ޝަހީމަށް ހައްޖުވީ ކަންދެއްކުމުގެ ޗަރުކޭހަކަށް
އުލުހިޔާ ކަތިލިކަން ދެނެހުރި މީހަކުނެތް.
ހައްޖުން ކުރިހާ ވައްކަން ފޮރުވަން ބަޔަކު ބޮލުގައި ފޮށާ އޮޅުވައިގެން ނެރެ ގިރަނީ ރަނބައެވެ. ވަރުގެ ކޮޅަށް ހައްދައިގެން ރީތިހާ ލޮބީތަކުގައި މީހުން ބައިތިއްބައިގެން ވީޑިއޯކޮށްގެން ޖަހަނީ ކޮންސަކަރާތެއްކަން އެކަކަށްވެސް ނޯޅެއެވެ.
ދޮޅުހާ ހެއްހާ މީހުން ރާއްޖޭން މިއަހަރު ހައްޖަށް ދިޔައިރު ވަކި ދެތިން މީހެއްގެ ވީޑިއޯ ހަދައިގެން ކުރި ވައްކަމާއި ހައްޖާޖީންނަށް ޖެއްސިހާލުގައި މައްޗެއް ނޭޅޭނެއެވެ. ރާއްޖޭން ބަޔަކު ހައްޖަށް ދިޔައީ މިއަހަރު އެކަންޏެއް ނޫނެވެ. ހައްޖުވެރި ކައިބޮއެ ހޮޓާތަކުގައި ނިދާ އުޅުނީކީ އަލަކަށް ނޫނެވެ. ދަރުސް ދިނުމާއި މަގުދެއްކުމަކީ އަލަކަށް ކޮށްއުޅުން ކަމެއް ނޫނެވެ. ބަޔަކަށް މާއައުވެ ގަނެގެން އުޅޭނެ ކަމެއް ނެތެވެ.
މަގުއޮޅޭ މީހުން ޑިވައިސެއްގެ ޒަރީއާއިން ހޯދަން ފެށީކީ ވެސް މި އަހަރަކު ނޫނެވެ. މަގު އޮޅުނު ސަތޭކަ މީހެއްގެ "ލޮކޭޝަން ޓްރެކް" ކުރިވާހަކަ ފޮނިވެފައި ދައްކަން ލަދު ނުގަންނަކަމެވެ. ސަތޭކަ މީހުނަށް މަގުއޮޅޭނީ ކިހާ ބޮޑަކަށް ނުބެލެހެއްޓިގެން ހެއްޔެވެ. ރަނގަޅަށް ހާޖީން ބެލެހެއްޓިނަމަ ސަތޭކަ މީހުނަށް މަގު އޮޅެގެން އުޅޭކަށް ނުޖެހޭނެއެވެ.
ހައްޖުވެރިންނަށް ކާންދިނުމަށް ބޭނުންވާ ކާބޯތަކެތި ހޯދުމުގައި އޮތީވެސް ކޮރަޕްޝަނާ ފަސާދައެވެ. ހައްޖުވެރިންގެ ކަންކަން ހަމަޖެއްސުމަށް އެހީތެރިންގެ ގޮތުގައި ގެންދިޔަ ދެރަވަރު މީހުން ނިދާއުޅުނީ ދަންފަޅި ބަހައިގެންނެވެ. ދެރޭ ތިންރޭ ނުނިދާއުޅުނު މީހުން ތިއްބެވެ.
ހައްޖުވެރިންނަށް ދިވެހި ރަހަލިބޭ ކާބޯތަކެތި ހޯދުމަށް ހިންގާފައިވަނީ ކޮރަޕްޝަނެވެ. ހައްޖާޖީންނަށް ކާންދިނުމަށް ބޭނުންވާ މަސް ގަތުމުގައިވެސް ފުޅާ ދާއިރާއެއްގައި އޮތީ ކޮރަޕްޝަނެވެ. ބިޑު ކުރުމެއް އަގުބެލުމެއް ނެތެވެ. ހައްޖު ކޯޕަރޭޝަންގެ އިސް މީހުނަށް ބައިއަޅައިގެން ގާތް މީހަކު މެދުވެރިކޮށް ޖީބުތައް ފުރާލީއެވެ.
އަނެއްކޮޅުން އުލުހިޔާ ކަތިލިކަން ދެނަހުރި ހައްޖީޖީއަކު ހުރިކަމަކަށް ނުވެއެވެ. ހައްޖުވެރިންގެ ނަމުގައި އުލުހިޔާ ކަތިލަން ހަރަދުކުރީ ކިހާފައިސާއެއް ކަމެއް އެކަން ހަވާލުކުރީ ކާކާކަމެއް ދެނެހުރި މީހަކުވެސް ހުރިކަމަކަށް ނުވެއެވެ. ކުޑަމިނުން އުލުހިޔާ ކަތިލިކަމެއް ނޫން ކަމެއްވެސް ނޭނގޭ ކަމަށް ވެއެވެ.
ޖަމްރާއަށް ހިލައުކުމުގައިވެސް ކުރީ ވައްކަންކަމަށް އެކަން ދެނަހިރި ހައްޖާޖީން ބުނެއުޅެއެވެ. ހައްޖުގެ އަޅުކަމާ ގުޅޭ އެންމެ ކުދިކުދި ކަންކަމުން ފެށިގެން ކޮރަޕްޝަން ނުހިމެނޭ އެއްކަމެއްވެސް ނެތްކަމަށް ވެއެވެ. އިސްލާމިކް މިނިސްޓްރީގެ އެކްސް އެކައުންޓުގައި ރާގުރާގަށް މީހުން ލައްވާ ޑްރާމާ ކުޅުވިޔަސް ހައްޖުން ވައްކަން ނުކުރާ ކަމަކަށް ނުވާނެއެވެ. އެކަމަކު އެންޓި ކޮރަޕްޝަން ކަމިޝަނާއި އޮޑިޓަރ ޖެނެރަލް ތިބީ ނިދާފައެވެ.
އިސްލާމިކް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓްގައި ހުންނަ ޝަހީމްގެ ޗަރުކޭސް ވީޑިއޯތައް ބަލަމުން އަތްޖަހާނީ މުއިއްޒާއެކު ދައުލަތް ދަވާލައިގެން ބައިލިބޭ މީހުންނެވެ. ގިނަބަޔަކު އެވާހަކަތައް ގަބޫލެއް ނުކުރެއެވެ. ވާނީ އެހެން ނޫން ހެއްޔެވެ. މިފަހަރު ބޮޑު ހޭދަކޮށްގެން ހައްޖަށް ދިޔަ ގިނަ މީހުން އުޅުނީ ފިސާރި ދައްޗާ ތުރާލުގައެވެ.