ގޮށްމުށުގެ ވެރިކަމާ ވާދަކުރުމަށްވުރެ ބޮއިކޮޓްކުރުން ބުއްދިވެރި!

ގޮށްމުށުގެ ވެރިކަމާ ވާދަކުރުމަށްވުރެ ބޮއިކޮޓްކުރުން ބުއްދިވެރި!

އެންމެން އެއްވާނަކަށް ދައްކަނީ ރައީސް މުއިއްޒު ދައުލަތް މުށުތެރެއަށް ލައިގެން އުޅޭ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހަކީ ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ހަދާފައިވާ ވާހަކައެވެ. މިނިވަން މުއައްސަސާތަކުގެ ފުރިހަމަ ކޮންޓްރޯލް ރައީސް މުއިއްޒު އަތްޕުޅަށް ނަންގަވާފައިވާ ވާހަކައެވެ. ފަނޑިޔާރުގެއަށް ނުފޫޒު ފޯރުއްވާ ފަނޑިޔާރުންނަކީ ރައީސް މުއިއްޒުގެ ބުމަރުތަކަކަށް ހައްދަވަމުންދާ ވާހަކައެވެ. ހަމަ އެހެންމެ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލާ މުޅި އެ ނިޒާމް ގަޑުބަޑުކޮށް ވާގި ނައްތާލަމުން ގެންދަވާ ވާހަކައެވެ. 

ރާއްޖޭގެ ހުރިހާކަމެއް ހައްދެއްނެތް މިންވަރަށް ރައީސް މުއިއްޒުގެ އަތްޕުޅުގެ ދަށުގައި އޮވެގެން ރައީސް މުއިއްޒު ބޭނުންފުޅު ނުވާ ގޮތަކަށް އެއްވެސް ކަމެއް ނިޒާމުގެ ތެރެއިން ހިނގުމަކީ މުސްތަހީލު ކަމެކެވެ. ވަކި ގޮތަކަށް ކަމެއް ހިނގުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވެވަޑައިގަންނަވާނަމަ އެކަމެއް ނިޒާމުގެތެރއިން ނިމިގެން ދާނީ ރައީސް ބޭނުންފުޅުވާ ގޮތަކަށެވެ. ތަހުގީގެއް ވިޔަސް ޝަރީއަތެއް ވިޔަސް އިންތިހާބެއް ވިޔަސް މިއޮތް ނިޒާމުގެތެރެއިން ނިމިގެންދާނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަކަށެވެ. 

ސިޔާސީ ވާދަވެރިންނާއި އާއްމު ގަބޫލުކުރުން އެގޮތަށް އޮތް އިރެއްގައި ރައީސް މުއިއްޒު ބޭނުންފުޅު ނޫން ގޮތަކަށް ނިޒާމްގެ ތެރެއިން އެއްވެސް ކަމެއް ވެދާނެކަމަށް ގަބޫލުކުރުމަކީ މޮޔަކަމެކެވެ. މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއާއި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ރައީސް މުއިއްޒު އަތްޕުޅުގައި އޮވެގެން މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވިދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. 

ދައުލަތުގެ ހުރިހާ ބާރެއް ރައީސް މުއިއްޒުގެ އަތްޕުޅުގައި އޮތްކަމަށް ގަބޫލުކޮށްގެން ތިބެ މުއިއްޒުގެ އަތްޕުޅުގެ ދަށުން އިންސާފުވެރި އިންތިހާބެއް ލިބިދާނެ ކަމަށް އިންތިހާބެއްގައި ވާދަކުރަން ވާދަވެރިއަކު ހިތަށްވެސް އަރުވައިގެން ނުވާނެއެވެ. ހުދުމުުތާރު ވެރިކަމެއް އޮންނައިރު ވާދަވެރިން އިންތިހާބުތަކަށް ނިކުމެ ވާދަކުރިޔަސް ލިބޭނެ މޮޅެއް ނުއޮންނާނެއެވެ. ބޭއިންސާފު އިންތިހާބެއްގައި ވާދަކޮށް ބަލިވުމުން އިންސާފު ހޯދަން ދާނެ ތަނެއް ނެތްއިރު ވާދަކުރުމުގެ ބޭނުމެއްނެތެވެ. 

އިދިކޮޅު ޕާޓީތަކުގެ ޓިކެޓްގައި މިނިވަންކަމާއި އިންސާފު ކަށަވަރުނުވާ އިންތިހާބުތަކުގައި ވާދަކޮށްގެން ބަލިވުމުން ދައްކާދެވެނީ އިންސާފުވެރި ނޫންކަމަށްވުރެ ބޮޑަށް ތާއީދު ނެތްކަމެވެ. ހުދުމުހުތާރުވެރިޔާ އިންތިހާބުތައް ކާމިޔާބުކުރަން ތާއީދު ހޯދުމަށް ކޮށްފައި ނުކުރާނެކަމެއް ނުއޮންނާނެއެވެ. ލޯކަލްކައުންސިލް އިންތިހާބު ވިޔަސް ބަލިވީމާ ވާނީ ބައްޔަކަށެވެ. ގޮށްމުށުގެ ވެރިކަމަކާ ދެކޮޅަށް އިންތިހާބެއްގައި ވާދަކުރުމަށްވުރެ އިންތިހާބު ބޮއިކޮޓްކުރުންވެސް ބުއްދިވެރިއެވެ. އޭރަކުން ތާއީދުނެތިގެން ބަލިވީކަމަށްވެ ސަޕޯޓަރުން މާޔޫސެއް ނުވާނެއެވެ.