ހުވަޔާ ތައާރުޒްވާހެން މަގާމްތަކުގައި ނުބޭތިއްބޭނެ!

މަގާމްގެމަގްސަދާއި ހުވަޔާ ތައާރުޒުވާ ގޮތަށް މީހުން މަގާމްތަކުގައި ބޭތިއްބުމަކީ ރައީސަށް ކުރެއްވޭނެ ކަމެއްނޫން.

ހުވަޔާ ތައާރުޒްވާހެން މަގާމްތަކުގައި ނުބޭތިއްބޭނެ!

ކޯލިޝަނަކުން ވެރިކަން އުފެއްދުމަކީ އާކަމެއް ނޫނެވެ. އާކަމަކީ ކޯލިޝަން ދެމެހެއްޓުމާއި، އެއް ކޯލިޝަނެއްގައި ވާދަވެރި ރިޔާސީ 2 ކެންޑިޑޭޓުން ތިބުމެވެ. މިހާރު މިއުޅެނީ މިބުނި އާގޮތްވާތީއެވެ.

ކެބިނެޓާ އެހެނިހެން ސިޔާސީ މަގާމް ތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި އެތިއްބެވި ބޭފުޅުންނަކީ އެކި ޕާޓީގެ އެކި ލީޑަރުން ދެއްކެވި އެކި މީސް މީހުންނެވެ. އެހެން ނަމަވެސް އެ މީހުން ކޮށްފައިވާ ހުވަޔާ ވެފައިވާ އިގްރާރާ ހިފާފައިވާ އަހުދު ކަށަވަރަކީ ގާނޫނު އަސާސީއާ ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ދައުލަތް ފިޔަވާ ވަކި ޕާޓީ އަކާ، ލީޑަރަކާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ބާތިލް އިލާހުން ތަކަކީ ތިޔަ ބައިމީހުންނާއި ތިޔަ ބައިމީހުންގެ ކާބަފައިން ކިޔައިގެން އުޅޭ ނަންތަކެކޭ ކީރިތި ގުރްއާންގައި ވެސް އޮވެއެވެ. 

ހަމަ އެގޮތަށް ކޯލިޝަނަކީ ވެސް އަމިއްލައަށް ކިޔައިގެން އުޅޭ ނަމެކެވެ. ގާނޫނު އަސާސީ ދައްކާ އިންތަކާ މިންތަކުގެ ބޭރަށް ގޮސްގެން ތިމާގެ ސިޔާސީ މަގާމުގައި ދެމިހުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ގާނޫނީ ވެރިކަމެއް ދަމަހައްޓާ ނަމަ އެއްވެސް މީހަކަށް އެޖާގަ ދިނުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް އޮތް އިޚްތިޔާރެއް ވެސް ނޫނެވެ. ކޯލިޝަން އެއްބަސްވުން އޮތީ 5 އަހަރަށޭ ވިދާޅުވެ ފިޝަރީޒް މިނިސްޓަރ ކުރައްވާފައިވާ ގާނޫނީ ހުވަޔަކާ ހިލާފުވެ ވަޑައެއްނުގެންނެވޭނެއެވެ. ވަޒީރުން ކުރާ ގާނޫނީ ހުވާ މިތަނުގައި މިއޮތީ އެވެ.

މީގައި އެ ބުނާ ކޯލިޝަނާއި، ތިމާ ހުރި ޕާޓީއާއި އެ ޕާޓީގެ ލީޑަރުގެ ވާހަކައެއް ނެތެވެ. ހިނގަ ހިނގާ އޮތް ރިޔާސީ ދައުރެއްގައި ރައީސުލްޖުމްހޫރިއްޔާ އާ ވާދަވެރި އެހެން ރިޔާސީ ކެންޑިޑޭޓަކަށް ތިމާގެ ތެދުވެރިކަން ހުސްކޮށްލަން ވާނީ ތިމާ ހުރި ވަޒީރު ކަމުގެ ގޮނޑި ހުސްކޮށްފައެވެ. ދައުލަތް ނޫން ފަރާތަކަށް ދީލާލާ ވަޒީރެއްގެ ގޮނޑި ހުސް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ވާޖިބެކެވެ.

