ޖަންމޫ ކަޝްމީރަށް ފުރަތަމަ ފަހަރަށް ފޮރިން އިންވެސްޓްމަންޓެއް
ދުބާއީ އީމާރް ގްރޫޕުން ޖަންމޫ ކަޝްމީރުގައި 60 މިލިޔަން ޑޮލަރ އިންވެސްޓް ކުރާނެ
ދުބާއީގެ އީމާރް އިން ޖަންމޫ ކަޝްމީރު ފުރަތަ ފަހަރަށް ފޮރިން އިންވެސްޓްމަންޓެއް ކުރަން ނިންމައިފިއެވެ.
ދުބާއީގެ އީމާރް ގްރޫޕުން ޖަންމޫ ކަޝްމީރުގައި އިންވެސްޓް ކުރުމަށް ނިންމާފައިވަނީ 60 މިލިއަން ޑޮލަރއެވެ. 60 މިލިޔަން ޑޮލަރ އިންވެސްޓް ކުރަން ނިންމާފައިވަނީ ޝޮޕިން އަދި އޮފީސް ކޮމްޕްލެކްސްއެއް ބިނާ ކުރުމަށެވެ.
ގިނަ އަދަދަކަށް މުސްލިމުން އުޅޭ ހިމާލަޔާން ސަރަހައްދުގެ ވެރިރަށް ސްރީނަގަރުގައި ޝޮޕިން މޯލަކާއި މަލްޓި ޕާޕަސް ކޮމާޝަލް ޓަވަރެއް ހިމެނޭނެ ކަމަށް ދުބާއީ އީމާރް ގްރޫޕުން ބުނެއެވެ.
ޖަންމޫ ކަޝްމީރަށް ފޮރިން އިންވެސްޓަރުން ގެނައުމަކީ ވަކިވެގަތުމަށް މަސައްކަތްކުރާ މީހުން އަހަރުތަކެއް ވަންދެން ސަރުކާރާ ހަނގުރާމަ ކުރަމުން އަންނަ ސަރަހައްދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުބާއީ އީމާރް ގްރޫޕުން ޖަންމޫ ކަޝްމީރުގައި 60 މިލިޔަން ޑޮލަރ އިންވެސްޓް ކުރުމަށް ނިންމާފައި މިވަނީ 181 މިލިޔަން ޑޮލަރގެ ރެކޯޑް އިންވެސްޓްމަންޓެއް ޖައްމޫ ކަޝްމީރަށް ލިބިފައިވާ ކަމަށް މަރުކަޒީ ސަރުކާރުން ހުސްވި ހަފްތާގައި ބުނެފައި ވަނިކޮށް ކަމަށް ސަރަހައްދީ ސަރުކާރުން ބުނެއެވެ.
ސަރުކާރުތަކުން ގިނަ ދުވަސްތަކެއް ވަންދެން ދޭސީ އަދި ބިދޭސީ އިންވެސްޓަރުން އެ ސަރަހައްދަށް ޝައުގުވެރި ކުރުވަން މަސައްކަތް ކުރި ނަމަވެސް އިންޑިއާ އާއި ޕާކިސްތާނުން މިލްކުވެރިކަމަށް ދައުވާކުރާ އެ ސަރަހައްދުގައި އެތައް އަހަރެއް ވަންދެން ހިނގި ފިތުނަވެރިކަމުގެ ސަބަބުން ކާމިޔާބީއެއް ނުލިބުނެވެ.