ކޯލިޝަން ބޯކިބަލާއި ރައީސުލްޖުމްހޫރިއްޔާ
ވެރިކަން ހިންގުމަށް ޕާޓީ ނިޒާމަކީ އޮތް އެއްޗެއްކަން ރާއްޖޭގެ ގާނޫނު އަސާސީ ނުދަނޭ!
ބޯކިބާ އަޅަން އުޅޭއިރު ލިބުނު ތާކުން ލިބުނު އެއްޗެއް ލިބުނު ވަރަކަށް ހޯދަން ތިބެނީ ފޫގަޅާލާފައެވެ. އެކަނިމާ އެކަންޏަށް ބޯކިބަލެއް އަޅާލެވޭ ވަރުމީހުން ކަހާތަން ހިރުވާވެސް ނުލާ ބޯކިބާ އަޅައިގެން ބޭނުން ވަރަކަށް ކައި ބޭނުން މީހަކަށް ދީ ހުސްކޮށްލައެވެ. އެކަނި ހާލަށް ބޯކިބަލެއް ނޭޅޭ މީހުން އެ މީހަކަށް ލިބުނު އެއްޗެއް ހިފައިގެން ބޯކިބާ އެޅެން އޮތް ތަނަކަށް ގޮސް ބޯކިބާ އަޅައެވެ. ފުށާ ހަވާދާ މަހާ ލުބޮޔާ އުދުނު ޖަހާނެ ދަރާއި މަތި އަންދާނެ ނާއްޓަށް ދާންދެން ލިބުނު ގޮތަކަށް ހޯދައެވެ. އަޅަންޖެހޭ ބައިގެ ގިނަ މަދުމިނަށް ބަލާ އަޅާ ބޯކިބަލުގެ ސައިޒް ކަނޑައަޅައެވެ. ބޯކިބާ އަޅާ ނިމިގެން ބައިވެރިވުމުގެ މިންވަރަށް ބޯކިބާ ފޮތިފޮތި ކޮށްލައެވެ. އެންމެންހެން ލިބުނު ފޮތިކުޑަވެ އާހިރުގައި ތިބެނީ ތުންފިއްތައި ގެނެވެ.
ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީއޭ މިކިޔާ ނިޒާމެއް އައިފަހުން ސަރުކާރަކީ އަނގަޔަށް މީރު ބޯކިބަލަކަށް ވެއްޖެއެވެ. ރާއްޖޭގައި 2008ގެ ގާނޫނު އަސާސީ އުފަން ކުރުވި ގާނޫނު އަސާސީގައި ސިޔާސީ ޕާޓީ ހަދާ ހިންގުމަކީ އަސާސީ ހައްގެކެވެ. އެނޫން ވާހަކައެއް ސިޔާސީ ޕާޓީއާއި ބެހެގޮތުން ގާނޫނު އަސާސީއަކު ނުވެއެވެ. ވެރިކަން ހިންގުމަށް ޕާޓީ ނިޒާމަކީ އޮތް އެއްޗެއްކަން ރާއްޖޭގެ ގާނޫނު އަސާސީ ނުދަނެއެވެ.
ގާނޫނު އަސާސީ ބުނަނީ ރާއްޖެއަކީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް އޮންނަ ޔުނިޓަރީ ދައުލަތެއް ކަމަށެވެ. ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާކަމަށާއި ހިންގާ ބާރުގެ އެންމެ އިސް މީހަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ފަސް އަހަރު ދުވަހަށް ދެމީހަކު އިންތިހާބު ކުރަން ޖެހޭނެ ވާހަކަ ގާނޫނު އަސާސީ ބުނެއެވެ. ރިޔާސީ ޖޯޑަކަށް ވެރިކަން ލިބޭނީ ރިޔާސީ އިންތިހާބުގައި ވޯޓުދޭ މީހުންގެ ފަންސާސް އިންސައްތައަށް ވުރެ މަތިން ވޯޓު ހޯދައިގެން ކަމަށް ގާނޫނު އަސާސީ ބުނެއެވެ.
