ފުލުހުންނަށް އިތުބާރުނުކުރެވުމުގެ ކުޑަމިންވަރެއް މިއޮތީ!

ފުލުހުންނަށް އިތުބާރުނުކުރެވުމުގެ ކުޑަމިންވަރެއް މިއޮތީ!

ފުލުހުން ރުއްސަން ފުލުހުން ދޮގު ނުހަދާނެކަމަށް ރައީސް މުއިއްޒު ބުނުމަކުން ހައިރާނެއް ނުވެއެވެ. ދޮގު ހަދާ މީހުންގެ ވާހަކަ އެންމެ ރަނގަޅަށް ދެއްކޭނީ ހައްދަވައިގެން އެންމެ ތެއްދެއްވެސް ނުހަދާ މުއިއްޒު ކަހަލަ މީހަކަށެވެ. ރޯމާ ދުވާލު ރޯބުހުތާން ދޮގުހެދުން ހެދުމަށް އެނދުކެނޑިފައިވާ މުއިއްޒަށް އޭނާގެ ވެރިކަމުގައި ފުލުހުން ދޮގުހަދާ ކަމަކަށް ނުވާނެއެވެ. 

ރާއްޖޭގެ ފުލުހުންނަކީ އެމީހުންގެ ވެރިން ރުހޭ ވެރިންނަށްޓަކާ މުއައްސަސާގެ ކަރާމާތް ވެއްޔާ މޮޑެލުމަށް އެއްވެސް އިރެއްގައި ޖެހެލުންވާ ބައެއް ނޫނެވެ. ފުލުހުން ނުރުހޭ ވެރިން ވެރިކަން ކުރިޔަ ނުދިނުމަކީވެސް ފުލުހުންގެ ކަށީގެ މަދުގައި ހިފާފައި ހުންނަ ކަމެކެވެ. އެހެންކަމުން ފުލުހުންގެ މުއައްސަސާއިން ކިތަންމެ ރަނގަޅަށް ކަމެއްކުރިޔަސް އެކަމަކީ ރުހުމުގެ ލޮލުން ދެކެވޭ ކަމަކަށް އޮންނަނީ ނުވެފައެވެ. 

އީވާން ނަސީމްގެ މަރާ ބަޑިޖަހާ ގައިދީންތަކެއް މަރާލިފަހުން ފަހުގެ ތާރީހެއް އެންމެ ފުރަމަ އެންމެ ބޮޑު ނުތަނަވަސް ކަމެއް އުފެދުނު ކަމަކީ އައްޑު އަތޮޅު ހިތަދޫ ހުސައިން ސޮލާހުގެ މަރުގެ ހާދިސާއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ހުސައިން ސޮލާހު މަރުވެފާ މޫދުގައި އޮއްވާ ފެނުނު ހިސާބުން ފެށިގެން  އޭރުގެ ސަރުކާރުގެ ވެރިންނާއި ފުލުހުން ގުޅިގެން ކަންކަން ކުރި ގޮތުން ފުލުހުންގެ އިތުބާރު މުޅިން ކެނޑިގެން ދިޔައެވެ. ބޭރުން ޕޯސްޓްމޯޓަމް ހަދައިގެން މާލެ ގެނެސް ވަޅުލީ ހުސައިން ސޮލާހު ކަމާމެދު އަދިވެސް ޝައްކު އުފައްދައެވެ. 

ހަގީގަތާ ހަމައަށް ވާސިލު ނުވެވޭ އިންސާފު ހޯދާނުދެވޭ އެތައް ބައިވަރު ގޭންގް މަރާމާރީގެ މަރުތައް ހިނގާ ނިމިގޮސްފައިވެއެވެ. ގޭންގް މާރާމާރީގެ ކޮންމެ މަރަކާހެން ފުލުހުންގެ ތެރެއިން ކޮންމެވެސް ބަޔަކާގުޅި ލާމެހިފައި އޮވެއެވެ. 

ފެބްރުއަރީ ހަތެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެ ހުތުރު މާޒީން ފުލުހުންގެ މުއައްސަސާއަށް އަދިވެސް އެއުޅެނީ އަރައި ނުގަނެވިގެންނެވެ. ފެބްރުއަރީ 7 ގެ ހަމަނުޖެހުން ތަކަށް ފަހު އުފެދުނު ބަގަވީ ސަރުކާރުގެ ދުވަސްވަރު ރާއްޖެ ސިއްސުވާލި މަރަކީ ޑރ. އަފުރާޝީމް އަވަހާރަ ކޮށްލުމެވެ. ކުއްލިޔަކަށް ސީން ސާފުކޮށް، ސީން ރޫޅާލާ ޕޯސްޓް މޯޓަމެއް ނުހަދާ އަވަސް އަވަހަށް ވަޅުލާ ނިންމާލީއެވެ. ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް އޮތްތާކު އޮތީއެވެ. އަދި އަދަށް ދާންދެން ގައުފޮރޮޅާ މީހުން ގައު ފުރޮޅަނީއެވެ. ޕްލެޓް ފޯމް ނުލިބިގެން ހަގީގަތް ބުނެނުދެވިފާ ހުރި މީހާވެސް ޕްލެޓްފޯމް ހޯދަނީއެވެ.

މަރުތަކާ ގެއްލުނު މީހުންގެ ވާހަކަ ބާއްވާފައި ފުލުހުން ލައްވާ ވެރިން ކުޅުވާ ޑްރާމާ ތަކުގައި ޖެހިގެންވެސް މުޅި މުއައްސަސާ އޮތީ ހަރާބުވެފައެވެ. ރައީސް ޔާމީނުވެރިކަމުެ ފަހުކޮޅުގައި ހިނގި ސިޔާސީ ޗަރުކޭހުގައި ގުރުބާން ކުރެވުނީ ފުލުހުންނެވެ. ނާޒިމް ގޭން ފެނުނު ފިސްތޯލައާއި ރައީސް މައުމޫނުގެ ކަޅުފޮއްޓާއި ލަންކާ ސްނައިޕަރާއި ފައިސާ ކަޅުދަބަހާ ގޮދަނޑިދަށުގައި އަތުރާފައި ހުރި ނަގުދު ފައިސާގެ ބަންޑެލިތަކާ މިހުރީ ހަގީގަތެއް ނެތި ފްރޭމް ކުރުމަށް ފުލުހުން ކުޅުނުހާ ޑްރާމާއެވެ. މިވަރުގެ ބަޔަކަށް ބަޔަކު އިތުބާރު ކުރާނީ ކިހިނެތް ހެއްޔެވެ.