ނާގާ ދަރިކޮޅަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ކުއްޖަކު މަރާލައިފި

ބިމުގެ އަސްލު ވަޒަންވެރިންނާ ދެކޮޅަށް ބަޑީގެ ހަމަލާ ދިނުމަކީ ސަލާމަތީ ބާރުތައް ފެއިލްވުން

ނާގާ ދަރިކޮޅަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ކުއްޖަކު މަރާލައިފި

މަނިޕޫރުގައި 17 އަހަރުގެ ނާގާ ކުއްޖަކު މަރާލިކަމަށް ބެލެވޭ ހަތް ކޫކީ ރަށްވެހިން މިނިވަންކުރުމާ ގުޅިގެން އިހުތިޖާޖުތައް ވަރުގަދަވެއްޖެއެވެ. މަނިޕޫރުގެ ސަލާމަތީ ކަންކަމާއި އަމަންއަމާންކަން ބެލެހެއްޓުމުގައި ސަރުކާރު އިހުމާލުވަމުންދާ ކަމަށް ބުނެ، ހައްޔަރުކުރި ހަތް މީހުން ދޫކޮށްލުމާ ދެކޮޅަށް ސްޓޭޓްގެ ވެރިރަށް އިމްފާލުގައި  ހޯމަ ދުވަހު ވަނީ ބޮޑެތި އިހުތިޖާޖުތަކެއް ބާއްވާފައެވެ.

މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، ތަމެންގްލޮންގް ޑިސްޓްރިކްޓްގެ އަޕަރ ތަކޫ އާއި މަލެކް އަވަށާ ދެމެދު ހޯމަ ދުވަހުގެ ހެނދުނު 10:05 އެހާކަންހާއިރު، ކޫކީ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ލިއަންގްމާއީ ނާގާ ދަރިކޮޅަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ އެން.ކޭ. ވިފެންބޯ ނަމަކަށް ކިޔާ ދަރިވަރަކު ބަޑިޖަހާ މަރާލިއެވެ.

މަނިޕޫރުގެ ނާގާ ދަރިކޮޅުގެ އެންމެ މަތީ ޖަމިއްޔާ ކަމަށްވާ ޔުނައިޓެޑް ނާގާ ކައުންސިލް (ޔޫ.އެން.ސީ) އިން ވަނީ، ސަރުކާރާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކޫކީ ހަނގުރާމަވެރިން ހިންގި މި "ލޭއޮހޮރުވުން ބޮޑު ގާތިލް އަމަލު" ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޔޫ.އެން.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބިމުގެ އަސްލު ވަޒަންވެރިންނާ ދެކޮޅަށް ހިންގަމުންދާ މެރުމާއި، ފިނިކުރުމާއި، ބަޑީގެ ހަމަލާތަކަކީ ދައުލަތުގެ ސަލާމަތީ ބާރުތައް ފެއިލްވުމާއި، ގަސްދުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަން ކަމަށެވެ. އަދި ބޭރުން ކުރިމަތިވަމުންދާ މިފަދަ ހަމަލާތަކުން ނާގާ ދަރިކޮޅުގެ މީހުންގެ ފުރާނައާއި، ބިމާއި، ގެދޮރާއި މުސްތަގުބަލު ރައްކާތެރިކުރުމަށް ހުރިހާ ނާގާ ރައްޔިތުން ސާބިތުކަމާއެކު އެކަތިގަނޑަކަށް ވުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވެއެވެ.

ވޯކިންގް ކޮމިޓީ، ޖޮއިންޓް ޓްރައިބްސް ކައުންސިލް މަނިޕޫރު (ޑަބްލިޔު.ސީ-ޖޭ.ޓީ.ސީ.އެމް) އިން ވަނީ މި ގާތިލް އަމަލު ކުށްވެރިކޮށް، އެއްބަސްވުމާ ހިލާފުވާ ހަނގުރާމަވެރި ގްރޫޕްތަކާ ދެކޮޅަށް "ވަގުތުން، ހަރުދަނާ ފިޔަވަޅުތަކެއް" އެޅުމަށް މަރުކަޒީ ސަރުކާރަށާއި ސްޓޭޓް ސަރުކާރަށް ގޮވާލާފައެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ބޭނުމަކީ ޓެރަރިސްޓުންނަށް ހިމާޔަތް ދިނުން ކަމުގައިވާނަމަ، އެ އެއްބަސްވުން ވަގުތުން ނިމުމަކަށް ގެންނަން ޖެހެއެވެ. އަދި މި އަމަލު ހިންގި މީހުން ދެނެގަނެ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި، ނުރައްކަލަށް ހުށަހެޅިފައިވާ ނާގާ އަވަށްތަކުގެ ސަލާމަތީ ކަންކަން ވަގުތުން ވަރުގަދަކުރުމަށް ވެސް އެދިފައިވެއެވެ.

މީގެ އިތުރުން، ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީ.އާރް.ޕީ.އެފް) އިން ހައްޔަރުކުރި ހަތް ކޫކީ ރަށްވެހިން، ހައްޔަރުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދޫކޮށްލުމާ ގުޅިގެން އެ ޖަމިއްޔާއިން ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ. އެއީ ނާގާ ރައްޔިތުންނަށް ވީ ބޮޑު ހިޔާނާތެއް ކަމަށާއި، ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރިއެވެ.

މި މީހުން ދޫކޮށްލުމާ ގުޅިގެން ވެރިރަށް އިމްފާލުގައި ބޭއްވި އިހުތިޖާޖުގެ ބައިވެރިން ވަނީ، އެ މީހުން އަލުން ހައްޔަރުކުރުމަށް ގޮވާލައި، ގާނޫނު ތަންފީޒުކުރުމުގައި ގެންގުޅޭ ތަފާތުކުރުންތައް ހުއްޓާލުމަށް ސަރުކާރަށް ބާރުއަޅާފައެވެ.

ކޫކީ ދަރިކޮޅުގެ ހަތް މީހުން ސީ.އާރް.ޕީ.އެފް އިން ދޫކޮށްލީ، އެމީހުން ހައްޔަރުކުރުމާ ގުޅިގެން ކަންގްޕޮކްޕީ ޑިސްޓްރިކްޓްގައި ހަމަނުޖެހުން ބޮޑުވެ، އާންމުން ނުކުމެ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކަށް ގާއުކައި، ހައިވޭތައް ކޮނެ، ދަތުރުފަތުރަށް ހުރަސްއެޅުމާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.