ޚިޔާނާތަށް އަދަބުދޭން ދިވެހިން ނޭދޭ
ޔާމީނު މިނިވަން ކުރުމަކީ ރައީސް މުއިއްޒު ކޮންމެހެން ކުރަންޖެހޭ ކަމެއް
ޚިޔާނާތަށް އަދަބުދޭކަށް ދިވެހިން ނޭދެއެވެ. މިއީ ހަމަ ހުރެފަ ބުނި އެއްޗެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުރެ ޚިޔާނާތްތެރި ވެއްޖެ ކަމަށް ޝަރުޢީ ގޮތުން ސާބިތުވެ ޙުކުމް ތަންފީޒު ކުރަމުން ދަނީ ކުރީގެ ރައީސް ޔާމީނެވެ.
އެކަމަކު ރައްޔިތުންގެ ތެރޭން ކަމުވޮށި ކުރިއަށް ތިއްބެވި މަޖިލިސް މެމްބަރުންނާއި އަދި ކިއެއްތަ އޭރު މާލޭގެ މޭޔަރު ކަމަށް ހުންނެވި ޑރ. މުއިއްޒު ވެސް އެހުކުމާ ދެކޮޅަށް މަގުމަތީގައި މުޒާހަރާ ކުރެއްވީ ކިތައް ދުވަހު ކަމެއް ނޭނގެއެވެ.
އާދަމް ޝަރީފެއް ނައިފަރު ޝިޔާމެއް ތުރާކުނު ސައީދެއް މިހާރުގެ އިންތިހާބީ ނައިބު ރައީސް ސެމްބެއެއް ކިޔާނެ ކަމެއް ނެތެވެ. މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބަވާ މަގުމަތީގައި މަޑިއަށް ޖެހުނީ ރައީސް ޔާމީނަށް ކުރެވުނު ޙުކުމް ޙަރާމް ވެގެންނެވެ.
ނުވިތާކަށް ނިމިދިޔަ ރިޔާސީ އިންތިޚާބަށް ނުކުތީ މާސިންގާ ރައީސް ޔާމީންގެ ފޮޓޯފުޅުތައް ދައްކައިގެންނެވެ.
ޚިޔާނާތުގެ ހުކުމް ތަންފީޒު ކުރާ ގައިދީއެއްގެ ފޮޓޯ ދައްކާލި ތަނާ ރައްޔިތުން ނުކުމެ ވޯޓު އަޅާ މުއިއްޒަށް ވެރިކަން ދިނީ ރައީސް ޔާމީނު މިނިވަން ކުރަން ވައުދު ވީމައެވެ.
ދިވެހިން ނިންމާފައި އެވަނީ ޚިޔާނާތަކީ ކުށެއް ނޫން ކަމާ އެއީ ވެރިކަން ޙައްޤުވާ ޝަރުތެއް ކަމުގައެވެ.
އަދީބެއް ޒިޔަތެއް ރެންޗޭއެއް ބޮއްޑޭއެއް ކިޔާނެ ކަމެއް ނެތެވެ. ޚިޔާނާތުގެ ކުށް ސާބިތުވެގެން ހުކުމް ތަންފީޒު ކުރާ އެންމެން ގާނޫނު ބުނާ މުއްދަތު ހަމަވުމާ އެކު މިނިވަން ކުރުމަކީ ދިވެހިން އެދޭ އެމީހުން ނިންމާފައި އޮތްގޮތެވެ.
ރައީސް ޔާމީނުގެ އެމުއްދަތު ހަމަވުމާ އެކު އެ މަނިކުފާނު ވަގުތުން މިނިވަން ކުރުމަކީ ރައީސް މުއިއްޒު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިވަގުތަށް ގާނޫނީ ގޮތުން ރައީސް އިބޫއަށް ދެއްވޭނެ ހުރިހާ ލުޔެއް ރައީސް ޔާމީނަށް އެވަނީ ލިބިފައެވެ. ބާކީބަައި މުއިއްޒާ ޙަވާލެވެ.
މާނަޒާހަތްތެރިން ކަމަށް ދެއްކެން އަދީބަކާ ޒިޔަތެއް މިނިވަން ވެގެން ބޮކިއަރުވާ މީހުން އެބަފެނެއެވެ. ކޮންތާކު ހެއްޔެވެ؟ ދިވެހިންގެ ގިނަ ބަޔަކު ތާއީދު ކުރަނީ ވައްކަމާ ޚިޔާނާތުގައި މީހުންނަށް އަދަބު ނުދީ މިނިވަން ކުރާށެވެ. ރިޕަބްލިކް އޮފް ކުޑައެމެރިކާގައި ވަގުންނެއް ނުތިބޭނެއެވެ. ނިމި ނިމިފައި ފެށޭނީ ވެސް ހައްތާވެސް ޗޯރުންގެ ވެރިކަމެވެ.