ރައީސް ސާލިހުގެ ފުރަތަމަ ކެބިނެޓް
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އާއްމު ރައްޔިތުންގެ ވޯޓު ބޭނުންވެއެވެ. ސިޔާސީ ޕާޓީ ހަދައިގެން ބައިބޮޑުކޮށްގެން އުޅެންޖެހެނީ އެހެން ވެގެންނެވެ. ސިޔާސީ ޕާޓީއަކަސް މާލޫދު ޕާޓީއަކަސް ބަނޑިޔާ ޕާޓީއަކަސް ހެވެވެ. ބޭނުންވަނީ އިންތިހާބުގައި ވޯޓު ހޯދުމެވެ. ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ތަރުތީބުވެގެން ހިންގާ ސިޔާސީ ޕާޓީތައް އުފައްދާ ގިނަ ބަޔަކު ޕާޓީގެ ކަންކަމުގައި ޝާމީލު ކުރުވާ ޕާޓީގެތެރެއިން މީހުނަށް ކަންފަހިކޮށްދެނީ ވެސް ދެވަނަ ބޭނުމަކު ނޫނެވެ.
އާއްމު ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް މީހަކު ގެނެވޭވަރުގެ އެންމެ ޕާޓީއެއްވެސް އަދި ރާއްޖެއަކު ނެތެވެ. ކޮންމެވެސް އެހެން ބަޔައެއްގެ އެއްބާރުލުން ނުހޯދާ މީހަކަށް ވެރިކަމެއް ހޯދާ ދެވޭވަރުގެ ޕާޓީއެއްވެސް މީހަކުވެސް ނެތެވެ. އެހެން ނޫނަސް އެވަރުގެ ޕާޓީއެއްވެސް މީހަކުވެސް ހުންނާކަށް ނުޖެހެއެވެ. ދައުލަތާއި ސަރުކަރުގެ ވެރިޔަކަށް ހޮވާ މިހަކީ ވަކި މީހެއްގެ ނުވަތަ ވަކި ޕާޓީއެއްގެ މުށުގައި ތާށިވެ ހަމަ ގެއްލިފައިވާ މީހަކަށް ވާކަށް ނުޖެހެއެވެ. ރައްޔިތުންގެ އެކި ފަންތީގެ އެކި މީހުންނާއި ޕާޓީތަކާއި ޖަމްއިއްޔަތަކާއި ކްލަބްތަކާއި ގަބީލާތަކާއި އާއިލާތަކާއެކު ވެސް ކޯލިޝަން ހެދުމަކީ ގާނޫނު މަނާ ކުރާކަމެއް ނޫނެވެ. އަދި ދެރަކަމެއްވެސް ނޫނެވެ. ބޭނުން ވަނީ ރައްޔިތުންގެ ތާއީދާއި އިތުބާރެވެ.
ދެރަކަމަކީ ގާނޫނު އަސާސީ ނުދަންނަ މަފުހޫމަކަށް ބާރުދީގެން ގާނޫނުގެ ބާރު ކަނޑުވާލެވޭ ހިސާބަށް ކަންކަން ދިއުމެވެ. ޕާލަމެންޓަރީ ނިޒާމުގެ ސިފަތައް ރިޔާސީ ނިޒާމުގެ ތެރެއަށް ވައްދައިގެން ރައީސްގެ ގާނޫނީ އިހުތިސާސްތަކުގެ މައްޗަށް ޕާޓިތަކުގެ ނަމުގައި މީސްމީހުން އަތްގަދަ ކުރާން އުޅޭ އުޅުމެވެ. އެ ޖާގަ ތައްމިނަށް ހުޅުވިފައި އޮތުމެވެ. ސަރުކާރުން ލިބުނު ފޮތި ކުޑަވެ ތުން އަބުރާ އެނބުރުމެވެ.