ވަޒީރުން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބެނީ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ވަޒީރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރުންމަތީ ދެމި ހުރުމަށެވެ. ވަޒީރު ކަމަށް ނަން ހުށަހެޅި ޕާޓީ ލީޑަރަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ވަޒީރުކަން އަދާކުރުން މަތީ ދެމި ހުރުމަކަށް ނޫނެވެ. 

ވަޒީރަކަށް ވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނޫން އެހެން ފަރާތެއްގެ މަސްލަހަތުގައި މަސައްކަތް ކުރުމަކީ ހުވަޔާ ހިލާފުވުމެވެ. ކަމަކީ ވެވޭ ވަރަށް ބޮޑު ހިޔާނާތެކެވެ. ވަޒީރުންގެ ވާޖިބު ތަކާއި މަސްއުލިއްޔަތު ތަކަށް ބަލާލުމުން އެކަން ވަރަށް ރަގަނގަޅަށް ސާފުވެއެވެ. 

ގާނޫނު އަސާސީގެ 132 ވަނަ މާއްދާއަށް އެކަނި ބަލާލިޔަސް ރައީސުލްޖުމްހޫރިއްޔާއާއި ވާދަވެރި ސިޔާސީ މަސައްކަތެއް ވަޒީރަކަށް ހުރެ ނުކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ އެ މީހަކާ ޙަވާލު ކުރާ އެންމެހައި މަސްއޫލިއްޔަތުތައް އިޚްލާޞްތެރި ކަމާއި ތެދުވެރި ކަމާއެކު އަދާކުރާންވާނެ ކަމަށް އެ މާއްދާ ބުނެއެވެ. 

ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާއި، އެހީތެރިވެ ދިނުމާއި، ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ސަރުކާރު ހިންގުމުގެ ހުރިހައި ދާއިރާ ތަކެއްގައި ވެސް އެ ސިޔާސަތުތައް ތަންފީޒުކޮށް، ހިނގާ ނުހިނގާ ގޮތް ބެލުމަކީ ވަޒީރު ކަމުގައި ހުންނަ މީހަކަށް ގާނޫނު އަސާސީ ލާޒިމު ކުރާ ކަންކަމެވެ. ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި އެހީތެރިވެ ދޭން ހުންނަ މީހާ ވާދަވެރި ރިޔާސީ ކެންޑިޑޭޓެއްގެ ސިޔާސަތު އެކަށައެޅުމުގައި ބައިވެރިވެ އެއްބާރުލުން ދިނުމަކީ އިހުލާސްތެރި ކަމެއް ތެދުވެރި ކަމެއް ނެތުމެވެ.

ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި، އެ މަސައްކަތްތައް މުރާޖަޢާ ކުރުމާއި، ވިލަރެސް ކުރުމަކީ ވަޒީރުންގެ މަސްއޫލިއްޔަތެވެ. ވަޒީރެއްގެ ގޮތުން ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި، އެ މަސައްކަތްތައް މުރާޖަޢާ ކުރުމާއި، ވިލަރެސް ކުރަން ޖެހޭ މީހާ އެހެން ވާދަވެރިއަކު ޕްރަމޯޓުކޮށް ތިމާ ބައިވެރިވާ ސަރުކާރުގެ ބަަލިފައި ހޯދާދީ ވާދަވެރިޔާއަށް ކަންފަހިކޮށް ދިނުމަކީ އަމިއްލަ ނަފްސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހަރަންކޯރުވުމެވެ. ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުވުމެވެ. 

ކޮންމެ ވަޒީރަކުމެ އެ މީހެއްގެ މަސްއޫލިއްޔަތުގެ ދާއިރާއާއި ގުޅޭ ގޮތުން، އޮމާން ކަމާއެކު ކަންތައްތައް ހިންގުމަށް ސަރުކާރާއި ދައުލަތުގެ އެހެން ބާރުތަކާ މެދު ބާއްވާންޖެހޭ ގުޅުންތައް ބާއްވައި އެ ގުޅުންތައް ދެމެހެއްޓުން ވަޒީރުނަށް ގާނޫނު އަސާސީ ލާޒިމު ކުރެއެވެ. ކޮންމެ ވަޒީރަކުމެ އެ މީހެއްގެ މަސްއޫލިއްޔަތުގެ ދާއިރާއާއި ގުޅޭ ގޮތުން، އޮމާން ކަމާއެކު ކަންތައްތައް ހިންގުމަށް ގާނޫ އަސާސީ ބުނާއިރު ރައީސުލްޖުމްހޫރިއްޔާގެ ވާދަވެރިއަކަށް މަދަދާއި އެހީތެރިކަން ދިނުމަކީ ކަންކަން އޮމާންކޮށް ގެންދިޔުމަށް އިދިކީލިވުމެވެ.

