ގެރެންޓީ ހަމަވެފައިވާ ކުލަފާޓާ އަކަށް ދީން ހަދައިފި

ވެރިކަން ބަދަލު ވެއްޖެއްޔާ ބަންގި ނުގޮވާނެ ކަމަށް އޭރުގޮވި

ގެރެންޓީ ހަމަވެފައިވާ ކުލަފާޓާ އަކަށް ދީން ހަދައިފި

ދިވެހިން އިސްލާމުންގެ ގޮތުގައި ދިރިއުޅޭތާ 900 އަހަރުވީ ފަހުން ސިޔާސީ ބޭނުމަށް ރާއްޖޭން އިސްލާމް ދީން ފޮހޭ ވާހަކަ ގޮވާ ނަގާ ވަރުން ކަންފަތަށް ފޮރުއްޕާކަށް  ނެތެވެ. ހީވަނީ އިސްލާމް ދީނަކީ ގެރެންޓީ ހަމަވެފައި ހުރި ފާރުގަލާ ކުލަ ފާޓާއެއް ހެންނެވެ. ވާރޭ ވެހިއްޖެއްޔާ ފޮހެވެނީއެވެ. އަވި ދީފިއްޔާ ފޮޅެނީއެވެ. 

30 އަހަރު ވެރިކަން ކުރުމުގައި ޔާމީންގެ ބޭބެ ދިވެހިންނަށް ދެއްކީ އިސްލާމް ދީނެވެ. 2008ގައި ރައްޔިތުން ނުރުހޭން ފެށީމާ ގޮވަން ފެށީ އެހެން ވެރިޔަކު އައިސްފިއްޔާ އިސްލާމް ދީން ފޮހެވޭނެ ވާހަކައެވެ. ވެރިކަމުގެ ދަހިވެތި ކަމުގަައި ދީން ކަމީނާ ކުރަން ފެށީ އެ މީހުންނެވެ. ވެރިކަން ބަދަލު ވެއްޖެއްޔާ ބަންގި ނުގޮވާނެ ކަމާ އިސްލާމީ މަރުކަޒު ތަޅާލާފައި ބުދުކޯލެއް ހަދާނެ ކަމަށް ގޮވިއެވެ. 

ވެރިކަންތައް ބަދަލުވަމުން ބަންގީގެ އަޑު ގަދަވަމުން މިސްކިތްތައް ބިނާ ވަމުން މުންނާރުތަށް އުސްވަމުން ދަނީއެވެ. ކޮންމެ 5 އަހަރަކުން ދުވަސް ހަމަވެފައި ހުރި ކުލަ ފާޓާ އަކަށް އިސްލާމް ދީން ހަދާ އެ ފިކުރުގެ މީހުން އަނެއްކާ މިހާރު ވެސް އަނގަ ތާލަކަށް ނުޖެހި އެބަނދިވަރު އެބަ ދަމައެވެ.

މާ އަޅުވެރި މާ ދީންވެރި މީހަކަށް ހެދިގެން މިސްކިތްތަކަށް އަރާ ފޮޓޯ ނަގާ އިސްތިހާރު މިކުރަނީ ކޮން އެއްޗެއް ކާކަށް ދައްކަން ހެއްޔެވެ. ކޮންމެ މީހަކު ތިޔަހެން ކުޅޭ ޑްރާމާއަކުން ދިވެހިން ވާވެއްދޭ ވަރަށް ވުރެ ދިވެހިނަށް ކާކަކީ ކާކުކަން އެނގެއެވެ. ދީނާ ގަައުމާ މިނިވަންކަމާ އިސްތިގުލާލޭ ކިޔައިގެން ޖައްސާ މިފޭކް ގިނަ ދިވެހިން ދަސްކުރި ފަހުން މި އިންތިޚާބްގައި ވެސް ހަމަ އެ ހާސަރު އެބަ ދަމައެވެ.