މަޖިލީހުގައި އިނދެ ފޮރިޖެހީ - ކުރިކަމެއް ހަރާން
މެގަ ޗިޕެއް އައްޑޫ މީހުންގެ ބޮލަކަށް މުޖެހޭނެ
އައްޑޫގައި މިހާރު ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަވަން އިލްޔާސް ލަބީބް ކޮންމެހެން އުޅުއްވާނެ ކަމެއްނެތެވެ. ރައީސް ސޯލިހު ސަރުކާރުން ފަށަފައިވާ އައްޑޫ ތަރައްގީ ވަށަޖެހޭ މަޝްރޫއުތައް ނިމި ދެ އަހަރަށް ވުރެ މާކުރިން އޭގެ ފޮނި މީރު އައްޑޫ ރައްޔިތުންނަށް ލިބޭނެއެވެ. އިލްޔާސް ލަބީބު ވެރިކަން ހޯއްދަވައިގެން ދެ އަހަރު ތެރޭގައި އައްޑޫ ތަރައްގީކޮށް ނިންމަވާ ވާހަކަ ވިދާޅުވިޔަސް އިލްޔާސް ލަބީބަށް ކުރެއްވޭނީ ކީއްކަން އެންމެ ރަނގަޅަށް އެނގޭނީ އައްޑޫ ރައްޔިތުންނަށެވެ.
ރައީސް ސޯލިހު އައްޑޫގެ ތަރައްގީއަށް ވެވަޑައިގެންފައިވާ ވައުދުތައް ނިންމާ ހޮޅިޖައްސަން އިލްޔާސް ލަބީބަކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އައްޑޫ ރައްޔިތުންގައި އޮތް ވަތޮނީ ރޫހުގެ ނަޖާއިޒު މަންފާ ހޯދުމަށް ހުޅުދުއަށް އުފަން މީހަކަށް ރިޔާސީ ޓިކެޓް ދީގެން އައްޑޫ މީހުން މޮޔަހައްދަން ނަޝީދު ނިކުތަސް މިހާރަކު އެކަމެއް ނުވާނެއެވެ. ނަޝީދަށް މީހުން ގުނބޯ ހައްދައިގެން ގެންގުޅެވުނު ދުވަސް މާޒީވެއްޖެއެވެ.
އައްޑޫ ތަރައްގީ ކުރުމަށް މި ސަރުކާރުތަކުން ފަށާފައިވާ ކަންކަމާއި ވެފާވާ ވައުދުގެ ސްޓޮކެއް ނަގާނެ އެކަންކުރާނެ ސަރުދާރަކު އައްޑޫ ރައްޔިތުން ހޯދާކަށް ނޫޅެއެވެ. އަކުރުން އަކުރަށް ފިލިން ފިއްޔަށް އެކަންކަން މިސަރުކާރުން އައްޑޫގައި އެބަކުރެއެވެ. އެކަން ކުރުމަށް އިލްޔާސް ލަބީބަކަށް ބޭނުމެއް ނުވެއެވެ.
އެންމެ ތިރިން ފަށައިގެން އެންމެ މައްޗަށް ހުރިހާ ކަމެއް އެނގިވަޑައިގެން ހުންނަވާ އިލްޔާސް ލަބީބަށް އައްޑުއަށް މީގެކުރީން ކޮއްދެއްވުނީ ކޮންކަމެއް ހެއްޔެވެ. މަޖިލީހުގެ މެންބަރު ކަމުގައި އިންނަވާ ފޮރިޖެހީއެވެ. އަމިއްލަ ގާތަށް ބޮޑު ކުރެއްވުމަށް ކުރެއްވި ކަމެއް ނޫނީ ސަރުކާރުގެ ތެރެއިން އިލްޔާސް ލަބީބް އިސްވެ ހުންނަވާ އައްޑުއަށް ކޮށްދެއްވުނު ކަމެއް ނެތެވެ.
ސިޔާސީ ގޮތުން މާޒީގައި އިލްޔާސް ކުރެއްވިހާ ކަމެއް ކުރެއްވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދުއާއި ދެމެދުގައި ނަފްރަތު އުފެއްދެވުމެވެ. މެންބަރެުކަމުގައި އިންނަވައިގެން އިލްޔާސް ލަބީބުގެ ފިއްތުމާ އެއްބާރުލުން ނުލިބި އައްޑުޢަށް ލިބެން އައި އެތައް ފުރުސަތު ތަކަކަށް ހުރަސް އެޅިގެން ދިޔައެވެ.
އަނެއް ކޮޅުން އިލްޔާސް ލަބީބަކީ ރައީސް ނަޝީދުގެ ގޮނޑިކޮއްކޮއެއް ކަމަށް އަމިއްލަފުޅަށް ވަނީ އިއުތިރާފް ވެވަޑައިގެންފައެވެ. އަމިއްލަ ނަފުސުގެ ބާރުވެރިކަމެއް ނެތް، މީހެއްގެ ޕަޕެޓަކަށް އިތުބާރުކޮށް ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހަވާލު ކުރާހާ އައްޑޫ ރައްޔިތުން މޮޔައެއް ނޫނެވެ. މީހަކު ދައްކާ މޮޅު ވާހަކައަށް ވުރެ އަމަލީ ގޮތުން ހިނގަމުންދާ ކަންކަން ރައްޔިތުންނަށް އެބަފެނެއެވެ.
މުޅި އައްޑޫ ވަށާޖެހޭ ގޮތަށް ރައީސް ސޯލިހު ފައްޓަވާފައިވާ މެގަ މަޝްރޫއުތައް ހުއްޓޭކަށް އައްޑޫގެ ގިނަ ރައްޔިތުން ނޭދެއެވެ. އެހެން ބަޔަކާ ހަވާލުވެގެން މަޝްރޫއުތައް ލަސްވެ ފަސްވާކަށް ވެސް ރައްޔިތުން ބޭނުމެއް ނުވެއެވެ. ވަށާޖެހޭ ގޮތަށް ތަރުތީބުން ރޭވި ހިނގަމުންދާ ކަންކަމުގެ ތަރުތީބު އޮޅި ބުރޫއަރާކަށް އައްޑޫ ރައްޔިތުން ބޭނުމެއް ނޫނެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށްވުރެ މޮޅު އެހެން ގޮތެއް އައްޑޫއަށް ވެސް ނެތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އައްޑޫ މީހަކު ރައީސްކަމުގައި ނެތިގެން އައްޑޫ ރައްޔިތުން ނޫޅެއެވެ. އައްޑޫ ރައްޔިތުން ބޭނުންވެގެން އުޅެނީ އައްޑޫ ތަރއްގީކޮށްދޭ ހިކުމަތްތެރި ނަތީޖާ ނެރެދޭ ކެއްތެރި ވެރިއެކެވެ. ރައީސް ސޯލިހަށް އައްޑޫ ގިނަ ރައްޔިތުން އިތުބާރު ކުރެއެވެ. ނަތީޖާ ނެރެދެއްވާ ވިޝަނަރީ ލީޑަރަކު ދޫކޮށް އައްޑޫ މީހާވެގެން އިލްޔާސް ލަބީބު ވެރިކަމަށް ގެންނާކަށް އައްޑޫމީހުން ނޫޅެއެވެ. ކުރިއަކުންވެސް އަދި މިހާރަކުވެސް މެގަ ޗިޕެއް އައްޑޫ މީހުންގެ ބޮލަކަށް މުޖެހޭނެއެވެ.