ތުރުކީ ބައު މަނަވަރު ޖެހޭނީ ބައު ދަގަނޑަށް ކިރަން

ތުރުކީ ބައު މަނަވަރު ޖެހޭނީ ބައު ދަގަނޑަށް ކިރަން

ސަލާންޖަހައިގެން ބޭރު ބައެއްގެ އަތުން ހަނގުރާމަ މަތީ ހަތިޔާރާއި މަނަވަރު ގެނައުމަކީ ކާމިޔާބެއް ނޫނެވެ. މާ މޮޅުކަމެއް ނޫނެވެ. ގައުމީ ސިޔާދަތާއި މިނިވަންކަން ކަށަވަރު ކޮށްދޭ ކަމެއްވެސް ނޫނެވެ. ބޭރު ގައުމުތަކުގައި ރޮއި އާދޭސްކޮށްގެން ހަނގުރާމަ މަތީ ހަތިޔާރާއި މަނަވަރު ހޯދައިގެން ރާއްޖޭން ކުރާނީ ކީއްހެއްޔެވެ. ދުވަހުން ދުވަހަށް އެތަކެތި ހިންގާ ބެލެހެއްޓުމަށް ކުރަންޖެހޭ ހޭދަ ކުރެވޭވަރުގެ ފުދުންތެރި ކަމެއް ރާއްޖެއަކުނެތެވެ. ހިންގާ ބަލަހައްޓާ އާބާތުރަ ނުފިލުވި ބައު ދަގަޑަށް ކިރަން ނޫނީ ޖެހޭނީއެއް ނޫނެވެ. 

ސަރަހައްދުގެ އެހެން ގައުމުތަކުގެ އަސްކަރީ ބާރުވެރިކަމާ އަޅާބަލާއިރު ރާއްޖެއިން މިސައިލް ފޮނުވާ މަނަވަރެއް ހޯދުމަކީ ކަނޑު މެދަށް ތިނޯހެއް ވައްޓާލުން ކަހަލަ ކަމެކެވެ. މިސައިލް ފޮނުވާ މަނަވަރެއް ދެ މަނަވަރެއް ރާއްޖޭއަށް ހޯދައިގެން ހަނގުރާމައެއް ކޮށްގެން ސިޔާދަތެއް މިނިވަންކަމެއް ދިފާއެއް ނުކުރެވޭނެއެވެ. 

ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން އެތައް ސަތޭކަ އަހަރު ވަންދެން ދިފާއު ކުރެވިފައި އޮތީ ހަނގުރާމަވެރި ހަތިޔާރު ތަކަކުން ނޫނެވެ. ރާއްޖެ ސިޔާސީ ގޮތުން މިނިވަން ގައުމަކަށް ވީވެސް ހަނގުރާމަ ކޮށްގެނެއް ނޫނެވެ. ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއު ކުރެވުނީ ދޭދޭ ގައުމުގެ މެދުގައި އޮންނަ މައްސަލަތަކުގެ ތެރެއަށް ނުވަނުމާއި ވަކިފަރާތަކަށް ނުޖެހުމާއި ދެމެހެއްޓި އިތުބާރާއި ގާތް ގުޅުމުގެ ސަބަބުންނެވެ. ކަނޑި ބަޑިއާއި ޓޭންކަރާއި މަނަވަރަކުން ނޫނެވެ. 

ހަނގުރާމަވެރި ވިސްނުން މުއިއްޒުގެ ސިކުނޑިއަށް ވެރިވެގަނެގެން މިއުޅެނީ ކޮންކަމެއް ލައިގަނެގެން ހެއްޔެވެ. އިންޑިއާއަށް ގޮތް ދައްކަން ކުރިކަމެއް ނަމަވެސް މިހާރު ދެން އެ ސަކަރާތް ޖެހުން ހުއްޓަން ވެއްޖެއެވެ. ނުއުފުލޭވަރުގެ ބޮޑެތި ބުރަ ބޮލަށްލައިގެން އުފުލަން އުޅުމުގެ ބޭނުމެއް ނެތެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި އަމާންކަން އިންޑިއާއި ބަލަހައްޓާނެއެވެ. ރާއްޖޭން އެމީހުނަށް އެކަމުގައި ދެވެން އޮތް އެއްބާރުލުމެއް ދިނީމާ އެކަން ނިމޭނެއެވެ.

މަސްކަނޑު ބަލަހައްޓާ ޕެޓްރޯލްކުރަން މިސައިލް ފޮނުވާ މަނަވަރާއި ޑްރޯނަކަށް ބޭނުމެއް ނުވާނެއެވެ. ސިޔާދަތާއި މިނިވަންކަން ދިފާއުކުރާ ނަމުގައި ބައު ދަގަޑަށް ކިރަންވެފައި ތަންތާހުންނަ ޓޭންކަރާއި މަނަވަރު ގެނެސްގެން އިތުރަށް ވާނީ ދަރަނިވެރިއެވެ. މަނަވަރާއި ޓޭންކަރުތައް ހިންގާ ބެލެހެއްޓުމަށް ކޮންމެ ދުވަހަކު ކުރަން ތަރުތީބުވަމުންދާ ބޮޑު ހަރަދާއި އިސްރާފް ހުއްޓާލާ ރައްޔިތުންގެ ބޭސް ފަރުވާއާއި ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށް ހޭދަކުރުން މާ ހައްގެވެ. ލިބޭ އެއްޗަކުން ވައްކަން ނުކޮށް އިސްރާފްނުކޮށް ރައްޔިތުންނަށް ދިރިއުޅުން ފަސޭހަ ކޮށްދީބަލާށެވެ.