ޤައުމީ އަދި ބައިނަލްއަޤްވާމީ ކަންތައްތަކުގައި ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި، ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކުރާންޖެހޭ ކަންކަން މުރާޖަޢާކޮށް ވިލަރެސް ކުރުމަކީ ވަޒީރުންނަށް އޮތް ޒިންމާއެވެ. ސިޔާސީ، އިގުތިސާދީ އަދި އިޖްތިމާއީގޮތުން ރައީސާއި ނޭންގާނި ވެގެން ވާދަކުރަން ނިކުންނަ މީހަކާއެކީ އޭނާގެ ގޮތް ކުރިއަށް ނެރެގެން އުޅުމަކީ ގާނޫނު އަސާސީއަށް ގޮންޖެހުމެވެ. 

ޤާނޫނުގެ ވެރިކަން ޙިމާޔަތްކޮށް ކުރިއެރުވުމާއި ، ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ ޢާންމު ފައިދާ ރައްކާތެރި ކުރުމަށް މަސައްކަތް ކުރަން ވެސް ވަޒީރުންނަށް ގާނޫނު އަސާސީ ލާޒިމު ކުރެއެވެ.

ސިޔާސީ ގޮތުން ރައީސާ ވާދަކުރާ ވާދަވެރިއަކަށް މަސައްކަތްކޮށް ދޭ ވަޒީރަކީ ވަޒީރެއް ނޫނެވެ. ވަޒީރުކަމުގެ ގާނޫނީ ސައްހަ ކަމެއް އެނާގެ ކިބައިގާ ނުހުންނާނެއެވެ.

ނަހުލާއާއި ޑރ. ހުސައިނާއި ޑރ. މައުސޫމު ވިޔަސް ތަފާތެއް ނެތެވެ. އެ މީހަކު އަމިއްލައަށް ހުންނަންވީ ތަން ކަނޑައަޅާ ރޮނގު ދަމާލަން ޖެހެއެވެ. މާތް ﷲ ގަންދީ ކުރި ހުވާގެ މަތީގައި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިއެއްގެ ގޮތުގައި ދެމި ހުންނާނީތޯ ވާދަވެރިޔާގެ ފަހަތަށްޖެހި ރައީސާ ވާދަކޮށްލަން ނިކުންނާނީތޯ ނިންމަން ޖެހެއެވެ. ހެނދުނު ބޮޑުދޮނާ ތެދުވެ ޓައީ އަޅައިގެން ނިކުމެ ކެބިނެޓްގައި އިނދެފައި ރަސްމީ ގަނޑި ނިމުމުން ނިކުމެ ވާދަވެރި ކެންޑިޑޭޓް ކޮނޑަށް ލައިގެން ސަރުކާރަށް ފާޑުކިޔާ އިދިކީލި ވަނީތޯ ނިންމަން ޖެހެއެވެ.

އިދިކޮޅަށް ކުޅެން ނިކުންނައިރު ލަދެއް ހަޔާތެއް ހުރިނަމަ ވަޒީރުން އަމިއްލައަށް ވަޒީރު ކަމުން އިސްތިއުފާ ދޭންޖެހެއެވެ. އިސްތިއުފާ ނުދީފި ނަމަ ވަކިވެސް ކުރަން ޖެހެއެވެ. މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ވެސް އެފަދަ މީހުން ކެބިނެޓުން ބޭރު ކުރަން ޖެހެއެވެ. ގާނޫނު އަސާީގެ 115 ވަނަ މާއްދާއިން ބާރު ލިބިގެން ރައީސް އުފައްދަވާފައިވާ ސިޔާސީ މަގާމު ތަކުގައި ތިބި އެންމެންނަށް ވެސް އޮތީ މިހުކުމެވެ. ސިއްޕެއެއް އަލީ ސާލިހެއް ހަނަފީއެއް ސްމިތެއް ޖެނިފާއެއް ކިޔާނެ ކަމެއް ނެތެވެ.