މަގޭ މެންބަރު ހޫރައެއް ނުލެވޭނެ!
ފަހުން ގެންނަ ބަދަލަކުން މުއްދަތު ކުރުކޮށްލުމަކީ އަސާސީހައްގަކަށް އަރައިގަތުން
ކޮންމެ މީހަކަށްމެ އެ މީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށްމެ ކަށަވަރުކޮށް ދީފައިވާ އަސާސީ ހައްގެކެވެ. ރައްޔިތުންގެ މަޖިލީހަށް ދާއިރާތަކުން ވޯޓުދީގެން މެންބަރުން ހޮވަނީ އެ ހައްގުގެ ދަށުންނެވެ.
- ފެންނަ ނުފެންނަ ވޯޓަކުންވެސް ހިނގަމުންދާ ދައުރެއް ކުރެއް ނުކުރެވޭނެ!
- މެންބަރުން ހޮވަނީ މެންބަރުގެ ގޮޑި ގެއްލޭނެ ގޮތްތަކާއި ޒިންމާތަކާއި ވާޖިބުތައް އެނިގިތިބެ
- ފަހުންގެންނަ ބަދަލަކުން މުއްދަތު ކުރުކޮށްލުމަކީ އަސާސީ ހައްގަކަށް އަރައިގަތުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާރު އެތިބަ މެންބަރުންނަކީ ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގުގެ ދަށުން 5 އަހަރު ދުވަހަށް ދާއިރާތަކުގެ ރައްޔިތުން ހޮވާފައި ތިބި ބަޔެކެވެ. މަޖިލީހަށް މެންބަރު އިންތިހާބު ކުރީ ހޮވިއިރު އޮތް ލެޖިޓިމޭޓް ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މަޖިލީހަށް މެންބަރުން ހޮވަނީ މެންބަރުގެ ގޮޑި ގެއްލޭނެ ގޮތްތަކާއި އޭނާގެ މައްޗަށް އޮތް ޒިންމާތަކާއި ވާޖިބުތައް އެނިގިތިބެގެން ވަކި މުއްދަތަކަށެވެ.
ރައްޔިތުން ވޯޓުދީގެން މެންބަރު ހޮވަނީ ފަހުން ގާނޫނަށް ގެންނަ ބަދަލަކުން މެންބަރު ނަގާ ހޫރާލާ ގޮތަކަށް ނޫނެވެ. މަގާމަށް ހޮވިއިރު އޮތް ޝަރުތުތަކާއި ހަމަތަކުގެ ބޭރުން ފަހުންގެންނަ ބަދަލަކުން ގޮނޑި ގެއްލުވާލުމާ މުއްދަތު ކުރުކޮށްލުމަކީ ރައްޔިތުންގެ އަސާސީ ހައްގަކަށް އަރައިގަތުމެކެވެ.
ދައުރު ކަނޑައެޅި ވަކި މުއްދަތަކަށް އިންތިހާބު ކުރެވޭ މަގާމުތަކުގެ އުމުރު ފަހުން ގެންނަ ބަދަލަކުން ދިގުވާ ގޮތަށް ނުވަތަ ކުރުވާގޮތަށް ގާނޫނުގައި ކަނޑައަލާ ކަނޑައެޅުން ހިނގަ ހިނގާ އޮތް ދައުރުގެ މައްޗަށް ތަންފީޒު ކުރުމަކީ ގާނޫނުގެ ހަމައެއް ނޫނެވެ. އެފާޑުގެ ބަދަލުތައް ތަންފީޒުވާނީ ދެން އަންނަ ބައެއްގެ މައްޗަށެވެ.
ފަހުންގެންނަ ބަދަލަކުން އެއްވެސް ފަރާތަކަށް ލިބިގެންވާ އަސާސީ ހައްގެއް އުނި ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީ ކަށަވަރުކޮށްދެއެވެ. މަޖިލީހުން ފާސްކުރާ ފާސްކުރުމަކުން ވެސް އަސާސީ ހައްގެއް ހަނިކުރެވޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ކޮށްއުޅޭ އެންމެ ކުޑަ މިންވަރަށެވެ. އެގޮތުންވެސް ކޮންމެ މީހަކަށްމެ އެ މީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ހަންޏެއް ނުކުރެވޭނެއެވެ.
ރައްޔިތުމީހާ ފަސް އަހަރަށް އިހުތިޔާރުކުރި މަންދޫބުގެ ދައުރުން ބައެއް އުނިކޮށްލުމަކީ ގާނޫނީ ކުށެކެވެ. ރޭވިގެން އަސާސީ ހައްގަކަށް އަރައިގަތުމެކެވެ. ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންވެސް ހިނގަހިނގާ އޮތް ދައުރެއް ކުރެއްނުކުރެވޭނެއެވެ.




