ފުރަތަމަ ގާނޫނު ހިންގަންވީ ފުލުހުންގެ މައްޗަށް
ކުށް ނައްތާލަން ފާޑުފާޑުގެ އޮޕަރޭޝަންތައް ފުލުހުންލައްވާ ހިންގުމުގެ ކުރިން ގާނޫނު ހިންގަންވީ ފުލުހުންގެ މައްޗަށެވެ. ގާނޫނާއި ހިލާފުވާ މީހުން ފުލުހުންގެ ތެރޭގައި ގިނަކަމުން ފުލުހުން ހިންގާ އޮޕަރޭޝަނަކުން އެދެވޭ ހެޔޮ ނަތީޖާއެއް ނިކުމެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ކުށް ކުރުމުން ރައްޔިތުން ދުރުކުރުމާއި ހަވާލުވެ ތިބި ބައެއްގެ ތެރެއިން ފެންނަން ނުވާ ވަރަށް ކުށްކުރުން ފުލުހުންގެ ތެރޭން ފެނުމަކީ ކިހާ ދެރަ ކަމެއް ހެއްޔެވެ. ރާއްޖޭގައި އޮގަނައިޒް ކުރައިމްއޭ ކިޔާބާވަތުގެ ކުށްކުށުގައި ފުލުހަކު ޝާމީލުނުވެ ކުށެއް ހިނގަނީ މަދު ފަހަރެއްގައެވެ. އާއްމު ކޮށްފައިވާ ފުލުހުންގެ ރެކޯޑްތަކަށް ބަލާލިޔަސް އެއީ ފެންނަން އޮތް ހަގީގަތެކެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ފެށިގެން ބޮޑެތި އޮގަނައިޒް ކުރައިމްތަކުގައި ފުލުހުންގެ ކޮންމެވެސް ބައެއްގެ ޝާމިލުވުން ނުހިގާ އޮގަނައިޒް ކުރައިމެއް ހިނގާފައި އޮންނާނީ ހާލަކުންނެވެ. ހާއްސަކޮށް ފައިސާއާއި ގުޅުންހުރި މައްސަލަތަކުގައި އެކަން ބޮޑެވެ. ޑްރަގްގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތަކާއި ސްކޭމް ހިންގުމުގައި ފުލުހުންގެ ބައިވެރިވުން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.
އޮގަނައިޒް ކުރައިމް ހިންގާ މީހުން އެ މީހުންގެ ރައްކަލަށް ފުލުހުންނަށް ދައުވަތު ދީގެން ކުށުގައި ބައިވެރި ކުރުމަކީ ގިނަ ފަހަރު ފުލުހުން އެކަހަލަ މަޅިތަކުގައި ޖެހޭ އެއް ސަބަބެވެ. ފުލުހުންނަށް ލިބިފައިވާ ގާނޫނީ ރައްކާތެރިކަމާއި ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލަ އިސްނެގުމުގައި ވެސް ފުލުހުން ބޮޑެތި ޖަރީމާ ހިންގައެވެ.
ޝަހުވާނީ އެކިވަރުގެ ކުށްކުރާ ކަމުގެ ތުހުމަތު ކުރެވެނީވެސް މަދެއްކޮށް ނޫނެވެ. ރަށްރަށުގެ ޕޮލިސް ސްޓެޝަންތަކަށް ގޮސް ތިބޭ އެކިވަރުގެ ފުލުހުންނާއި ފުލުހުންގެ އިސްމަގާމުތަކުގައި ތިބޭ ފުލުހުންގެ ކިބައިން ތިލަވާ ޝަހުވާނީ މައްސަލަތައް ވެސް އެހާގިނައެވެ. ޔޯލަކޮށްލާފައި ދެކެވޭ ވާހަކައަކަށްވުރެ ބޮޑަށް އާއްމުކޮށްފައިވާ ފުލުހުންގެ މައުލޫމާތުން ޖިންސީ ކުށުގެވެށިގައި ފުލުހުން ވަރަށް ބޮޑަށް ޝާމިލުވާކަން ސާބިތުވެއެވެ.
ކުށްކުރުމަކީ ފުލުހުންގެ ތެރޭގައި މޫލާފައިވާކަމަށް ނުބުނެވޭ ވަރެއް ނޫނެވެ. ޕޮލިހުންގެ ތެރޭގައި ވެސް ފަތުއަޑު ކިޔާފައި ހިނގަނީ ވައްކަމާއި ޖިންސީ ގޯނާއޭ މީހަކު ބުނެފިއްޔާ ނުބައިވާނީ އެ ބުނާ މީހެކެވެ. އެކަމަކު ބެލުމުގެ ދަށުގައި ހުންނަ ފައިސާއަށް ވީނުވީ ނޭނގި މަދުވުމާއި ކޮއްތު ފައިސާއިން އޮޅުވާލައިގެން އެތައް މިލިޔަނެއް ފުޅިއްސާލުން ފަދަ ކަންކަމާއި ހިންގާ ނަހަމަ ޖިންސީ ގުޅުންތަކާހުރެ ފުލުހުންގެ އިތުބާރު ވަނީ ގެއްލިފައެވެ.
ފުލުހަކު ބޮޑުކުށެއް ކޮށްގެން އުޅޭކަމުގެ ހަބަރެއް ނޫހަށް ނާރާ ދާނީ ހާލަކުންނެވެ. ފުލުހުންގެ މުއައްސަސާ އެވަރަށް ފޭލިވީމާ އިންސާފާއި ލިބުމުގެ އުންމީދު ރައްޔިތުންނަކަށް ނުއޮންނާނެއެވެ. އިތުބަރެއް އިހުތިރާމެއް ނުއޮންނާނެއެވެ. ފުލުހުންގެ ތެރޭގައި ކުށް ކުރުން އަށަގެންފައި ވާވަރުން ފުލުސް މުއައްސަސާއަކީ ގޭންގެއް ކަމަށް ބުނާ މީހުން ލައްކަ ގިނައެވެ.

