ އަހަރުގެ އަންހެން ކުއްޖަކަށް ވަރަށް އަނިޔާވެރިކޮށް ހަމަލާދިނުމާ ގުޅިގެން، އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ފަރުވާދޭން ފަށައިފިއެވެ.

އޮކްޓޯބަރު 28 ގައި ހިނގި މި ބިރުވެރި ހާދިސާއާ ގުޅިގެން މުޅި ސަރަޙައްދަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، ސްކޫލް މާހައުލުގެ ރައްކާތެރިކަމުގެ އުސޫލުތަކަށާއި ދަރިވަރުން ބެލެހެއްޓުމުގައި އަޅާފައިވާ ފިޔަވަޅުތަކާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ފުލުހުންގެ އޮފިޝަލުންނާއި ސްކޫލުގެ ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި، އެ ފިރިހެން ކުއްޖާ ވަނީ ސްކޫލް ގަޑީގައި އެ ކުޑަ އަންހެން ކުއްޖާ ހައްލައިގެން ހުސް ކްލާސްރޫމަކަށް ވައްދާފައެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެ ކުއްޖާގެ އިސްތަށިގަނޑުގައި ހިފައި ދަމައި، ކްލާސްރޫމުގެ ޑެސްކެއްގައި އެތައް ފަހަރަކު ބޯ ޖައްސައި، އެޅިގަލުންނާެއި މާވަށިގަނޑު ފަދަ ބަރު ތަކެތިން އެ ކުއްޖާއަށް ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ހަމަލާދީފައެވެ.

އަނިޔާ ލިބުނު ކުއްޖާ، ލެއިން ތަތްތެޅި ހޭނެތިފައި އޮއްވާ ފެނުނީ ސްކޫލުގެ މުވައްޒަފުންނަށެވެ. މޫނުމައްޗަށާއި ނޭފަތުގެ ކަށިގަނޑަށް ލިބިފައިވާ ބޮޑެތި ޒަޚަމްތަކާއި ފަޅައިގެން ގޮސްފައިވާ މިންވަރުގެ ސަބަބުން، އެ ކުއްޖާ ވަގުތުން ކައިރީގައި ހުރި ސިއްޙީ މަރުކަޒަކަށް ގެންދިޔުމަށްފަހު، ކުއްލި އަވަސް ފަރުވާއަށް ޗަންދީގަޅުގެ ޕޯސްޓްގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިޔުކޭޝަން އެންޑް ރިސާޗް (ޕީ.ޖީ.އައި.އެމް.އީ.އާރު) އަށް ވަނީ ބަދަލުކޮށްފައެވެ. ޑޮކްޓަރުންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ކުއްޖާ މިހާރު ހޭއަރާފައި އޮތް ނަމަވެސް، ޙާލަތު އަދިވެސް ސީރިއަސް ކަމުން އޮތީ ވަރަށް ގާތުން ބަލަންޖެހޭ ފައްތަރެއްގައެވެ.

އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ރަސްމީކޮށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން، ޕަންޗްކުލާ ޕޮލިހުން ވަނީ ބާރަތިޔާ ނިޔާޔާ ސަންހިތާ (ބީ.އެން.އެސް) އާއި ޖުވެނައިލް ޖަސްޓިސް (ކެއަރ އެންޑް ޕްރޮޓެކްޝަން އޮފް ޗިލްޑްރަން) އެކްޓްގެ ކަމާބެހޭ މާއްދާތަކުގެ ދަށުން ފަސްޓް އިންފޮމޭޝަން ރިޕޯޓެއް (އެފް.އައި.އާރު) ރަޖިސްޓްރީ ކޮށްފައެވެ.

ތަހުގީގު ޓީމުން މައިގަނޑު ގޮތެއްގައި ބަލަމުންދަނީ އިދާރީ އިހުމާލުތަކަށެވެ. އެގޮތުން، ޓީޗަރުންނާއި ސެކިއުރިޓީންގެ އެއްވެސް ސަމާލުކަމެއް ނެތި، ސްކޫލް ގަޑީގައި ކްލާސްރޫމެއްގެ ތެރޭގައި މިފަދަ އަނިޔާވެރި ހަމަލާއެއް ދެވުނީ ކީއްވެގެންތޯ ދަނީ ސުވާލު އުފައްދަމުންނެވެ.

ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ކުއްޖާއަކީ އަށް އަހަރުގެ ކުއްޖަކަށް ވާތީ، ގާނޫނީ ހުރިހާ އިޖުރާއާތުތަކެއް ކުރިއަށްދާނީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފުލުހުން ކަށަވަރު ކޮށްދީފައިވެއެވެ. މީގެ ތެރޭގައި އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ލާޒިމުކުރާ ނަފްސާނީ އަދި ސިއްޙީ ފުރިހަމަ އެސެސްމަންޓްތައް ހެދުންވެސް ހިމެނެއެވެ.

އާންމުންގެ މެދުގައި އުފެދިފައިވާ ނުރުހުމާއި ކަންބޮޑުވުންތަކާ ގުޅިގެން، މި ހަމަލާ ހިނގަން މެދުވެރިވި އިދާރީ އިހުމާލުތައް ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި ހަރިޔާނާ ސްޓޭޓް ސަރުކާރުން ވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލިކަން އިއުލާނުކޮށްފައެވެ.

މީގެ އިތުރުން، ހަރިޔާނާގެ ހުރިހާ ސްކޫލްތަކެއްގެ ރައްކާތެރިކަން ވަޒަންކުރުމަށް ފުރިހަމަ ސޭފްޓީ އޮޑިޓެއް ހެދުމަށް ސްޓޭޓްގެ އޮފިޝަލުން އަމުރުކުރައްވާފައިވާއިރު، އަނިޔާ ލިބުނު ކުއްޖާގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ސްޓޭޓް ސަރުކާރުން ބަލަހައްޓާނެ ކަމަށްވެސް ވަނީ އިއުލާނުކޮށްފައެވެ.